އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ޚަބަރު ފަހުގެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކޮށް ވާހަކަ ދައްކަވަމުން އެޕާޓީގެ ސްޕޯކްސްޕާރސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިއިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުން ހޮވާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ދާއިރާތަކުގެ ސެކްރެޓަރީންނާއި، ސެކްރެޓަރީންގެ ނައިބުންގެ އިތުރުން މީޑިޔާ ސެކްރެޓަރީންނާއި ޕްރޮވިންސްތަކުގެ ރައީސުންނާއި ނައިބު ރައީސުންވެސް ހޮވާނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ދާރިރާތަކުގެ އިންތިހާބުގައި މުޅި ޖުމްލަ 455 މަގާމަކަށް ވާދަކުރަން ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ މެއިމަހުގެ 29 ވާ ހޮނިހިރު ދުވަހު ކަމަށާއި، ވޯޓުލުން އޮންނާނީ އެދުވަހުގެ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އަށް ކަމަށް އިމްތިޔާޒު ވިދާޅުވެއެވެ.

މި އިންތިހާބަށް ވޯޓުލާނީ ރާއްޖޭގެ ރަށްރަށުގައި ކަމަށާއި، ރާއްޖޭން ބޭރު ގައުމުތަކާއި، ސިނާއީ ކަންކަމަށް ކަނޑައެޅިފައި ހުންނަ ސަރަހައްދުތަކާއި ޖަލުތަކުގެ އިތުރުން ރިސޯޓުތަކުގައި ވޯޓުލުން ކުރިއަށް ނުދާނެކަމަށް އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.

އިމްތިޔާޒު ވިދާޅުވީ މިއިންތިހާބުގައި ރީރަޖިސްޓްރީ ކުރުމެއް ނޯންނާނެ ކަމަށެވެ. ވޯޓުލެވޭނީ އެޕާޓީން ބަލަހައްޓާ ދަފްތަރަށް ކަމަށާއި، މިއިންތިހާބުގައި ވޯޓުލެވޭނީ 18 އޭޕްރީލްގެ ކުރިން އެޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުނަށް އެކަނި ކަމަށްވެސް އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.

މެއިމަހުގެ 5 ވަނަ ދުވަހު ވޯޓްލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރެވޭނެ ކަމަށާއި، މެއިމަހުގެ 8 ވަނަ ދުވަހު ކެންޑިޑޭޓުން ވާދަކުރުމުގެ ސުންގަޑި ހަމަވާނެ ކަމަށްވެސް އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ