މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިނގަމުންދާ ލާއިންސާނީ އުދުވާން ކުށްވެރިކޮށް ހދ.ހަނިމާދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
ކައުންސިލުގެ ފަސް މެމްބަރުން ސޮއިކޮށް މިއަދު ނެރެފައިވާ ބަޔާނުގައި، ޤާނޫނާއި ޚިލާފަށް އިޒްރާއިލުން ގަދަކަމުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި، އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.
އަދި މަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިމުގެ ހުރުމަތް ކަނޑާ، އެބިމުގެ އަހުލުވެރިން ގަދަބާރުން އެ ބިމުން ބޭރުކޮށްލަން ހިންގަމުންދާ ނުރައްކާތެރި، ބިރުވެރި ޖަރީމާތަކަށް ނިމުމެއް ނުގެނެވި، އެ މައްސަލަ ޙައްލު ނުކުރެވި މިހާ ގިނަ ދުވަސް ވެފައިވާއިރު، އެބިމުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަޢު ނުކުޅެދިފައިވުމަކީ މުޅި އިންސާނީ ނަސްލަށް އޮތް ލަދުވެތި ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އިސްލާމީ ޤައުމަކަށްވީހިނދު، ދިވެހީންނަކީ ފަލަސްތީނުގެ ޙައްޤުގައި އަބަދުވެސް ޙައްޤުބަސް ބުނާ ބައެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވުމަށާއި، މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ދުޢާކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައިވެއެވެ.
ހަމައެއާއެކު، ފަލަސްޠީނުގެ ދިފާޢުގައި ހަނިމާދޫ ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހު ހިނގާލުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމުގައި ރަށުގައި ޙަރަކާތްތެރިވަމުންދާ ޖަމިއްޔާތަކާއި ސަރުކާރުގެ މުވައްސަސާތައްވެސް ނުރަސްމީ ސިފައެއްގައި ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ފަންޑު ފޮށްޓެއް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ.
މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4.30 ގައި ހަނިމާދޫ ކައުންސިލް ކައިރިންނެވެ. އަދި ހިނގާލުން ނިންމުމަށް ހަމަޖެހިފައިވަނީ ބަނދަރު އިސްޓޭޖު ކުރިމައްޗަށެވެ. ހަނިމާދޫގެ ވީހާވެސް ގިނަ ރައްޔިތުން މި ހިނގާލުމުގައި ބައިވެރިވުމަކީ ގޮށްކޮޅުގެ ވަރަށް ބޮޑު އެދުމެކެވެ.


