ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ الشَّمْسَ وَالقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمُوهُمَا، فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ» [رواه البخاري / كتاب: الكسوف / باب: دعاء في الخسوف / رقم: 1060]
މާނައީ: “ހަމަކަށަވަރުން އިރާއި ހަނދަކީ ﷲ ގެ އާޔަތްތަކުގެ ތެރެއިން ދެއާޔަތެވެ. (އެބަހީ: އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ.) ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނުމުން، ކޭތަ ވީއްލަންދެން ﷲ އަށް ދުޢާކޮށް، ނަމާދު ކުރާށެވެ.”
ކޭތަ ނަމާދު ކުރާގޮތް
- ފުރަތަމަ، اللهُ أكبَرُ ކިޔާ ހަށަންބަނުމަށްފަހު ދުޢާއުލް އިފްތިތާހް ކިޔާނީއެވެ. އެއަށްފަހު، ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ދެން ދިގުކޮށް ޤުރުއާނުން މިންވަރެއް ކިޔަވާނީއެވެ.
- ދެން اللهُ أكبَرُ ކިޔާ ރުކޫޢަށް ދާނީއެވެ. ރުކޫޢު ކުރާނީވެސް އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ.
- ދެން ރުކޫޢުން ތެދުވެ سَمِعَ اللهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ކިޔާ ހަށަން ބަންނާނީއެވެ.
- ދެން އަނެއްކާވެސް ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ދެން ދިގުކޮށް ޤުރުއާން ކިޔަވާނީއެވެ. ނަމަވެސް ފުރަތަމަ ކިޔެވި ވަރަށްވުރެ ކުރުކޮށެވެ.
- ދެން އަނެއްކާވެސް اللهُ أكبَرُ ކިޔާ ރުކޫޢަށް ދާނީއެވެ. ރުކޫޢު ކުރާނީވެސް އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ. ނަމަވެސް ފުރަތަމަ ރުކޫޢުއަށްވުރެ ކުރުކޮށެވެ.
- ދެން އަނެއްކާވެސް ރުކޫޢުން ތެދުވެ سَمِعَ اللهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ކިޔާނީއެވެ. އަދި ރުކޫޢުން ތެދުވެ ކޮޅަށް ހުންނާނީ އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ.
- ދެން ދެސަޖިދަ ކުރާނީއެވެ. ސަޖިދަވެސް ކުރާނީ ދިގުކޮށެވެ. އަދި ދެސަޖިދަ ދެމެދު އިންނައިރުވެސް އިންނާނީ ދިގުކޮށެވެ.
- ދެން ދެވަނަ ރަކުޢަތަށް ތެދުވާނީއެވެ. ދެވަނަ ރަކުޢަތްވެސް ކުރާނީ ފުރަތަމަ ރަކުޢަތް ކުރިގޮތަށެވެ. ނަމަވެސް ފުރަތަމަ ރަކުޢަތަށްވުރެ ކުރުކޮށެވެ.
- ދެވަނަ ރަކުޢަތުގައި އައްތަޙިއްޔާތު ކިޔާ ސަލާމްދޭނީއެވެ.
ނޯޓް:
- ކޭތަ ނަމާދު ޖަމާޢަތުގަައި ކުރުން މުސްތަޙައްބު ވެގެންވެއެވެ.
- ކޭތަ ނަމާދުގައި އިމާމު މީހާ ކިޔަވާނީ އަޑުހަރުކޮށެވެ.
- ކޭތަ ނަމާދަށް ފަހުގައި ރަސޫލާ ޚުޠުބާ ދެއްވިކަމަށް ވާރިދުވެފައިވެއެވެ.
- ކޭތަ ނަމާދުގައި ދިގުކޮށް ކިޔެވުމަކީ ސުންނަތެކެވެ. އެގޮތުން ވަކި ސޫރަތެއް ކަނޑައެޅިފައެއް ނެތެވެ.
- ކޭތަ ނަމާދުގެ ވަގުތަކީ ކޭތަ ހިފީއްސުރެ ކޭތަ ފިލައިފުމަށް ދާންދެނެވެ.
މަސްދަރު؛ ކިތާބުއް ޞަލާތު
https://islamqa.info/en/answers/210590/how-to-offer-the-eclipse-prayer


