ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުރުމަށް ދަރަނި ނެގުމަކީ އިސްރާފެއް: ހުތުބާ

އިޖުތިމާޢީ ފަހުގެ ދީން

ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުރުމަށް ދަރަނި ނެގުމަކީ އިސްރާފެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

”ކާބޯތަކެތީގެ ނިއުމަތަށް ޝުކުރުކުރުމާއި އިސްރާފު ނުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާއި އިސްރާފު ކުރުން ހިމެނޭ ކަމަށެވެ. އަދި ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ އެކަންކަމުގެ ދޮރުތައް ހުޅިވެގެން ހިނގައިދާނެ ކަމަށާއި ބަޔަކަށް މުއްސަނދިކަން ލިބިއްޖެނަމަ ބޮޑާވެ، ބޭކާރު ގޮތުގައި މުދާތައް އިސްރާފު ކުރަން ފަށާފާނެ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި ބުނީ، އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނައަޅައި ދިއުން ކަމަށާއި އެއީ ހަމައެކަނި ކެއުން ބުއިމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީވެސް އެކަމުގައި އިސްރާފުކުރުން ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮސްފައި ބެހެއްޓުމާއި ފޭރާމާއި ހިފައި ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީވެސް އިސްރާފު ކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ކާބޯތަކެއްޗަކީ ﷲ ގެ ނިއުމަތެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށެވެ. އަދި އެތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުން ކަމަށާއި މުދާ ހަލާކުވަންދެއް ބަހައްޓައި، އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެވެސް ނުބައި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، އިސްރާފު ކުރުމާއި ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްލާމް ދީނުގައި ހިމެނޭ ކަންކަމެއް ނޫން ކަމަށާއި މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް، ބޭނުންތެރި ކަންކަމަށް ހޭދަކުރުން ކަމަށެވެ. އަދި މުސްލިމުންނަކީ ދިމާވަ ދަތި ހާލަތްތަކުގައިވެސް އެހެން މީހުންގެ މަސްލަހަތަށް ބެލުމެއް ނެތި، ކާބޯތަކެއްޗާއި މުދާ ގަނެ، ގުދަންކުރާ ބައެއް ނޫން ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މިއަދު އިސްރާފު ކުރަނީ ހަމައެކަނި މުއްސަނދިން ނޫން ކަމަށާއި މިއަދު ޒަމާނާއެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައި އަތްމަތި ދަތިމީހުންވެސް ކޮންމެހެން ކުރަންނުޖެހޭ ހަރަދުތައް ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެންނަ ކަމަށެވެ. ނަމަވެސް މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެއް ކަމަށް ހުތުބާގައި ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ