ލާމަރުކަޒީ ނިޒާމު ތަންފީޒުކުރާއިރު ލާމަރުކަޒުވާން ލާޒިމު ދާއިރާތަކެއް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ ލާމަރުކަޒު ވާންޖެހެނީ ތަރައްގީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރީ ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ތަރައްގީގެ އަސާސަކީ ތައުލީމާ ހުނަރާ، އިންސާނީ ވަސީލަތްތައްތަކުގެ އިތުރުން ސިއްހީ ދާއިރާ އެވެ. ދިރިއުޅުމުގެ އަސާސީ ޒަރޫރަތްތަކާއި، ވިޔަފާރިއާ، އިގްތިސާދީ ހަރަކާތްތައް އަދި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމްގެ އިންޖީނަކީ އިންތިހާބުވާ ކައުންސިލްތައް ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް-19 ގެ ހާލަތާއެކު ލާމަރުކަޒުވުމުގެ މުހިންމުކަން އެނގިގެންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން ފުރިހަމަ ކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސްވެގެން ދިޔައީސް ކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ވެސް ކާމިޔާބު މައިބަދައިގެ އޮޕަރޭޝަންތައް އައްޑޫގައި ކުރެވުނު ކަމަށާއި އަދި ކުޅުދުއްފުށީ ސިޓީގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމްކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިން ލާމަރުކަޒުމާއި މެދު އޮތް ޝައްކުތައް ފިލައިގެން ގޮސްފައިވާ ކަމަށާއި ލާމަރުކަޒުވުން ނޫން ގޮތެއްް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ވައުދު ފުރިހަމަކުރަމުންދާ ކަމަށާއި، އެއަށް ފަހު ދެމެހެއްޓެނިވި ގޮތުގައި އެކަންތައްތައް ބަލަހައްޓަމުން ދާނީ ކައުންސިލްތަކުން ކަމަށެވެ. މަސްވެެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ސަރަހައްދީ އިންތިޒާމްތަކާ ކެޕޭސިޓި އިތުރުކުރުމަށް މިފްކޯ އާއި އެގްރޯނެޓުން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 1522 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 838 ކެނޑިޑޭޓް އަދި އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް 697 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެތެރެއިން 994 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.


