ޖަލުތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ، އެތަންތަނުގައި ތިބި ހައި ރިސްކު ގައިދީން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހައި ރިސްކު ގައިދީން ވަގުތީ ގޮތުން ގެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެގޮތަށް ގެއަށް ބަދަލުކުރަން ނިންމާފައިވަނީ ކިތައް ގައިދީންކަމެއް އަދި އެމީހުންގެ ކަންކަން ބެލެހެއްޓުމުގައި ހަމަޖައްސާފައިވާ އުސޫލުތަކަކީ ކޮބައިކަމެއް ނޭނގެއެވެ.
ޖަލުތަކުގައި ތިބި ހައި ރިސްކު މީހުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރަން ނިންމާފައިވާ އިރު، މިރޭގެ ވަގުތެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ގޭ ބަންދަށް ބަދަލުކުރައްވައިފައެވެ.
ކަރެކްޝަންސް އިން އިއްޔެ ހާމަކޮށްފައިވަ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މެންދުރު އެކަކާ ހަމައަށް ހަތަރު ޖަލަކުން 33 އޮފިސަރަކާއި 20 ގައިދީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މި ކޭސްތަކާ ގުޅިގެން 105 އޮފިސަރަކާއި 22 ގައިދީއަކު ވަނީ ކަރަންޓީނަށް ލާފައެވެ.


