ބަނދަރު މަޝްރޫޢު، ހަނިމާދޫ ކައުންސިލްގެ ދުލުން

ހަނިމާދޫ ރިޕޯޓް އިޖުތިމާޢީ ފަހުގެ ސިޔާސީ

ހަނިމާދޫ ބަނދަރަކީ ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރާ ބަނދަރެކެވެ.  ހަނިމާދޫ އަކީ މަސްވެރިން ނިސްބަތުން ގިނަ ރަށެކެވެ. ފަސޭހައިން ބަނދަރުން ތެޔޮ ލިބެންހުރުމުން ބަނދަރުގެ ބޭނުން ހއ އަދި ހދގެ ގިނަ ދޯނިފަހަރާއި ލާންޗުތަކުން ހިފައެވެ. އަތޮޅުފެރީ، ކޯސްޓްގާރޑް، ސީ އެމްބިއުލާންސްއާއި، ފުލުހުންގެ އުޅަނދުތައް ކޮންމެދުވަހެއްގައި ހަނިމާދޫ ބަނދަރުގެ ބޭނުން ހިފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ކުރާ ދަތުރުތަކުގައި ބަނދަރުގެބޭނުން ކުރަންޖެހޭވަރު މަދެއްނޫނެވެ. ބަނދަރުގެ ބޭނުން މިފަދަ ގިނަބަޔަކު ހިފަމުންދާއިރު ބަނދަރުގެ ޖާގައިގެ ދަތިކަމާ ކުރިމަތި ލާންޖެހޭތާ އެތަކެއް އަހަރު ވެފައި ވަނިކޮށް، 2019 ވަނަ އަހަރު ބަޖެޓްގައި ބަނދަރު ހެދުމުގެ މަޝްރޫޢު ހިމެނުނެވެ. 

09 މޭއި 2019 ވަނަދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަނިމާދޫ ކައުންސިލަށް ސީޓީއެށް ފޮނުވިއެވެ. އޭގައިވަނީ ރަށުގެ ހާލަތަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ޕްރިމިނަރީ ކޮންސެޕްޓަށް ރަށުގެ ރައްޔިތުންގެ ޚިޔާލުހޯދުމަށެވެ. އަދި 16 މެއި 2019 ވަނަ ދުވަހުގެ 12:00ގެ ކުރިން ކައުންސިލްގެ ބަހެއް ލިޔުމުން ފޮނުވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލިޔުމުން ޖަވާބު ދިނުމުގެ މަރުހަލާ ފުރިހަމަ ކުރުމަށްޓަކައި 13 މެއި 2019 ވަނަދުވަހު ހަނިމާދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރިއެވެ. މި ބައްދަލުވުމުގައި ޕްރިމިނަރީ ކޮންސެޕްޓު ވަނީ ރައްޔިތުންނާ ހިއްޞާކުރެވިފައެވެ.

ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލު

  • ކުޑަވެގެން 1200 ފޫޓާއި 500 ފޫޓްގެ ބަނދަރަކަށްވުން
  • ބަނދަރުގެ ދެފަރާތަށްވެސް ދޯނި ގާތްކުރެވޭނެހެން އޮތުން
  • މަސްމާރުކޭޓްގެ އުތުރު ކައިރިޔާ އެއްވަރަށް ބަނދަރު އުތުރަށް ޖެއްސުން
  • ދެފަރާތަށް ބަނދަރު ބޮޑު ކުރުން
  • ކޮޅުވެއްޓި ގާތް ކުރަން ސްލޯޕެއްލާފައި ބޭވުން
  • ޓީޖެޓީ އަމީނީމަގުގެ މެދަށްލުން
  • ބަނދަރު ބޭރު ތޮށި ވަށައިގެން ޝީޓް ޕައިލްކުރުން
  • ބަނދަރު ވަށައިގެން ދުއްވާ އެއްޗެއްސަށް ދުއްވޭނެހެން މަގު ހެދުން
  • ފެން ދެމޭނެހެން ކޯޒްވޭއެއް ލުން
  • ދޯނި އެހެލެވޭނެ  ވަކި ސަރަޙައްދެއް ބަނދަރުގައި ތަރައްޤީ ކުރުން
  • ޕޭމަންޓް ހެދުން 12 ފޫޓުގެ

ބައްދަލުވުމުގެ ނިންމުންތައް

  • ޕްލެމިނަރީ ކުރެހުމަށް ރައްޔިތުން ތާއިދު ނުކުރުން
  • އީއައިއޭ ރިޕޯރޓް ފެންނަން ނެތްކަން
  • ކަނޑިންމަ ފުޅާކޮށް ފުންކުރުން
  • 500 ފުޅާ 1200 ފޫޓަށް ބަނދަރު ބޮޑުކުރުން
  • ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭނެ ގޮތަށް ހެދުމާ އަރާފައިބަން ފަސޭހަކޮން ހެދުން
  • ބަނދަރު ދެކޮޅަށް ފެންދެމޭނެހެން ކޯޒްވޭލުން
  • ބޭރު ތޮށި ޝީޓްޕައިލް ކުރުން
  • ބޭރު ތޮށީގައި ޕިކަޕް ފަދަ އުޅަނދު ދަތުރުކުރެވޭނެހެން އޮތުން

އިސްވެ ބަޔާން ކުރެވުނު ރައްޔިތުންގެ ހިޔާލު އަދި ބައްދަލުވުމުގެ ނިންމުންތަށް ވާނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރއަށް 16 މެއި 2019 ވަނަދުވަހު ހިއްސާކޮށްފައެވެ.

ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރައަކުން ރަސްމީ ބަހެއް ނުލިބި 4 މަސްދުވަސް ފާއިތު ވީފަހުން، 24 ސެޕްޓެމްބަރ 2019 ވަނަދުވަހު ދިވެހިރާއްޖޭގެ ނޫސް ތަކުގެ ފަލަސުރުޚީ ގުގުމާލީ ހަނިމާދޫ ބަނދަރުގެ މަސްރޫޢު އެމް.ޓީ،ސީ،ސީ އަށް ހަވާލު ކުރިވާހަކެވެ. އެފަރާތުން ބަނދަރު މަސްރޫޢު ކުރިއަށް ގެންދާނެ ގޮތުގެ ވާހަކައާއި އެ އެއްބަސްވުމުގެ އަގުގެ ވާހަކައެވެ.

 14 އޮކްޓޯބަރ 2019 ވަނަދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ 24 ސެޕްޓެބަރުގައި ޚަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދި ހަނިމާދޫ ބަނދަރުގެ މަޝްރޫޢުގެ ވާހަކަ ބަޔާންކޮށް، މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔުމުގެ މަރުޙަލާގައި  މިނިސްޓްރީއާއި ދެމެދު މުޢާމަލާތް ކުރުމަށް ކައުންސިލްގެ ފަރާތުން މިނިސްޓްރީ ތަމްސީލް ކުރުމަށްޓަކައި އެމްޕްލޯޔާސް ރެޕްރެސެންޓޭޓިވްއެއް ހަމަޖައްސައި ދިނުމަށްއެދިފައެވެ. އެ މަގާމަށް ހަމަޖައްސާ ފަރާތަކުން އެމް.ޓީ.ސީ.ސީގެ ސައިޓަށް ދުވަހުން ދުވަހަށް ޒިޔާރަތްކޮށް ޑެއިލީ މޮނިޓަރިންގ ޝީޓް ފޮނުވައި ދިނުމަށް އެދުނެވެ. އެއީ މިނިސްޓްރީން ފޮނުވާފައިވާ ޑެއިލީ މޮނިޓަރިންގ ޝީޓެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުވާފައިވާ  ބަނދަރު ބޮޑުކުރުމުގެ ތަފުސީލް

  • ކޮންޓްރެކްޓަރ : މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ
  • އަގު : 57،124،555.27
  • ކޮންޓްރެކްޓްގެ މުއްދަތު :  425 ދުވަސް

މިމަޝްރޫއުގެ ދަށުން އެމް.ޓީ.ސީ.ސީ އިން ކުރުމަށް ހަމަޖެހިފައިވާ ކަންތައް

  • 355 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 270 މީޓަރު އެއްގަމު ތޮށިޖެހުން
  • 2 ނެރުބައްތި ޖެހުން
  • 50 މީޓަރު ރިވެޓްމެންޓް ޖެހުން
  • 11 މީޓަރު 11 މީޓަރ ގެ ރޭމްޕް ހެދުން
  • 90 މީޓަރ ގުރޯއިން
  • 10 މޫރިންގ ބުލޮކްސް
  • 53،522 ކިޔުބިކް މީޓަރ ބަނދަރު ފުންކުރުން
  • 31،575 ކިޔުބިކް މީޓަރ ނެރު ފުންކުރުން
  • 2583 ސްކެއަރ މީޓަރު ޕޭމަންޓް ހެދުން

މީގެ އިތުރުން ކޮންޓްރެކްޓްގެ ދަށުން ތައްޔާރު ކޮށްފައިވާ ކޮންސެޕްޓްގެ ކުރެހުމެއް ވަނީފޮނުވާފައެވެ. އަދި ޑީޓެއިލް ޑިޒައިން ތައްޔާރު ކުރެވޭނީ މިކޮންސެޕްޓަށް ބިނާކޮށް އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ކަމުގައިވަނީ ބުނެފައެވެ.

މިއީ އެމް.ޓީ.ސީ.ސީ އާއި ވެވިފައިވާ އެެއްބަސްވުމުގެ ދަށުން ހަނިމާދޫ ބަނދޫ ހަދާނެގޮތުގެ ކުރެހުން.

ރައްޔިތުން ބޭނުންވާ ކަންތައްތައް ބަނދަރު ބޮޑުކުރާއިރު ހިމެނުމަށް ވަނީ ކައުންސިލްގެ ފަރާތުން އެކިގޮތްގޮތައް މަސައްކަތް ކޮށްފައެވެ. އެގޮތުން 5 ނޮވެމްބަރު 2019 ގައި ވަނީ މިނިސްޓިރީ  އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޝަކުވާތައް ހިއްސާކޮށްފައެވެ. އެހެން ނަމަވެސް،   14 އޮކްޓޯބަރު 2019 ގައި ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަނިމާދޫ ކައުންސިލަށް ފޮނުވާފައިވާ ކުރެހުން 12 ނޮވެމްބަރު 2019 ގައި އަލުން ފޮނުވާފައިވަނީ އެއްވެސް ބަދަލެއް އެ ކުރެހުމަށް ނުގެނެހެވެ.

 މިއަދާއި ހަމައަށްވެސް އީ.އައި.އޭ ރިޕޯޓާއި ބަނދަރުގެ ފައިނަލް ކުރެހުން ކަމާ ބެހޭ އެއްވެސް އިދާރައަކުން ފޮނުވާފައެއް ނުވެއެވެ. އެތަކެތި ލިބިފައި ނުވާތީ، އެތަކެތި ފޯރުކޮށްދިނުމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން  ބަނދަރުގެ މަސައްކަތް ފަށައިދިނުމަށް މޭ 28 ވަނަދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔުމުން އެދެވިފައިވާނެއެވެ. އަދި މަޝްރޫޢު ތަކުގައި ސީދާ  ކައުންސިލާއި މަޝްވަރާ ކުރުމަށްވެސް ވާނީ އެދިފައެވެ.

ހަނިމާދޫގައި ތަފާތު ދެ މަޝްރޫޢު އެއް ކުރިޔަށްގެންދާ އެމް.ޓީ.ސީ.ސީއިން ރަށުގެ ކައުންސިލާ މަސްވަރާކުރުމުގެ ބަދަލުގައި ރަށުގެ ވަކިބަޔަކާ މަޝްވަރާ ކޮށްގެން ކަންތައްތައް ނިންމާކަން ވަނީފާހަގަ ކުރެވިފައެވެ. ވީމާ މަސްރޫޢުތަކުގައި ސީދާ ކައުންސިލާއި މުއާމަލާތް ކުރުމަށާއި، މިހާރު އެމް.ޓީ.ސީ.ސީގެ ފަރާތުން ހަނިމާދޫގައި ހުންނަވާ  ސައިޓް ސުޕަވައިޒަރު ބަދަލުކޮށް ހަނިމާދޫ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތެއް ހަމަޖައްސައިދިނުމަށް 28 މޭ 2020 ގައި ވާނީ އެމް.ޓީ.ސީ.ސީ އާއި މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެދިލައްވާފައެވެ.

ނޯޓް : މި ރިޕޯޓަކި 01 ޖޫން 2020 ވަނަ ދުވަހު ހަނިމާދޫ ކައުންސިލާއި ބައްދަލުކޮށް، އެފަރާތުންދީފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލައިފައިވާ ރިޕޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ