‘ޣައިބު’ މިއީ ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ވަރަށް މުހިއްމު މަފްހޫމެކެވެ. މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެމުން، މުއުމިނުންނަކީ ޣައިބަށް އީމާންވާ ބައެއްކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. ބަޤަރާ ސޫރަތުގެ ތިން ވަނަ އާޔަތުގައި الذين يؤمنون بالغيب، އެމީހުންނަކީ، [އެބަހީ، ތަގުވާވެރިންނަކީ، މުއުމިނުންނަކީ،] ‘ޣައިބަށް އީމާންވާ ބައެކޭ ބަޔާންކުރެވި، ބުނެވިފައި އޮވެއެވެ. މިތާގައި ބަޔާންކުރެވިފައި އޮތް ‘ޣައިބު’ މި މަފްހޫމުގެ މާނައަކީ ކޮބާ ހެއްޔެވެ؟
ޣައިބުގެ މަފްހޫމާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރިން، މަފްހޫމުުގެ މާނަ ބުނެލަދޭން ޖެހެއެވެ. ލަފްޒެއް ބުނުމުން އޭގައި ދެކަމެއް އެކުލެވިގެން ވެއެވެ. އެ ލަފްޒާއި އެލަފްޒު އިޝާރާތްކުރާ މާނައެވެ. ފޮތެކޭ ބުނުމުން ‘ފާފު އޮބޮފިލި، ތާ ސުކުން ކުރެވިފައި އެ އޮތީ ލަފްޒެވެ. ދެން ފޮތް އިޝާރަތްކުރާ މާނަ – ގަނޑުތަކަކާއި ބަނޑޭރިގަނޑެއްގެ މައްޗަށް އެކުލެވޭ އެއްޗެއް – އެވެ. މަފްހޫމަކީ މިއެވެ. ލަފްޒު އިޝާރަތްކުރާ މާނައެވެ.
ޣައިބުގެ މަފްހޫމު ދެނެގަތުމަށް އެންމެ ފުރަތަމަ ޣައިބުގެ ލަފްޒީ މާނައަށް ބަލާލަމާ ހެއްޔެވެ؟ ޣައިބުއަކީ غاب (ޣާބަ) މިކަމުގެ މަސްދަރެވެ. އަސްލެވެ. ޣާބަގެ މާނައަކީ ނެތުމެވެ. ކިލާހަށް ކުއްޖަކުނ ހާޒިރު ނުވާ ނަމަ އޭނާ ބެލޭނީ ޣާއިބު ކަމުގައެވެ. އާދެ، ހާޒިރީ ބެލިއިރު ކިލާހުގައި އޭނާ ނެތުމުން އޭނާ ނާންނަކަމުގައި ބެލެވުނީއެވެ. މިނޫން ވެސް، މި މާނައާ ކައިރި އެހެން މާނަތަކުގައި އަރަބި ބަހުގައި ޣާބަ ބޭނުން ކުރެވެއެވެ. ‘ފެންނަން ނެތް’، ‘ހަނދާނުން ކައްސާލައިފައިވާ’ މި ފަދަ މާނަަތަކުގައެވެ.
މަތީގައި ނަންގަނެވިފައިވާ އާޔަތުގައި، މުއުމިނުންގެ ސިފަތަކުގެ ތެރޭގައި އެމީހުންނަކީ ޣައިބަށް އީމާންވާ ބައެކޭ އޮތް ވަހީ ބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެ އާޔަތުގައި އޮތް ޣައިބު އިޝާރަތްކުރަނީ އިންސާނާގެ ސިކުޑިއަށް އެކަމުގެ ހަގީގަތް ދެނެގަންނަން ނޭނގޭ ކަންތައްތަކަށެވެ. މި ކަން ވިސްނައި ގަތުމަށްޓަކައި އިންސާނާގެ ސިކުނޑި، ވިސްނުމުގެ ބާރު، މަސައްކަތްކުރާ ގޮތް އެނގެން ޖެހެއެވެ. އިންސާނާއަށް ކަންކަން ދެނެގަނަވޭ ގޮތް އެނގެން ޖެހެެއެވެ.
އިންސާނާއަށް ކަންކަމުގެ ހަގީގަތް ވިސްނެނީ އެ ކަމެއް ކުރިން އެނގިފައި އޮތުމުންނެވެ. ފޮތެކޭ ބުނުމުން ފޮތުން ގަސްދުކުރެވޭ ހަގީގަތް ހިތަށް ފެނި، ފޮތުގެ މަފްހޫމު ހިތުގައި ކުރަހާލެވެނީ ފޮތަކީ ކޮން އެއްޗެއްކަން ކުރިން އެނގިފައި އޮތުމުންނެވެ. ކިޔަވައި ދިނުމުގައި، ޚާއްސަކޮށް ކުޑަކުދިންނަށް ކިޔަވައި ދިނުމުގައި ލަފްޒުތަކާއި އެ ލަފްޒުތައް އިޝާރަތްކުރާ މާނަ، ސޫރައެއްގެ ސިފައިގައި ގެނެސްދީގެން ދަސްކޮށްދެވެނީ މިހެން ވެގެންނެވެ. ކުދިންގެ ހިތުގައި އެކުދިންނަށް ނޭނގޭ ލަފްޒުތަކުގެ ހަގީގަތް ކުދިންގެ ހިތުގައި ކުރަހާލެވި ދިޔުމަށްޓައެވެ. ދެން، އެއިން ލަފްޒެއް ބޭނުން ކުރުމުން، އެ ލަފްޒު އިޝާރަތްކުރާ، އެ ކުދިންގެ ހިތުގައި ކުރަހާލެވި، ބިންވަޅުނެގިފައިވާ ސޫރައާ އެ ލަފްޒު އެ ކުދިން ގުޅުވާލައެވެ. އަދި، އެ ގޮތުގެ މަތިން އެކުދިންނަށް އެ ލަފްޒުގެ މާނަ ވިސްނިދެއެވެ.
ބައެއް ކަހަލަ ކަންތައްތަކީ އަދި އެއްޗިއްސަކީ އެ ކަންކަމާއި އެއެއްޗެހި އަޅުގަނޑުމެންނަށް ފެނިފައި ނުވާތީ އަދި އެއެއްޗެހި ފެނުމުގެ އެކަށޭނަކަން މިވަގުތު އަޅުގަނޑުމެންނަށް ކަންކަން ދެނެގަތުމުގެ ވަސީލަތްތަކަށް ލިބިފައި ނުވާތީ، އެއެއްޗެހި އިޝާރަތްކުރާ ހަގީގަތް އަޅުގަނޑުމެންނަށް ދެނެ ނުގަނެވޭ އެއްޗިއްސެވެ. މިސާލަކަށް މާތްﷲގެ ޒާތުފުޅުގެ ހަގީގަތް ދެނެގަނެވޭނޭ ގޮތެއް ނެތެވެ. ހަމަ އެފަދައިން މަލާއިކަތްބޭކަލުންނާއި ޖިންނީންގެ ހަގީގަތް، އެ ކާއިނާތުތައް ތިބެނީ ކިހިނެއްކަން ދެނެގަނެވޭނޭ ގޮތެއް ނެތެވެ. އެ ކާއިނާތުތައް ފެނިފައި ނެތީމައެވެ. ހަމަ އެހެންމެ އާޚިރަތް ދުވަސް، އުޚުރަވީ ހިސާބު ބެއްލެވުން، ސުވަރުގެއާއި ނަރަކަ، މިކަންކަމުގެ ހަގީގަތް އަޅުގަނޑުމެންނަކަށް ދެނެގަނެވޭނޭ ގޮތެއް ނެތެވެ. މިތަނުގައި ހަގީގަތޭ މިބުނަނީ އެކަން ސީދާ އޮންނާނޭ ގޮތުގެ ފުރިހަމަ ހަގީގީ ތަސައްވުރެވެ. ޣައިބޭ ބުނެ އިޝާރަތްކުރެވެނީ މިފަދަ ކަންކަމަށެވެ. އެކަމުގެ ހަގީގަތް އޮންނަ ގޮތް ދެނެގަތުން އިންސާނީ ސިކުނޑި ނުކުޅެދިފައިވާ ކަންކަމަށެވެ.
ޣައިބުގެ މަފްހޫމުގެ މާނައާ ދޭތެރޭ އެއްޗެއް ބުނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބައެއް ފަހަރު، ޣައިބުގެ މަފްހޫމުގެ ތެރޭަގައި ނުހިމެނޭ ކަންކަން، އޭގެ ތެރޭގައި ހިމަނައިގެން ވާހަކަދައްކައި ލިޔެ ހަދާތަން ފެންނާތީއެވެ. މިސާލަކަށް މޫސުން ކުރިއަށް ލަފާކުރާ ގޮތް ބުނުމަކީ ޣައިބާ ބެހޭ ވާހަކައެއް ނޫނެވެ. އެކަން ބިނާވަނީ ކަނޑައެޅިފައިވާ ޚާއްސަ އިލްމެއްގެ އަލީގައެވެ. ޖައްވުގެތެރޭގައި ކަންކަން ހިނގަނީ ކިހިނެއްކަން ބަލައި، އެކަމުގެ މައްޗަށް ބިނާކޮށެވެ. ހަމަ އެހެންމެ، ހަނދުކޭތަ ހިފުމާއި އިރުކޭތަ ހިފުމާއި އިރު އަރާ އިރު އޮއްސޭ ގަޑިތައް ކުރިއަށް ބުނެ އިއުލާނުކުރުމަކީ ޣައިބާ ބެހޭ މައްސަލައެއް ނޫނެވެ. އެކަންކަން ވެސް ބިނާވަނީ ކަނޑައެޅިފައި އޮންނަ ވަކި އިލްމެއްގެ މައްޗަށް ބިނާކޮށެވެ. ދުނިޔެ އޭގެ ވަށައިގެން ދައުރުވާ ދައުރުވުމާއި އަދި އިރުވަށައިގެން ދައުރުވާ ދައުރުވުމުގެ ފަލަކީ ހިސާބުކުރުންތަކުގެ މައްޗަށެވެ. މިކަންކަން ހިނގަނީ ކަނޑައެޅިފައިވާ ތަބީއަތުގެ ގާނޫނުތަކެއްގެ މަތިންކަމަށް ވެފައި، އެގާނޫނުތައް ދެނެގަނެވުމުން، އެކަމާ ބެހޭ ހިސާބުތައްކޮށް އެކަންކަން ކަނޑައަޅާލަން އެނގެނީއެވެ. ހަމަ އެހެންމެ، އެކި ފަންނު ފަންނުގެ އިލްމުވެރިން، އެމީހުންނަށް ލިބިފައިވާ އިލްމެއްގެ އަލީގައި ކަންކަން އޮވެދާނެ ގޮތް ކުރިއަށް ލަފާކޮށް ބުނުމަކީ ޣައިބާ ބެހޭ މައްސަލައެއް ނޫނެވެ. މިސާލަކަށް ކޮވިޑު ރޯގާގެ ތެރޭގައި، އެކަމުގެ ތަފާސް ހިސާބުތަކަށް ބަލައި، ވަކިފިޔަވަޅުތަކެއް އަޅައި، ބައެއް ގައުމުތަކުން، ކޮވިޑް އެންމެ މައްޗަށް ދާނީ މިވެހި ދުވަހަކުންނޭ ބުނެ، އަދި، ކޮވިޑު ޖެހޭ މީހުންގެ އަދަދު މަދުވާނީ، މިވެނި ދުވަހަކުންނޭ ބުނެ، އެކަން ލަފާކޮށްލުމަކީ ޣައިބުގެ ވާހަކަ އެނގެއޭ ބުނުމެއް ނޫނެވެ. އިގުތިސާދީ އިލްމުވެރިން، ތަނެއްގެ އިގުތިސާދު ކުރިއަށް ނޫނީ ދަށަށްދާ ގޮތް ދިރާސާކޮށް، އެކަމާ ބެހޭ ސަބަބުތަކުގެ އަލީގައި ކުރިއަށް އިގުތިސާދު އޮވެދާނެ ގޮތް ލަފާކޮށްފައި ބުނުމަކީ ޣައިބާ ބެހޭ މައްސަލައެއް ނޫނެވެ. ހަަމަ އެހެންމެ، ވަކިކަހަލަ މައުލޫމާތުތަކެއްގެ މައްޗަށާއި މާޒީއާއި ހާޒިރުގައި ކަންކަން ހިނގާ ގޮތުގެ މައްޗަށް ވެސް ބަލައި، ސިޔާސީކަންކަމާ ބެހޭ ގޮތުން ވާހަކަދައްކައި ބުނުންތައް ބުނެ، ކުރިއަށް މިވެނި ކަމެއެް އޮވެދާނެ ގޮތް ލަފާކޮށް ބުނުމަކީ ޣައިބުގެ އެނގޭކަމަށް ދައުވާކުރުމެއް ނޫނެވެ.
މީގެ މާނައަކީ އަތްބެލުމާއި ފާލުބެލުމާއި ތަރިތަކުގެ އެރުމާއި އޮއްސުމަށް ބަލައި، ނުވަތަ ކުރާފަދަ ތަކެތި ދުއްވައި، މީހެއްގެ ހަޔާތުގެ ކަންތައްތައް ކުރިއަށް އޮންނާނީ މިވެނި ގޮތަކަށޭ ބުނުމަކީ މަތީގައި ބަޔާން ކުރެވިފައިވާ ކަންކަމާއި އެއްގޮތް ކުރުމެއް ނޫނެވެ. މިނަންގަތް އަތްބެލުމާއި ފާލުބެލުމާއި ނުޖޫމީ އިލްމޭ ކިޔާ ކަންކަމަކީ ފަހަރެއްގައި ވެސް، ހަގީގީ އިލްމެއްގެ މައްޗަށް ބިނާވާކަންކަމެއް ނޫނެވެ. އެހެންވެ، އެކަންކަމަކީ އެކަންކަމުގައި އެއްވެސް ތެދެއް އެކުލެވިގެންވާ ކަމެއް ވެސް ނޫނެވެ. ނަމަވެސް، މަތީގައި ބަޔާންކުރެވި ދިޔަ ކަންކަން – މޫސުން ލަފާކުރުން، ކޭތަހިފުން ފަދަ ކަންކަން – މިކަންކަމީ ހަގީގީ އިލްމުތަކެއްގެ މައްޗަށް ބިނާވާކަންކަމެވެ. އެހެންވެ، މިއީ ޣައިބުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.