ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިޔަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕޭން ރީ-ލޯންޗް ކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ ބާއްވާނެއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. މީގެއިތުރުން އެ ޕާޓީގެ ޓިކެޓްގައި މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވާހަކަ ދައްކަވާނެއެވެ.
މި ޖަލްސާ ރަށްރަށުގައި ހުންނަ އެ ޕާޓީގެ ހަރުގެތަކާއި ޖަގަހަތަކުގައި ޕްރޮޖެކްޓަރު މެދުވެރިކޮށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީއިން އަންނަނީ މިހާރު ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އެޕާޓީއިން އަންނަނީ ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީގެ ލީޑަރޝިޕާއެކު ޒޫމް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވަމުންނެވެ.


