ފާއިތުވި 2020 ވަނަ އަހަރުގައި ހދ.އަތޮޅުގެ ރަށު ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް، ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ހަނިމާދޫ ކައުންސިލުން ފޮނުވައިފިއެވެ.
ހދ.އަތޮޅު ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ” ކަނޑައެޅިފައިވާ މުއްދަތުގައި ރިޕޯޓް ފޮނުވާފައިވާ ރަށު ކައުންސިލު އިދާރާތަކަކީ ހދ. ހަނިމާދޫ ކައުންސިލު އިދާރާ، ހދ. ނެއްލައިދޫ ކައުންސިލު އިދާރާ، ހދ. ކުރިނބީ ކައުންސިލު އިދާރާގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ އެވެ.”
ފާއިތުވި 2020 ވަނަ އަހަރުގައި ހދ.އަތޮޅުގެ ރަށު ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ އަތޮޅުގެ ހަތަރު ރަށަކުން ކަމުގައި ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވެއެވެ.
ހދ.އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ އަތޮޅުގައި ހިމެނޭ ނައިވާދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު، ނޮޅިވަރަން، ކުޅުދުއްފުށި ސިޓީ އަދި ނޭކުރެންދޫއިން ފާއިތުވި އަހަރުގެ ރިޕޯޓް ފޮނުވާފައިވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތަށްވުރެ ފަހުންނެވެ. އަދި އެ އަތޮޅުގެ ކުމުންދޫއާއި، މަކުނުދޫގެ އިތުރުން ފިނޭ ކައުންސިލުގެ ރިޕޯޓް ފޮނުވާފައި ނުވާކަމުގައި އަތޮޅު ކައުންސިލުން މިކަމާއި ގުޅިގެން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ 105 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް އެ ރަށެއް ނިސްބަތްވާ އަތޮޅުގެ އަތޮޅު ކައުންސިލަށް ފޮނުވާންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
ހދ.އަތޮޅު ކައުންސިލުންވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ފޮނުވި ކައުންސިލުތަކަށް ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.


