ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއް ވޯޓުލުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި އަލުން ވޯޓުލާތަން ބަދަލު ކުރަން ރެޖިސްޓްރީން ވާން ޖެހެނީ މިދިޔަ އަހަރު އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށް ފަހު ފަސް ކުރި ކައުންސިލް އިންތިހާބުގައި ވޯޓުލާން ރެޖިސްޓްރީކޮށްފައިވާ ތަން ބަދަލު ކުރަން ބޭނުންވާ ނަމައެވެ.
އީސީން ބުނީ އެފަހަރު ވޯޓުލާތަން ބަދަލު ކުރި މީހުންގެ ތެރެއިން ޖަލުތަކާއި ރިސޯޓުތަކާއި މެލޭޝިއާގެ ކުއާލަލަންޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރެޖިސްޓްރީ ކުރި މީހުން ވޯޓުލާތަނެއްގެ ގޮތުގައި އޮންނާނީ ދާއިމީ އެޑްރެސް ކަމަށެވެ. އެހެން ކަމުން އެތަންތަނަށް ވޯޓުލާން ރެޖިސްޓްރީ ކުރި މީހުން އަލުން ރީރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.
ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ 2021 މާރިޗު 02 ވާ އަންގާރަ ދުވަހުން ފެށިގެން 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ
- މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
- މާލޭގައިނަމަ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޗެކްކުރެވޭނެއެވެ. އަދި އެސް.އެމް.އެސް ((VR space IDNO Send to 1414ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.


