ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިމަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.
އަނގޮޅިތީމު ބަނދަރުގެ ސާވޭ އާއި ޑިޒައިނިންގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެ ރަށުގެ ބަނދަރު ހަދަން އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 2020 ގައެވެ. މިއީ 44.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްތަމު ތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ގާތައް މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގާ އެތެރުމުގެ މަސައްކަތް މިމަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލާނެ އެވެ. އަދި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 91 މީޓަރުގެ އެއްގަމުތޮށި ލުމާއި 1،110 އަކަމީޓަރުގެ ޕޭވްމަންޓު ހަދައި މަގު ބައްތި ހަރު ކުރާނެ އެވެ.


