ހަނިމާދޫއަށް ފުޓްބޯޅަ ކުޅުމަށް ޓާފު ދަނޑަކާއި ވިނަ ދަނޑެއް ވެސް މުހިންމެވެ.

ހަނިމާދޫ ރިޕޯޓް ކުޅިވަރު އިޖުތިމާޢީ ފަހުގެ

ހަނިމާދޫގެ ކޮންމެ ޒުވާނަކު ވެސް މި ލިޔުން ކިޔައިލަންވާނެއެވެ. ހަނިމާދޫގެ ޒުވާނުންގެ މުޅި އާބާދީއަކީ ފުޓްބޯޅަ ކުޅޭ އާބާދީއަކަށް ވާއިރު، މި ކުޅިވރު ކުޅުމަށް ބޭނުންވާ ފުޓްބޯޅަ ދަނޑު ހުރިހައި ގޮތަކުން ފުރިހަމަ ކުރުމަށް ވިސްނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ހާއްސަކޮށް ދަނޑުގެ ވިނަގަނޑާއި މެދުގައެވެ. މި ލިޔުމުގައި ހަނިމާދޫގެ ފުޓްބޯޅަ ދަނޑުގައި ވިނަ ހެއްދުމަށް ކުރެވުނު މަސައްކަތްތައް ކޮންމެވެސް ވަރަކަށް ބަޔާން ކުރެވިފައި ވީ ނަމަވެސް މި ލިޔުމުގެ މައިގަނޑު މަޤުޞަދަކީ މިވަގުތު ދަނޑުގައި ކުރަންހުރި މަސައްކަތްތަކަށް އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެކަމާއި މެދު ވިސްނުމަށް މަގުފަހިކުރުމެވެ.

ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅުމަށް ބޭނުން ކުރެވެމުންދާ ފުޓްބޯޅަ ދަނޑަކީ ދެހާސްވަނަ އަހަރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް ހަނިމާދޫގައި އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިސްނަގައިގެން ރައްޔިތުނާނާއިއެކު ނުކުމެ، އެ ތަނުގެ ބިން އަލިކޮށް ތައްޔާރު ކޮށްފައިވާ ދަނޑެކެވެ. އެ ދަނޑު އަލަށް ބޭނުން ކުރަން ފެށިއިރުގައި އެ ދަނޑަކީ ފަސްމަޑު އަދި ފުޓްބޯޅަ ކުޅުމަށް އެހާމެ އުނދަގޫ ދަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

2014
ވަނަ އަހަރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑު

ފުޓްބޯޅައިގައި ދިގު މާޒީއެއް އޮތް ހަނިމާދޫގައި ފުޓްބޯޅަ ކުޅުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާއަކީ ޒުވާނުންގެ މެދުގައި އަބަދުވެސް އޮތް ޝަކުވާއެކެވެ. މުބާރާތެއް އޮންނަ ދުވަސްވަރެއްނަމަ މި ޝަކުވާގެ އަޑު އިތުރަށް ގަދަވެގެން ދެއެވެ. އެކި ދުވަސްވަރުގެ މަތިން މިކަމަށް ހައްލެއް ލިބޭތޯ އެކިއެކި މަޝްވަރާ ކުރެވި މަސައްކަތްތަކެއް ވެސް އެކި ފެންވަރުގައި ކުރެވިފައިވެއެވެ.

14 ފެބްރުއަރީ 2016 ވަނަ ދުވަހަކީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑު ވިނަ ދަނޑަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދިޔަ ދުވަހެވެ. މިއީ މި ދަނޑުގެ ހަޔާތުގައި ބޮޑު ދުވަހެކެވެ. ޒުވާނުންނާއި ހަނިމާދޫ ކައުންސިލާއިއެކު ވައިބަރ ގުރޫޕްތަކާއި އަދި ރަސްމީކޮންނާއި ނުރަސްމީކޮށް ކުރެވުނު މަޝްވަރާތަކަށް ފަހު ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ ތާރީޚީ ދުވަހަކީ މިއީއެވެ.

14
ފެބްރުއަރީ 2016 ވަނަ ދުވަހު ހަނިމާދޫ ފުޓްބޯޅަދަނދަށް، ދަނޑުގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އޮއްސާލެވުނު ވެލި ލޮރީ

ކަމަކަށް ކުރިމަތިލާއިރު ވިސްނަންވީ ކަމަށް ބޭނުންވާ ހުރިހައި ސާމާނެއް ލިބެންދެން ކަންނުކުރެވި ތިބުމެއް ނޫނެވެ. ލިބެންހުރި މެޝިނަރީސްއާއިއެކު އެކަމެއް ކުރެވޭތޯ ބެލުމެވެ. ބަޔަކު އައިސް ކޮށްދޭނެ ކަމަށް ބަލައިގެން ތިބުމެއް ނޫނެވެ. އެހެން ތިބުމަކީ ބޭކާރުވެގެންދާ ވަގުތުތަކަކަށް ނޫނީ ނުވާނެއެވެ.

ދަނޑުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްފެށީ އެކަމަށް ބޭނުންވާ މާ ގިނަ އާލާތްތަކަކާއި އެކުއެއް ނޫނެވެ. ހައިމާކަކާއި ދެ ލޮރީ ބޭނުންކޮށްގެން ދަނޑަށް ވެލިއަޅައި ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ހައިމާކު ބޭނުން ކޮށްގެން ދަނޑުގެ ބިންގަނޑު ލެވެލްކޮށް ނިންމައިލެވުނެވެ. ދަނޑުގައި ވިނަ އިންދުމަށް ދޮޅު މަސްދުވަސް ހޭދަވިއެވެ. ޒުވާނުން ނުކުމެ ވިނަ އިންދި ނަމަވެސް އެ މަސައްކަތުގައި ހަނިމާދޫގެ ފުޓްބޯޅަކުޅޭ އުމުރުގެ ހުރިހައި ޒުވާނުން ބައިވެރި ވެފައި ނުވާކަން ހިތާމައާއި އެކު ފާހަގަ ކުރަމެވެ. ނަމަވެސް އެ މަސައްކތުގައި ޒުވާނުންގެ ތެރެއިން ބަޔަކު ހިތްވަރާއިއެކު، އެ މަސައްކަތް ކޮށް ނިންމާފައި ވުމުން މިއަދު ދަނޑުގެ ފަސޭހަކަން ކުޅޭ ހުރިހައި ޒުވާނުންނަށް ލިބެމުންދެއެވެ.

މިއަދު ހަނިމާދޫގެ ފުޓްބޯޅަ ދަނޑު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް މިވަނީ އަލުން ފަށަން ޖެހިފައެވެ. ހާއްސަކޮށް ވިނަގަނޑު ރަނގަޅު ކުރުމުގެ މަސައްކަތެވެ. ދަނޑަށް ދާއިމީ ގޮތެއްގައި ފެން ޖެހޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ދަނޑުގައި ކުޅުމުގެ ސަބަބުން ގިނަ ސަރަހައްދު ތަކަކުން ވިނަ ނެއްޓި އަދި ބައެއް ހިސާބުތަކުގައި ވަނީ ކޮންމެވެސް ވަރަކަށް ވަޅު ހެދިފައެވެ. ބުރަ މަސައްކަތް ތަކަކަށް ފަހު ވިނަ ހައްދައި ފައްކާ ކުރެވުނު ދަނޑު ހަލާކުކޮށްލަން ދޫކޮށްލުން އެއީ ރަނގަޅުގޮތެއް ނޫނެވެ. ދަނޑުގެ ވިނަގަނޑު އިތުރަށް ރަނގަޅު ކުރުމަށް ކުރަން ހުރި މަސައްކަތްތަކަކީ ނިސްބަތުން މާ ގިނަ މަސައްކތްތަކެއް ނޫނެވެ. ނަމަވެސް މިކަން ކުރުމަށް އިސްނަގައި ނުކުންނާނެ ޒުވާނުން މިއަދު މި ވަނީ ބޭނުންވެފައެވެ. މިފަދަ ކަންކަން ކުރުމުގައި ކޮންމެ ޒުވާނެއްގެ ވެސް ޒިންމާއޮތް ކަމުގައި ޤަބޫލުކުރަން އެބަޖެހެއެވެ.

މި ދުވަސްވަރަކީ ރަށުގައި ޓާފް ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ދުވަސްވަރެކެވެ. ޓާފް ފުޓްބޯޅަ ދަނޑެއް ރަށުގައި އެޅިގެން ދިއުމަކީ ރަށުގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމުގައި ދެކެމެވެ. ނަމަވެސް މިކަމުގައި ވިސްނާލުން މުހިންމު ކަންތައްތަކެއް ހުރި ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. ވިނަ ޓާފްދަނޑެއް ކުޅުމަށް އެކަށީގެންވާ ހާލަތެއްގައި އޮންނާނީ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުއެވެ. އެއަށްފަހު އަނެއްކާވެސް ޓާފް އޮންނާނީ އައު ކުރަން ޖެހިފައެވެ. ޓާފެއް ނަގައި ޓާފެއް އައު ކުރުމަކީ ރަށުގެ ޒުވާނުން ނުވަތަ ކައުންސިލުގެ ފެންވަރުގައި ކުރެވޭ ވަރަށް ވުރެ ޚަރަދުގެ ގޮތުންވެސް ބުރަ ކަމެކެވެ. ވުމާއިއެކު އެ ދުވަހަކުން ރަށުގެ ޓާފު ބަދަލު ކުރުމަށް އަނެއްކާވެސް ސަރުކާރުގައި ދަންނަވާލަ ދަނަނަވާލަ އެތައް މުއްދަތެއްގައި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމަކެވެ. ވުމާއިއެކު ޓާފް ދަނޑަކީ ދާއިމީ ހައްލެއްކަމުގައި ދެކިގެން ތިބެވެން އޮތްކަމުގައި އަޅުގަނޑު ނުދެކެމެވެ.

ހަނިމާދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް ހެދުމަށްޓަކައި މަސައްކަތް ފެށިގެން ކުރިއަށްދަނީ

ރަށުގައި ފެންވަރު ރަނގަޅު ވިނަ ދަނޑަކާއި ޓާފު ދަންޑެއް އޮތުން މުހިންމު ކަމުގައި ދެކެމެވެ. ވުމާއިއެކު ވިނަދަނޑު ދާއިމީ ގޮތެއްގައި ވިނަ އިންދައި ފެންޖަހައި ބެލެހެއްޓޭނެ ގޮތެއް ހޯދުން މުހިންމެވެ. ޒުވާނުން އިސްނަގައިގެން މިކަންކަމުގައި އުޅެން އެބަޖެހޭ ނޫން ތޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ