ދ. މީދޫ ކައުންސިލުގެ ތިން މެންބަރުން މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފި އެވެ.
އެ ތިން މެންބަރުންނަކީ ވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އިންތިހާބުވި މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް އާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގު އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ، އެ މެންބަރުން ސަސްޕެންޑު ކުރަން ނިންމީ އެ އޮތޯރިޓީއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އިންކުއެރީއެއް ހެދުމަށްފަހުގައި ކަމަށެވެ.
އެގޮތުން އެ ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކޮށް އެކަމުގައި އިހުމާލު ވުމުގެ އިތުރުން ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާއި ހިލާފުވުމުން ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ.
އަދި އޭގެތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާ ކަން އިންކުއަރީން ފާހަގަވެފައިވާ ކަމަށް ވެސް އެލްޖީއޭގެ ބޯޑުގެ ނިންމުމުގައިވެ އެވެ.
މީދޫ ކައުންސިލް ތިން މަހަށް ސަސްޕެންޑު ކޮށްފައިވާއިރު، އެ މައްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމު އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ ލަފާގެ މަތިން ހަމަޖެއްސުމަށް މީދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލަށް އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ.


