އެއްދުވަހަކު ހިޔަޅެއް ކުކުޅު ކޮށްޓަކަށް ވަދެ، ހާލެއް ޖަހައިގަނެގެން ދުވެ ދިޔައެވެ. ދެން، ވަލުތެރޭގައި އެކަނި ހަމަޖެހިލައިގެން އިނދެ ހާލުގެ މަސްގަނޑު ކާލަން ތައްޔާރުވިއެވެ. އެ ހިނދު، ހަމަ ކުއްލިއަކަށް، އައި ނުއައި ތަނެއް ނޭނގި، ބޮޑު ސިންގާ އެއް އެތަނަށް އައެވެ. އަދި ހިޔަޅު އަތުން ހާ ޖަހައިގަނެ ހާލުގެ މަސްގަނޑު ސިންގާ ކާލިއެވެ.
އެ ވަގުތު ހިޔަޅު ސިންގާއަށް ބުންޏެވެ. ތިކުރީކީ ރަނގަޅު ކަމެއް ނޫނެވެ. އަހަރެން ކާއިން ހާ ތިޔަހެން ބާރުގެ ބޭނުން ކޮށްގެން ޖަހައިގަނެގެން ގެންދިޔުމަކީ ހަމައެއް ނޫނެއް ނޫން ހެއްޔެވެ؟ ތިޔައީ ބޮޑު އަނިޔާވެރި ވުމެއް ނޫން ހެއްޔެވެ؟ ތިހެން ކަންތައް ކުރުމުގައި އަދުލުވެރިކަމާއި އެއް ވެސް އިންސާފެއް ނެތެއް ނޫންހެއްޔެވެ؟
ދެން، ސިންގާ ހިޔަޅުގެ މޫނަށް ބަލާލާފައި ބުންޏެވެ. ހަމައާއި އަދުލުވެރިކަމާއި އިންސާފުގެ ވާހަކަ އަހަންނަށް ކިޔައިދޭން ތިޔަ އުޅެނީ ކަލޭ ހިޔަޅު ހެއްޔެވެ؟ އެ ހާ، ކަލޭ ހޯދީ ކޮންތާކުން ހެއްޔެވެ؟ އެއީ ކަލޭ އަމިއްލައަށް މަސައްކަތްކޮށްގެ ލިބި ގަތް އެއްޗެއް ހެއްޔެވެ؟ ނޫނީ އެއީ ކަލޭ ކޮންމެ ވެސް ނިކަމެތި މީހެއްގެ ކުކުޅު ކޮށްޓަށް ވަދެ، ފޭރިގަނެގެން އައި އެއްޗެއް ހެއްޔެވެ؟ މީހެއްގެ އަތުން ކަލޭ އެ ފޭރިގަތުމުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައި ވަނީ ނަމަ، ކަލޭ އަތުން އަހަރެން އެ ފޭރި ގަތުމުގައި އޮތް މައްސަލައަކީ ކޮބާ ހެއްޔެވެ؟
މިވާހަކަ އެކި ސިފަސިފައިގައި އެކިއެކި ސަގާފަތްތަކުގައި ކިޔައި އުޅެއެވެ. އަރަބިންގެ ތެރޭގައި ޖުހާގެ ވާހަކައެއްގެ ގޮތުގައި މި ވާހަކަ ކިޔައި އުޅެއެވެ. ޖުހާގެ އެ ވާހަކައިގެ ޚުލާސާއަކީ މިއެވެ. ރަސްގެފާނު އަރިހުގައި ރަސްގެފާނުގެ ރަށްޓެހިފުޅު ޖުހާ އިންދާ މީހަކު އައިސް މޫނު ބަލާ ލޯގަނޑެއް ރަސްގެފާނަށް ހަދިޔާކުރިއެވެ. ދެން، ރަސްގެފާނުގެ މޫނުފުޅު ލޯގަނޑުން ބައްލަވާލެއްވުމަށް ފަހު، ކީރިތި ކުރައްވަން ފެއްޓެވިއެވެ. ރަސްގެފާނު ކީރިތި ކުރައްވަން ފެއްޓެވުމުން، އެކަމުގައި ބައިވެރިވުމުގެ ގޮތުން ޖުހާ ވެސް ރޯން ފެއްޓިއެވެ. ދެން، އިރުކޮޅެއް ފަހުން، ރަސްގެފާނު ހުއްޓަވާލެއްވިއެވެ. ނަމަވެސް، ޖުހާ ހުއްޓާ ނުލައި ރޮމުން ދިޔައެވެ. ދެން، އިރުގަނޑެއް ފަހުން ޖުހާ ވެސް ހުއްޓާލީމާ،ހައިރާންވެ ވަޑައިގެން، ރަސްގެފާނު ޖުހާއަށް ވިދާޅުވިއެވެ. ޖުހާއެވެ! އަހުރެން މޫނު ބަލާ ލޯގަނޑަށް ބަލައިލުމުން އަހަރެންގެ މޫނުގެ ހުތުރުކަން މިއަދު، އަލަށް، އަހަންނަށް ފާހަގަކުރެވުނެވެ. އެހެންވެ، އެކަމާ ދެރަވެގެން، އަހަންނަށް ރޮވުނީއެވެ. ދެން އަހަރެންގެ ހިތާމައިގައި ބައިވެރި ވުމުގެ ގޮތުން ކަލޭވެސް ރުއީ ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަންނަށް ނޭނގުނު ކަމަކީ އަހަރެން ހުއްޓާލީމާ ވެސް ކަލޭ ރުއިން ކުރިއަށް ގެންދިޔަކަމެވެ. ދެން ޖަވާބުގައި ރަސްގެފާނަށް ޖުހާ ދެންނެވިއެވެ. ރަސްގެފާނުގެ ހުތުރު މޫނުފުޅު ރަސްގެފާނަށް ފާހަގަ ކުރެއްވުނީ މިއަދު ނޫންތޯއެވެ؟ އަދި، އެހެންވެ، ކީރިތި ކުރެއްވުނީއެވެ؟ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުމެ އެކަން ފާހަގަ ކުރެވެއެވެ. އެހެންވީމާ އަޅުގަނޑުމެން އިތުރަށް ރޯން ޖެހޭނެ ނޫންތޯއެވެ!
މިމާނައިގައި އިނގިރޭސި ބަހުގައި ‘ތެލި ސައިކުރާއާ ދިމާއަށް ކަޅޭ’ ބުނާ ބުނުން އޮވެއެވެ. ޗައިނާގެ ސަގާފަތުގައި ކަޅު ކާޅެއް ކަޅު އޫރަކާ ދިމާއަށް ކަޅޭ ބުނާ ބުނުން ވެސް އޮވެއެވެ. ހަމަ އެހެންމެ، ދިވެހި ބަހުގައި، މި މާނަ ފޯރުކޮށް ދޭ ގުދޯ ގުދޯ ގޮވުމުގެ ބަސް އޮވެއެވެ. އާދެ، ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާ ދެރަކޮށްލުމުގެ ގޮތުން އޭނާއާ ދިމާއަށް ގުދެއް އޮތް ވާހަކަ ބުނާ ބުނުމެވެ. މިހުރިހާ ވާހަކައިން ވެސް ފާހަގަކުރަން ބޭނުން ވަނީ ތިމާގެ ކިބައިގައި ހުރި ނަމަ ހުރި އައިބެއް ނުފެނި އެހެން މީހުންގެ އެފަދަ އައިބުތައް ފެންނަ ކަމެވެ.
މިވާހަކަތައް ހަނދާންވީ ދާދި ފަހުން، އިސް މަގާމަކަށް އިސްކުރެވުނު މީހަކު، ދީނީ މީހުންނަށް ދީން އެނގުމާ މެދު، މަލާމާތުގެ ރާގެއްގައި ބުނެފައި އޮތް އެއްޗެއް ފެނުމުންނެވެ. މީހަކު، ދީނީ އިލްމުވެރިޔަކަށް ވަނީ ކިހިނެއްތޯ، ކޮން އެއްޗެއް، ކިހާ ދުވަހެއް ވަންދެން ކިޔަވައިގެންތޯ ދޭހަވާ ގޮތަކަށް ބުނެފައި އޮތް ބުނުމެއް ފެނިގެންނެވެ. ފަހަރެއްގައި ވެސް ކަމެއްގެ ހަގީގަތް ނޭނގިގެން އެއްޗެއް އޮޅުން ފިލުވުމުގެ އެދުމެއްގައެއް ނޫނެވެ. މަލާމާތާއި ފުރައްސާރަ ކުރުމުގެ ގަސްދުގައެވެ. ފޮށުމާއި ދިމާކުރުމުގެ ބޭނުމުގައެވެ. ހަގީރުކޮށް، ދެރަކޮށްލުމުގެ ނިޔަތުގައެވެ. ދީނީ އިލްމުގެ މީހުންނަކީ ތަނެއް ދޮރެއް ނުދަންނަ ބައެއްކަން ބުނުމުގެ ގޮތުންނެވެ. އެހެންވެ، މިނަންގަތް ވާހަކަތައް ހަނދާންވީއެވެ. ތިމާމެންގެ ކިބައިގައި ހުރި ބައެއް ކަހަލަ އައިބުތައް ފާހަގަ ނުވެ، އެހެން މީހުންގެ އައިބުތަކެއް ހުރިކަމަށް ދެކިގެން އެކަން ފާހަގަކުރަން އުޅުނީމައެވެ. ރަސްގެފާނުގެ މޫނުފުޅުގެ ހުތުރުކަން އެންމެނަށް ފެނި، އެނގޭ އިރު، ރަސްގެފާނަށް އެކަން ފާހަގަ ނުކުރެއްވުނު ފަދައިންނެވެ. ކޮންމެ އަކަސް މިކަން އިތުރަށް ސާފުކޮށްލަދެވޭތޯ ބަލާލާނަމެވެ.
އެންމެ ފުރަތަމަ ދީނީ މީހުން ދީން އުނގެނޭ ގޮތް ބުނެލަން ޖެހެއެވެ. ދީނީ މީހުންވެސް ދީން އުނގެނެނީ ތައުލީމުދޭ މުއައްސަސާތަކުންނެވެ. އިބްތިދާއީ މުއައްސަސާތަކާއި ސާނަވީ މުއައްސަސާތަކުންނެވެ. އަދި އެއަށް ފަހު، ދީނީ ޖާމިއާތަކުންނެވެ. ޖާމިއާގައި ފުރަތަމަ ޑިގުރީއާއި އަދި އެއަށް ފަހު، އެހެން މަތީ ޑިގުރީއަށް ވެސް ކިޔަވައެވެ. މާސްޓާރސް ޑިގުރީއާއި ޕީ.އެޗެ.ޑީގެ ޑިގުރީއަށް ވެސް މެއެވެ. މި މަރުހަލާތަކުގައި ކިޔަވާ މުއްދަތު ދީނީ ނޫން ތައުލީމީ މުއައްސަސާތަކުގައި ކިޔަވާ މުއްދަތެކޭ ތަފާތެއް ނޯވެއެވެ. އިބްތިދާއީ ތައުލީމުގެ މަރުހަލާއިން ފެށިގެން ސާނަވީ ތައުލީމުގެ މަރުހަލާ ނިންމާލަން، ހަތް ވަރަކަށް އަހަރު ނަގައެވެ. ދީނީ ޖާމިއާއެއްގައި ފުރަތަމަ ޑިގުރީ ހާސިލުކުރަން މަދުވެގެން ހަތަރު އަހަރު ނަގައެވެ. ދީނީ މަދަރުސާތަކާއި އަދި ޖާމިއާތަކަކީ ހަމައެކަނި އިސްލާމީ ސަގާފަތަށް ޚާއްސަ ކަމެއް ނޫނެވެ. މިސާލަކަށް ޔަހޫދީންގެ ސަގާފަތުގައި ވެސް އަދި ނަސާރާއިންގެ ސަގާފަތުގައި ވެސް ދީނީ މަދަރުސާތަކާއި ދީނީ ޖާމިއާތައް ހުރެއެވެ.
ޝައްކެއްނެތް ގޮތުގައި އިސްލާމީ ދީނީ ތައުލީމީ މުއައްސަސާތަކުގެ މަންހަޖުތަކަކީ، އެހެންވެސް ޖާމިއާތަކުގެ މަންހަޖުތައް މުރާޖައާކޮށް އިސްލާހު ކުރާ ފަދައިން، އިސްލާހު ކުރަން ޖެހޭނޭ މަންހަޖުތަކެކެވެ. މީގެ މާނައަކީ އިސްލާމީ ޖާމިއާތަކުގައި ކިޔަވައިދޭން ބޭނުން މިހާރުގެ މަންހަޖުތަކުން ދީނީ އިލްމު ހާސިލުނުކުރެވޭ ވާހަކައެއް ނޫނެވެ. އަދި، އެ މަންހަޖުތަކުގައި ބޭނުން ކުރެވޭ މަންހަޖީ ފޮތްތަކަކީ އިލްމީ ނަޒަރުން ބަލާއިރު، އެކަށީގެންވާ ފޮތްތަކެއް ނޫނޭ ބުނުމެއް ވެސް ނޫނެވެ. އެ މަންހަޖުތަކުން، ދީނީ އިލްމު ހާސިލުކުރެވެއެވެ. އަދި، ހަމަ އެހެންމެ، އެ މަންހަޖުތަކުގެ ދަށުން ކިޔަވައިދޭން ބޭނުން ކުރާ މަންހަޖީ ފޮތްތަކަކީ، ޚާއްސަކޮށް ޖާމިއީ މަރުހަލާގައި ބޭނުނުން ކުރާ މަންހަޖީ ފޮތްތަކަކީ، ކޮންމެ ހައިސިއްޔަތަކުން ބެއްޔަސް، އެކިޔަވައިދޭ މާއްދާތަކުގައި ލިޔެފައި ހުރި އެންމެ މޮޅެތި އިލްމީ ފޮތްތަކުގެ ތެރޭގައި ހިމެނޭ ފޮތްތަކެވެ. ކޮންމެ ހައިސިއްޔަތޭ މި ބުނީ ބަހުގެ ހައިސިއްޔަތުން ބެއްޔަސް، ނޫނީ އިލްމުވެރި ކަމުގެ ހައިސިއްޔަތުން ބެއްޔަސް ނޫނީ އެ ފޮތްތައް ލިޔުނު އިލްމުވެރިންގެ ހައިސިއްޔަތުން ބެއްޔަސް އެ ފޮތްތަކަކީ އިލްމުވެރި ފޮތްތަކެކޭ ބުނެވޭނެތީއެވެ.
މީގެ މާނައަކީ އެ މަންހަޖުތަކުގެ ދަށުން ކިޔަވައިގެން ނިކުންނަ ކޮންމެ މީހަކީ ދީނީ އިލްމުވެރިޔަކަށް ވުމެއް ނޫނެވެ. ހިސާބު އިލްމުން ނޫނީ ސައިންސުގެ ކޮންމެ ވެސް ދާއިރާއަކުން ނޫނީ އެނޫންވެސް އެހެންވެސް އިލްމީ ދާއިރާއަކުން ފުރަތަމަ ޑިގުރީއެއް ނުވަތަ އެއަށް ވުރެ މަތީ ޑިގުރީއެއް ފުރިހަމަކޮށްގެން އާލިމެއްކަމުގެ ލަގަބު ނުލިބޭ ފަދައިންނެވެ. އެހެންވެ، ދީނީ ދާއިރާއިން ފުރަތަމަ ޑިގުރީ ނޫނީ އެއަށް ވުރެ މަތީ ޑިގުރީއެއް ހާސިލުކުރިއަސް އިލްމުވެރިންނަށް ނުވެ ހިނގައިދާނެއެވެ. އެންމެ ސާދާ ގޮތެއްގައި ބުނާ ނަމަ އިލްމުވެރިންނަކީ އިލްމު އުފައްދާ މީހުންނެވެ. އެމީހުން ކިޔެވި ދާއިރާއަކުން އިލްމު ހާސިލުކޮށް، އެދާއިރާއެއްގައި އިލްމު އުފައްދުމެގެ މަންހަޖަކީ ކޮބައިތޯ ދެނެގަނެއް، އެ މަންހަޖު ބޭނުންކޮށްގެން ނުވަތަ އެމަންހަޖު އިތުރަށް ތަރައްގީކޮށްގެން އިލްމު އުފައްދައި، އެ ދާރިއެއްގެ އިލްމުވެރިކަން ތަރައްގީކުރަން މަސައްކަތްކުރާ މީހުންނެވެ. މި ހިސާބަށް ދެވެނީ ހަމައެކަނި ޑިގުރީއެއް ހާސިލުކޮށްގެން ނޫނެވެ. ދެންމެ އިޝާރަތްކޮށްލިފަދައިން، އެމީހެއްގެ ޚާއްސަ ދާއިރާއެއްގައި އިލްމު އުފެއްދުމުގެ މަންހަޖު ދެނެގަނެ، އެދާއިރާގެ އިހުގެއާއި ފަހުގެ ލިޔުންތައް ކިޔައި ފަހުމުކޮށް އަދި ދިރާސާކުރުމުގައި ދުވަސްތަކެއް ހޭދަކޮށްގެންނެވެ. އަދި، އެ ދިރާސާތުތަކުގެ މައްޗަށް ބިނާކޮށް އެކިއެކި ލިޔުންތައް ވެސް ލިޔެވިގެންނެވެ.
ދެން އޮތީ ރާއްޖޭގައި ދީނީ ނޫން އެހެން ދާއިރާތަކުގައި މަސައްކަތްކުރާ އެންމެނަށް އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި އޮންނަނީ އެމީހުންގެ ގާބިލު ކަމުގެ މައްޗަށް ބަލާފައތޯ ސުއާލުކޮށްލުމެވެ. ދީނީ އިލްމުގެ މީހުންގެ ކިބައިގައި ދީނީ އިލްމު ހުރި މިންވަރާ މެދު ސުއާލުއުފެއްދި މީހާ ރަސްގެފާނު މޫނު ބަލާ ލޯގަނޑަށް ބައްލަވައި ލެއްވި ގޮތަށް އަމިއްލަ މޫނަށް ބަލައިލުން މުހިއްމެވެ. އޭނާއަށް އޭނާ އަދާ އެކުރާ ވަޒީފާ ލިބިފައވަނީ އެ ދާއިރާގެ ކިހާވަރެއްގެ އިލްމާކާއި ހުނަރު ލިބިފައިވީމާތޯއެވެ. ނުވަތަ އިދާރީ ކަންކަމާ ބޭހޭ ކޮންކަހަލަ ފާހެއް ނުވަތަ ތަޖުރިބާއެއް ލިބިފައި ހުރީމާ ހެއްޔެވެ؟ އޭނާއާ އޭނާއަށް ވަޒީފާ ދިން މީހާއާ އެއްވެސް ގާތް ގުޅުމެއް ނެތް ނަމަ، އޭނާއަށް އެ ވަޒީފާ ލިބުނީސްތޯ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ނަފްސާ ސުއާލުކޮށްލާށެވެ! ޖަވާބުގައި ބުނަން ޖެހެނީ އެފަދަ އެއްވެސް ގުޅުމެއް ނެތް ނަމަ، އޭނައަށް އެ ވަޒީފާ ލިބުމަށް ވުރެ ގާތްވަނީ އެ ވަޒީފާ ނުލިބުމާއެވެ. ދީނީ މީހުންނަށް ދީނީ އިލްމުގެ މީހުންނޭ ކިޔަނީ ހަމަ ގައިމުވެސް އެ މީހުން މީހަކާ ތިމާގެ ވެގެންނެއް ނޫނެވެ. ނޫނީ މީހަކާ ޅިޔަން ފަހަރި ކަމުގެ ގުޅުމެއް އޮވެގެންނެއް ނޫނެވެ!
ދެން އޮތީ އެ މީހާއަށް އެވަޒީފާ ދިން މީހާ އަދާ ކުރާ ވަޒީފާގެ ހުނަރުގެ ވާހަކައެވެ. އެ މީހާ އެ އަދާ ކުރާ ވަޒީފާ އެ އަދާ ކުރަނީ ކޮން އިލްމުވެރިކަމެއް ނޫނީ ކޮން އިދާރީ ހުނަރެއް ހުރެގެން ހެއްޔެވެ؟ އެއްވެސް ޔުނިވަރސިޓީއަކުން ދީނީ ވިޔަސް ނޫނީ ދީނީ ނޫން ވިޔަސް އެއްވެސް ކަހަލަ ފާހެއް އެބަ އޮތް ހެއްޔެވެ؟ ނޫނީ ދިގު މުއްދަތެއް ވަންދެން އެއްވެސް އޮފީހެއް ހިންގުމުގެ ތަޖުރިބާ އެބަހުރި ހެއްޔެވެ؟ އޭނާ ދަންނަ އޭނާއެކުގައި މަޖުލިހުގައި ހޭދަކުރި ބައެއް މީހުން ބުނާ ގޮތުގައި ފަންސަވީހަކަށް އަހަރު މަޖުލިހުގައި ހޭދަކުރިއިރު އޭނާ އަނގަ ހުޅުވާލިކަމަކަށް ވެސް ނުވެއެވެ. މި ބުނަނީ މަޖުލިހުގެ ސައި ކެފޭގައި އެއްޗެއް ކާލަން ނުވަތަ ބޯލަން އަނގަ ނުހުޅުވާ ވާހަކައެއް ނޫނެވެ. މަޖުލިހުގައި ބިލަކާ މެދު ވާހަކަ ދައްކަން ނުވަތަ އިސްލާހެއް ހުށަހަޅާލަން އެއްޗެއް ބުނަން އަނގަ ނުހުޅުވާ ވާހަކައެވެ. ދެން، އޭނާގެ ފަންސަވީސް އަހަރު މަޖުލީހުގައި ހަނުއިނުން އެއީ އޭނާ އަދާ ކުރާ ވަޒީފާއަށް އޭނާ އެކަށޭނަކުރާ ކަމަކަށް ވެއްޖެ ނަމަ، ފަންސަވީސް އަހަރަށް ވުރެ ގިނަދުވަހު މަޖުލިހުގެ ތެރޭގައި ހަނު ތިބި ސިމެންތި ތަނބުތަކުގެ ތެރެއިން ތަނބަކަށް ވެސް އެއަހުލު ވެރިކަން ލިބެން ޖެހޭނެއެވެ!
ދެން ވެސް މިކަހަލަ އެތައް މިސާލުތަކެއް ގެނެވިދާނެއެވެ. ޓެރަރިޒަމްއާ ބެހޭ ކޮންސަލްޓެންޓެއްގެ ގޮތުގައި ލެއްވިފައި ހުރި މީހަކީ ކޮންކަހަލަ ފާސްތަކެއް ނަގައިގެން އެކަމަށް އަހުލުވެރިވެފައި ހުރި މީހެއް ހެއްޔެވެ؟ ދުނިޔޭގައި ކޮންސަލްޓަންޓެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަން ފުރުސަތު ލިބެނީ އެކަން ކުރަން ބޭނުންވާ ދާއިރާއަކުން މަތީ ފާސްތައް ނަގައި ނުވަތަ، އެކަމުގެ އަހުލުވެރިކަން، ދިރާސާތުތަކުންނާއި ލިޔުންތަކުން ސާބިތުކޮށްދީފައިވާ މީހުންނަށެވެ. އިސްލާން ދީނާ ގުޅޭ ޓެރަރިޒަމްގެ ކޮންސަލްޓެންޓުންގެ ގޮތުގައި ތިބޭ މީހުންނަކީ އިސްލާމް ދީނުގެ މައިގަނޑު ބަހެއް އެނގޭ، އަދި އިސްލާމީ ތާރީޚާއި އިސްލާމީ ސަގާފަތް އިލްމީ ސިފައެއްގައި ދަންނަ މީހުންނެވެ. ނަމަވެސް، ރާއްޖޭގައި އެކަން އޮންނަނީ ވަޒީފާދޭ މީހާއާއި ނުވަތަ އޭނާގެ ގާތް މީހަކާ ގުޅުމެވެ. ބައެއް ފަހަރު ގާތް މީހަކީ ވަޒީފާދޭ މީހާގެ ކައްކާގެ ރައްޓެއްސަކަށް ވުން ވެސް ފުދިދާނެއެވެ.
އަދި ވެސް އެހެން މިސާލެކެވެ. މިފަހަރު ލޯ ރަނގަޅަށް ހުޅުވާލާފައި ރައްޔިތުންގެ މަޖުލީހުގެ ތެރެއަށް ނަޒަރު ހިންގާލާށެވެ! އެއީ ގާނޫނު ހަދާ މަޖުލިހެކެވެ. އެތާގައި ތިބީ މިކަމަށް އަހުލުވެރި ކިތައް މީހުންތޯ ދެނެގަނެވޭތޯ ބަލާލަބަލާށެވެ! ބައެއް މީހުންނަކީ އަތިރި މަތީގައްޔާއި ކުޅިވަރު ދަނޑުތަކުގައި އެމީހުންގެ ހަޔާތް ވޭތު ކޮށްލި މީހުންނެވެ! އެމީހުންގެ ގާނޫނީ އިލްމަކާއި ހުނަރުވެރިކަމެއް ލިބުނީ އެތަންތަނުންނެވެ! ހަމަ ގައިމުވެސް، އެމީހުންގެ ގާނޫނީ އިލްމުވެރިކަމަށް ވުރެ، ރާއްޖޭގައި ދީނީ ދާއިރާގައި މަސައްކަތްކުރާ ދީނީ މީހުންގެ ދީނީ އިލްމުވެރިކަން ކުޑައެއް ނުވާނެއެވެ!
މިކަހަލަ އެތައް މިސާލުތަކެއް ގެނެވިދާނެއެވެ! ނަމަވެސް މިވަރުން ފުއްދާލާނަމެވެ. ހިޔަޅު ސިންގާއާ ދިމާއަށް އަދުލުވެރިވާށޭ ގޮވިފަދައިން، ދީނީ އިލްމު އުނގެނިގެން އުޅޭ މީހުންނާ މެދު، ކަލޭމެންގެ އެއްވެސް އިލްމުވެރިކަމެއް ނެތޭ ބުނާއިރު، އަމިއްލަ ނަފްސުގެ ހާލަތާއި މެދު އެންމެ ފުރަތަމައިން ވިސްނާލާށެވެ! ކޮން ހަމައަކުންތޯ، ކޮން ފޮތެއްގައި އޮތް އިންސާފަކުންތޯ، ތިމާއަށް ތިމާގެ ވަޒީފާ ލިބިފައި އޮތް ގޮތާ މެދު ސުއާލު އުފައްދާލާށެވެ! އަދި، ހަމަ އެހެންމެ، ތިމާއަށް އެ ވަޒީފާ ދިން މީހާގެ ވަޒީފާގެ ގާބިލުކަމުގެ މައްޗަށް ވެސް ވިސްނާލާށެވެ! ދެންވެސް، އެކި އެކި އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ގާބިލުކަމާ މެދު ސުއާލުކޮށްލާށެވެ! އާދެ، އެހެން މީހުންނަށް ވަރަށް ސާފުކޮށް ތިމާގެ މޫނު ފެންނަން އޮތް އިރު، ތިމާއަށް ތިމާގެ މޫނު ނުފެނި އުޅުނީމާ ޖެހޭނީ ރަސްގެފާނަށް ޖެހުނު ހާލެވެ. މިކަން ހަނދާން ނެތް ނަމަ، އަދި އެއްފަހަރު ކުރިން ލިޔެވިފައި އޮތް އެއްޗެއް ކިޔާލާށެވެ! ކޮންމެ އަކަސް، ތެލި ސައިކުރާއާ ދިމާއަށް ކަޅޭ ކިޔުމާއި ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާއާ ދިމާއަށް ގުދޯ ގުދޯ ގޮވުމަކީ މާ ބުއްދިވެރިކަމެއްހެން ހިޔެއް ނުވެއެވެ.


