ކުށެއް ހުއްޓުވަން ތިމާ މުޖުރިމަކަށް ނުވާށެވެ.

ހަނިމާދޫ ރިޕޯޓް އިޖުތިމާޢީ ފަހުގެ

ރޭ ގަޑިން 12:45 ވިތަނާ އަހަރެންނަށް ފޯނެއް އައެވެ. ގުޅި ފަރާތުން ދިނީ ވަރަށް ކުރު މެސެޖެކެވެ. ރަށުގެ ގެއެއްގެ ދޮށަށް ބަޔަކު އެއްވެއުޅޭ ވާހަކައެވެ. ލަސްނުވެ އެދިމާއަށް ގޮސްފީމެވެ.

އެތަނުގައި ތިބީ 25 ވަރަކަށް ޒުވާނުންނެވެ. އަހަރެން ގޮސް މަޑު ކުރިތަން ފެނުމާއެކު އެ ޒުވާނުންގެ ތެރެއިން އެކަކު ބުނާ އަޑު އިވުނެވެ. މިއޮށް އައީ އެއްކަލަ…. މިތަނުގެ މަންޒަރު ނަގައިފިއްޔާ ދުވަސް ދުއްވާލާނަން…. ކެމެރާ ހަލާކު ކޮއްލާނަން… އެހެން ޒުވާނަކު ބުނެލިޔެވެ. ބަލާބަލަ ފާސްއޮތް ތޯ… އެތަނުގެ މަންޒަރެ ނެގިކަމަށް ހީވެގެން 5 ޒުވާނުން އަހަރެންނާ ދިމާއަށް އައެވެ. ހަޅޭލަވަމުނެވެ. އެތަނުގެ މަންޒަރެއް އޭރު ނުނަގަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެތަނުގައި ވެގެން އުޅޭ ގޮތެއް ސާފުކުރަން އެތަނަށް ގޮސްތިބި ބައެއް ފަރާތްތައް ކައިރީ އަހާލީމެވެ. އެނގުނީ ވަގަށް ދޮށްޓެއް ނަގާފައި ވަނިކޮން ވަގު ހިފީ ކަމަށެވެ.

އެތަނުގައި ތިބި ބައެއް ޒުވާނުންނަކީ ސަރުކާރުގެ ވަޒީފާ އަދާކުރަމުންދާ ބައެކެވެ. ދެން ތިބީ އެއްވެސް ތަނަކު މިވަގުތު ވަޒިފާއެއް އަދާނުކުރާ ޒުވާނުންނެވެ. މުސްތަޤުބަލުގައި ހަނިމާދޫގެ ރައްޔިތުންގެ އެންމެ އިސްވެރިންނަށް ވުމަށް ކުރިމަތި ލައްވައިގެން އުޅުއްވާ ފަރާތެއްވެސް ފެނިގެން ދިޔައެވެ. އެތަނަށް އެއްވެފައިވާ މުޒަހާރާގެ ބައިވެރިން ގޮވި ގޮވެލިތަކުގައި ވަގުން ނެރެން ގޮވުމާއި ފުލުހުން ވަގުން ހިމާޔަތް ކުރާކަމުގައި ގޮވުން ހިމެނެއެވެ. އަދި އެތަނުގައި ތިބި ފުލުހުންގެ ނަންނަން ވަކިން ގޮވާ އެފަރާތްތަކަށް ޒިނޭގެ ތުހުމަތު އަޅުވަމުން ދިޔައެވެ. ތަކުރާރުކޮށް އެތަނުގެ މަންޒަރާއި އަޑު ނަގައިފިނަމަ އަހުރެނަށް އަދި ގެންގުޅޭ މުދަލަށް ގެލުން ދޭނެކަމަށް އެތަނަން އެއްވެ ތިބި މުޒަހާރާގެ ބައިވެރި ގޮވަމުން ދިޔައެވެ.

އަހަރެންނަށާއި އަހަރެންގެ މުދަލަށް ގެއްލުން ދޭނެކަމަށް ގޮވާ ބަޔަކަށް، ނުވަތަ އެއީ ކުށެއް ނޫންކަމަށް ދެކޭ ބަޔަކަށް އަޅުގަނޑު އެތަނުގެ ފޮޓޯއާއި މަންޒަރު ނެގުން ކުށަކަށްވާންވީ ކީއްވެ ހެއްޔެވެ. އެ ފަރާތްތަކަށް އެފަދަ ހައްގުތައް އޮންނަކަމަށް ދެކެންޏާ އަހަރެން ބޭނުންކަމެއް ކުރުމުގެ ހައްގު އަހަންނަށް ނެތްކަމަށް ގަބޫލުނުކުރެވުމަކީ އެންމެ ހަމަ ޖެހޭ ގޮތް ހެއްޔެވެ.

އަނެއް ބަޔަކު ގޮވަނީ އަވަހަށް ވަގު ނެރުމަށެވެ. ފުލުހުންގެ ވެހިކަލު އެގޭގެ ދޮރުމައްޗަށް ގެނައުމަށްޓަކައި އެގޭގެ ކައިރީގައި ހުރި ސައިކަލުތައް އެއްކައިރި ކުރަން ފުލުހުން އެދުމުން އެކަމަށް އެއްބަޔަކު ފާޅުގައި އިންކާރު ކުރިއެވެ. ޤާނޫނޫ ތަންފީޒުކުރާ އިދާރާއެއްގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅުމަކީ ޖިނާޢީ ދަޢުވާ ކުރެވޭ ކަމެކެވެ. ނަމަވެސް ފުލުހުން ނަސޭހަތްދީ ވާހަކަ ދެއްކުމުން މުޒާހަރާގެ ބައެއް ބައިވެރިން ސައިކަލުތައް ދުރުކުރިކަން ފާހަގަކޮށްލަމެވެ.

ބަޔަކު ހަދާނެގޮތެއް ހަދަން އެވެސް މީހެއް ފުލުހުންނަކަށް ދުލެއް ނުކުރެވޭނެއެވެ. ވައްކަން ކުރިއަސް ނުވަތަ އެހެން ކުށެއް ކުރިއަސް ތިމާއަށް ފެންނަގޮތަށް ހުކުމްކޮށް މައްސަލައެއް ނިންމުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. ޢާއްމު މަސްލަހަތައްޓަކައި ޝަރުޢީ އަދި ޤަޞާއީ ގޮތުންވެސް އެއީ ހުއްދަ ކަމެއްނޫނެވެ. މައްސަލަތައް ބަލައި ހުކުމް ކުރެވޭނީ ޙާކިމާއަށެވެ. ނުވަތަ ހާކިމާ އެބާރުތައް ހަވާލުކޮށްފައިވާ ތަންފީޒީ އިދާރާތަކަށާއި ޝަރުޢީ ކޯޓުތަކަށެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ބުނާގޮތުން އެއްވުމުގެ ބައިވެރިއެއްގެ ގޮތުން ޝުޢޫރު ފާޅުކޮށް، އެއްވުމުގައި ބައިވެރިވާންވާނީ، ޞުލްޙަވެރިކަމާއެކު، ޤާނޫނާއި ގަވާއިދުގެ ދާއިރާގެ ތެރޭގައެވެ. އާންމުންގެ މުދަލަށާއި ހަށިގަނޑަށް ގަސްދުގައި ގެއްލުން ދިނުމާއި އެކަމަށް ހިތްވަރުދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުށެކެވެ. މީގެ އިތުރުން އާއްމު އުސޫލަކީ އަމިއްލަ ތަންތަނަށް އެ ފަރާތްތަކުގެ ހުއްދައަކައި ނުލައި ވަނުންވެސް މަނާވުމެވެ.

އޮޅުވައި ނުލައްވައްޗެވެ. އެއްވެސް ހާލެއްގައި އަޅުގަނޑު މި ދަންނަވަނީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެއްލުމެއް ދެވޭއިރު އަޅައިނުލައި ހުންނާށެކޭ ނޫނެވެ. މިދަންނަވަނީ ޤާނޫނީ އިމުގެ ތެރެއިން ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރާށޭއެވެ.

މުޖުތަމަޢުގައި ކުއްކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އަދަބު ނުލިބޭކަމަށް ބުނާ ބުނުމަކީ ރަނގަޅު ވާހަކައަކަށް ވެދާނެއެވެ. މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަން އިސްލާޙުކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަކީވެސް ވަރަށް އެދެވޭ ކަމެއްކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ކުށްތައް ހުއްޓުވައި މުޖުތަމަޢު އިސްލާހްކުރުމުގެ ޖޯޝެއް ޒުވާނުންގެ ކިބައިގައި ހުރުމަކީ އުފާކުރަންޖެހޭ ކަމެއްކަމަށްވެސް ދެކެމެވެ. ނަމަވެސް އެ ޒިންމާ އަދާކުރަންވާނީ ޝަރުއީ އަދި ޤާނޫނީ ހުދޫގެ ތެރޭގައެވެ. ކުށެއް ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅަކީ ނުވަތަ ކުރެވޭ މަސައްކަތަކީ ޤާނޫނީ ގޮތުން ހުއްދަ ނުވަތަ އެކަމަކީ މަޢާފު ލިބިދެނިވި ދިފާޢެއްތޯ ވިސްނާލުން މުހިއްމުކަމަށް ދެކެމެވެ. ކުށްކުރުން ހުއްޓުވުމަށްޓަކައި އެފަދަ ފަރާތްތަކާ ދެކޮޅަށް ކުރެވޭ ތަޙްޤީޤްތަކުގައި އިހްލާސްތެރިކަމާއެކު ހެކިބަސް އަދާކުރުމަކީ ކުރެވިދާނެކަމެކެވެ.

ކުށްކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ނުވަތަ ހުއްޓުވުމަށް ތިމާ ނުކުންނައިރު ތިމާ ކުށްވެރިވާނެހެން އެކަން ނުކުރަމާތޯ…..

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ