އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައ އަލިއަޅުވާލާފައިވަނީ މައިގަނޑުގޮތެއްގައި ވިޔަފާރީގައި މަކަރާއި އޮޅުވާލުމުގެ އިތުރުން މިނެކިރުމުގައި މަކަރު ހެދުމާއި ގުޅޭގޮތުންނެވެ.
ހުތުބާގައި ބުނީ އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުން ޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށް ފަހު، އެ މުދަލުގެ އަގުބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމެވެ. މިފަދަ މުއާމަލާތްތަކުގައި ގަނެ ވިއްކުމުގެ ޝަރުތު ފުރިހަމަވިޔަސް އިޙްތިކާރު ކުރުމަކީ މާތް ނަބިއްޔާގެ ސުންނަތުން މަނާ ކުރައްވާފައިވާ މުއާމަލާތެއް ކަން ކަށަވަރުވާ ކަމަށެވެ.
ބޭނުން ޖެހިފައިވާ މުދަލެއް އަގުބޮޑުކޮށް ވިއްކުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ތެރޭގައި ތަކެތީގެ އަގު ބޮޑުކުރުމަކީ ފަގީރުން އިތުރަށް ފަގީރުވާނެކަމެއް ކަމަށެވެ. ހުތުބާގައި ބުނީ ވިޔަފާރިކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތްތަކުގެ މުދަލުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުން އަންނަކަމުގެ ޝަކުވާތައް އިވެމުން އަންނަ ކަމަށެވެ.
މުދަލާއި ތަނަވަސްކަން ހޯދުން އިސްލާމްދީން މަނާނުކުރާ ކަމަށާއި އެގޮތުން ވިޔަފާރި ހުއްދަކޮށް ރިބާ ހަރާމްކުރެއްވި ކަމަށް ބުނެފަ ވެ އެވެ. މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ވިޔަފާރީގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން، ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލަންތޯ ސުވާލު ކުރި އެވެ.


