ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއަށް ޙާއްޞަކޮށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކުރި ވެބްސައިޓް ޢާއްމު ރައްޔިތުންނަށް ފެންނާނެހެން ހުޅުވާލައިފިއެވެ.
ކައުންސިލް އިންތިޚާބުގެ ނަތީޖާ ވެބްސައިޓް ޢާއްމުންނަށް ހުޅުވާލާފައިވަނީ ދާދި ދެންމެއެވެ. އެކަން އެލެކްޝަންސް ކޮމިޝަނުން ވަނީ އާއްމުކޮށް އަންގާފައެވެ
ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ވެބްސައިޓަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައިއިރު، މާލޭ ސިޓީގެ މޭޔަރުކަން ހޯދާފައިވަނީ ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްއްޒުއެވެ. ނަމަވެސް ރާއްޖޭގެ ބާކީ ތިން ސިޓީގެ މޭޔަރުކަން ހޯދާފައިވަނީ އެމްޑީޕީއިންނެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ޓިކެޓްގައި 647 ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަކުރެެއެވެ.
މި އިންތިހާބުގައި މުޅިޖުމްލަ 1912 މެންބަރުން އިންތިޚާބުކުރާއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ 930 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ރައީސުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ވަކި ޖިންސަކަށް ޚާއްޞަނުކުރާ 370 ގޮނޑިއެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު މާލޭ ސިޓީ ކައުންސިލަށް 18 މެންބަރުން، އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.


