ކޮވިޑް ކޮންޓްރޯލްކުރުމުގެ ގޮތުން ހަވީރުގެ 6:00 އިން ފެށިގެން ފަތިހު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި އެވެ.
އެޗްޕީއޭއިން ގެޖެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ބާތިލްކުރާކަމަށެވެ. ސަބަބެއް ބުނެފައެއް ނުވެ އެވެ.

ހަވީރުގެ 6:00 އިން ފެށިގެން ފަތިހު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމަށް އެންގި އެންގުން ބާތިލްކުރި ނަމަވެސް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އިއުލާންކޮށްފައިވާ ކާފިއުއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އެވަގުތު ބޭރަށް ނިކުމެ އުޅުމަކީ އަދިވެސް މަނާކަމެކެވެ.
ކޮވިޑާއި ގުޅިގެން މިހާރު އަމަލުކުރަންޖެހޭ ފިޔަވަޅުތައް (އިތުރު 7 ދުވަހަށް)
:
- ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
- އެއްފަހަރާ 5 (ފަހެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
- ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން.
- ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރުން.
- ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
- އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން.
ކޮވިޑާއި ގުޅިގެން މިހާރު އަމަލުކުރަންޖެހޭ ފިޔަވަޅުތައް (މުއްދަތެއް ނެތްގޮތަށް):
- ކެފޭ، ރެސްޓޯރެންޓުތަކުންދޭ ހިދުމަތް ރޭގަނޑު 10:30 ގައި މެދުކަނޑާލުން.
- ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން.
- ޚާއްޞަ ހުއްދައިގެ ދަށުން ޝަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުން.
- ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން.
- ޑޭ ކެއަރ ހިދުމަތް ދެމުންގެންދާ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުވާލުން
ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ކުއްލިއަކަށް ބޮޑު ލިޔެއް ދިނުމަށް ނިންމައި، އެންގުންތައް ބާތިލްކުރިނަމަވެސް ކޭސްތައް ރިޕޯޓްކުރާ އަދަދު ދަށެއް ނުވެ އެވެ. އެގޮތުން މިހާރުވެސް ދުވާލެއްގެ މައްޗަށް 120 އަށްވުރެ ގިނަ ކޭސް ރިޕޯޓްކުރެ އެވެ. އޭގެތެރެއިން 80 އިންސައްތައަށްވުރެ ގިނަ ކޭސްއަކީ މާލެ ސަރަހައްދުން އެވްރެޖްކޮށް ރިޕޯޓްކުރާ ކޭސްތަކެވެ.


