ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކަޓުވާލުމަށްފަހު ޕޯޓޯ ކުއާޓާއަށް ދަތުރު ކުރިއިރު، ސެވިއްޔާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ބޮރޫޝީއާ ޑޯޓްމުންޑް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުން އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވި ނަމަވެސް، ރަށުން ބޭރުގައި ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު އެގްރިގޭޓް ނަތީޖާއިން 4-4 ން ދެ ޓީމު އެއްވަރުވި ނަމަވެސް، ޕޯޓޯއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުންނެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޓޯއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އޮލިވޭރާއެވެ. މިއީ އޭރިއާ ތެރެއިން ޕޯޓޯގެ މަހުދީ ތަރޭމީއަށް ޔުވެންޓަސްގެ މެރީހް ޑެމައިރަލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ވަނީ ލަނޑެއް ޖަހައި ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޕޯޓޯއަށް މައްސަލަތަކެއް ދިމާވީ މެޗުގެ 54 ވަނަ މިނެޓުގައި ތަރޭމީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު ޕޯޓޯގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 63 ވަނަ މިނިޓްގައި ކިއޭސާ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި އޮލިވޭރާ ވަނީ ހިލޭ ޖެހުމަކުން ޕޯޓޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން އޭޑްރިއަން ރަބިއޯ ލަނޑެއް ޖެހި ނަމަވެސް، އެގްރިގޭޓުން އެ ޓީމަށް މޮޅުވެވިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓިއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ. އެގޮތުން އެ ފަހަރު ޔުވެންޓަސްގެ މައްޗަށް ލިޔޯން ކުރިހޯދީ ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުންނެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ޑޯޓްމުންޑުގެ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގައި 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި ނަމަވެސް، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން ޑޯޓްމުންޑް ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޑޯޓްމުންޑް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މި މެޗުގައި ޑޯޓްމުންޑުގެ ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔޫސުފް އެން-ނެސީރީ ވަނީ ސެވިއްޔާއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސެވިއްޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެން-ނެސީރީއެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާއަށް ޑޯޓްމުންޑް ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2016-2017 ވަނަ އަހަރުގެ ސީޒަނުގައެވެ.


