އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެއަމުރު މުރާޖައާކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން ވަނީ އިއްޔެ އެއަމުރު މުރާޖައާކޮށް، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައެވެ.
އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް 2020 މެއި 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު އެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ތަހުގީގުގައި ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.


