ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން

ރިޕޯޓް އަދަބިއްޔާތު އިޖުތިމާޢީ ފަހުގެ ސިޔާސީ

ރާމާމަކުނުގެ އިންސާފުގެ ވާހަކައަކީ އަޅުގަނޑުމެން މަޖީދިއްޔާ އިސްކޫލުގެ ދަށުކިލާސްތަކުގައި ކިޔަވަން އުޅުނު އިރު، ދިވެހި ކިޔަވަން ބޭނުންކުރި ‘ކިޔުމުގެ ފޮތެއް’ކަމުގައިވާ ކުޑަކުދިންގެ ބަގީޗާގައި އޮންނަ ވާހަކައެކެވެ. މިވާހަކައަށް ދެވިފައި އޮތް ނަމަކީ ‘ދެ ބުޅަލުގެ އަރާރުން’ މިއެވެ. މިފަހަރުގެ ތާރީޚީ ފިލާވަޅު ގުޅެނީ މިވާހަކައާއެވެ. 

އެންމެ ފުރަތަމަ ވާހަކައިގެ ޚުލާސާއެއް ލިޔެލާނަމަވެ. އެއްދުވަހަކު ދެ ބުޅާވެގެން، ކޮންމެވެސް ތަނަކުން، ބޯކިބަލެއް ނެގިއެވެ. ދެން، ދެބުޅަލުގެ މެދުގައި ބޯކިބާ ބެހުމުގެ މައްސަލަ ޖެހިއްޖެއެވެ. އެއް ބުޅާ، ބޯކިބާ ފަޅާލައި ދެފަޅިކޮށްފައި އެއްފަޅި، އަނެއް ބުޅަލަށް ދިނުމުން، އޭނާ ބުނީ އޭނާއަށް ލިބުނު ފަޅި ކުޑަކަމެވެ. އަދި އޭނާގެ އަޚާގެ ފަޅި މާ ބޮޑުކަމެވެ. މައްސަލަ ހައްލު ނުކުރެވިގެން، ދެބުޅާ ނިންމީ އަވައްޓެރި ރާމާމަކުނު ފަނޑިޔާރު މަނިކުފާނު އަރިހަށް ދާށެވެ. ފަނިޑިޔާރު ރާމާމަކުނު އަރިހަށް ގޮސް ބޯކިބަލުގެ މައްސަލަ ހުށަހެޅުމުން، އިންސާފުގެ ތިލަފަތުގެ ދެކިބަ މަތީގައި ދެފަޅި ބޯކިބާ ބާއްވަވާފައި ފަނޑިޔާރު މަކުނު ވިދާޅުވިއެވެ. “މައްސަލަ ޖެއްސި ބުޅާ އެ ބުނަނީ ރަނގަޅަށެވެ. ބޯކިބާގެ ދެފަޅި ދެވަރެވެ. އެއް ފަޅި ތަންފުކެއް ބޮޑެވެ.” މިހެން ވިދާޅުވެފައި، ބޯކިބާގެ ބޮޑުކަމަށް ދެކެވަޑައިގެންނެވި ފަޅިން، ފަނޑިޔާރު މަކުނު މަނިކުފާނު  ހެޔޮވަރުގެ ބައެއް ނަންގަވައި އަނގަފުޅައް ލައްވަވައި ދިރުވާލެއްވިއެވެ. ދެން އަނެއްކާ ވެސް ދެފަޅި ކިރާލެއްވިއެވެ. އަދި ފަނޑިޔާރު މަކުނު މަނިކުފާނު ވިދާޅުވިއެވެ. “އަހާނ! މިހާރު އަނެއް ފަޅި މާ ބޮޑުވެއްޖެދޯއެވެ؟” ދެން އަނެއްކާވެސް އެފަޅި ކުޑަކޮށްލެއްވުމުގެ ގޮތުން، އެފަޅިން އެތިކޮޅެއް ނަންގަވައި، މަކުނު ފަނޑިޔާރު މަނިކުފާނު ފަރިއްކުޅުއްވިއެވެ. ދެން، އަނެއްކާވެސް ދެފަޅި ކިރާލައްވައި، އެއްފަޅި ބޮޑުވުމުން، އެ ފަޅިން އެތިކޮޅެއް ނަންގަވައި  މަކުނު ފަނޑިޔާރު މަނިކުފާނު ފަރިއްކުޅުއްވިއެވެ. މިހެން، ބޯކިބާގެ ދެ ފަޅިން ފަހަރަކު އެތިކޮޅެއް، ފަނޑިޔާރު މަކުނު މަނިކުފާނު ފަރިއްކުޅުވަމުން ގެންދަވާތަން ދެ ބުޅަލަށް ފެނުމުން، ވާނުވާ ރޭކާލާ ގޮތް ވިއެވެ. ބޯކިބާގެ ދެފަޅި އެއްވަރުކުރައްވަނީއޭ ވިދާޅުވެ، ހީލަތްތެރިކަމާއެކު، ފަނޑިޔާރު މަކުނު މަނިކުފާނުގެ ބޭނުންފުޅަކީ ބޯކިބާ ފަރިއްކުޅުވާލުންކަން ދެބުޅަލަށް ވެސް ވިސްނުނެވެ. ދެން، ވަރަށް އަދަބުވެރިކަމާއެކު، ދެބުޅާ އެއްފަހަރާ ހެން، ފަނޑިޔާރު މަކުނު މަނިކުފާނަށް ދެންނެވިއެވެ. “އިއްޒަތެރި ފަނޑިޔާރު މަކުނު މަނިކުފާނެވެ! ބޯކިބާގެ ދެން އޮތްބައި އަޅުގަނޑުމެންނަށް ދެއްވާށެވެ! އެއްބައި ތަންފުކެއް ކުޑަ ވިޔަސް އެންމެ ރަނގަޅެވެ.” ޖަވާބުގައި، ފަނޑިޔާރު މަކުނު މަނިކުފާނު ވިދާޅުވިއެވެ. “އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އަހުރެން ކުރި މަސައްކަތުގެ އަގު ކޮބާ ހެއްޔެވެ؟” މިހެން ވިދާޅުވެ، ފަނޑިޔާރު މަކުނު މަނިކުފާނު އަނގަފުޅު އޮތް މިނަށް ހުޅުއްވާލައްވައި، ބޯކިބާގެ ދެން ބާކީ އޮތް އެއްޗެއް އަނގަފުޅަށް ލައްވައި، ދިރުވާލެއްވިއެވެ. ދެން، ކައިރީގައި ހުރި ގަހަކަށް އަރުއްވައި ފިއްލެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފަނޑިޔާރު މަކުނު މަނިފާނުގެ އިންސާފުގެ ވާހަކައިން ލިބިގަނެވޭ ދަރުހަކީ، ފިލާވަޅަކީ، ކޮބައި ހެއްޔެވެ؟ ތިމާމެންގެ ދާޚިލީ ކަންތައްތައް، ތިމާމެންގެ އަމިއްލަ މައްސަލަތައް، ހައްލުކުރަންވާނީ އަމިއްލައަށް ކަމެވެ. ތިމާގެ ދަހިވެތިކަން އިންތިހާއަށް ގޮސް، ‘ބޯކިބާގެ ބޮޑުބައި’ ހޯދުމުގެ ބޭހަޔާއީ އަމިއްލަ އެދުމުގައި، ތިމާމެންގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރު މީސްމީހުން ވެއްދުމަކީ ބޮޑެތި ގެއްލުން ލިބޭ ކަމެއްކަމެވެ. މީގެ ބައެއް ހަގީގީ މިސާލުތައް، ބަލާލުމަށްޓަކައި، ތާރީޚުގެ ބައެއް ސަފުހާތައް އުކާލަމާ އަންނާށެވެ.

ތަންކޮޅެއް ކުރީގެ ތާރީޚީ މިސާލެއް ބަލާލާކަމަށް ވަންޏާ، އަންދަލުސްގެ ވާހަކަ ކިޔާލާށެވެ. އަންދަލުސްއަކީ ‘އިސްލާމީ އިސްޕޭނަށް’ ދެވުނު ނަމަވެ. އަދުގެ އިސްޕޭން އާއި ޕޯޗުގަލް، މިދެގައުމު އޮތް ބައްރުކަމުގައިވާ އައިބީރިޔާގެ ޖަޒީރާ އެއްކޮންހެން މުސްލިމުން ވެރިކަން ކުރިއިރު، އެ ޖަޒީރާ އަށް މުސްލިމުން ދީފައިވާ ނަމެވެ. އަންދަލުސްގައި މުސްލިމުންގެ ވެރިކަން، ގާތްގަނޑަކަށް، 800 އަހަރު ވަންދެން ދެމިއޮތެވެ. މިލާދީ ސަނަތުން 711 އިން ފެށިގެން 1492ވަނަ އަހަރާއި ހަމައަށެވެ. މީގެ ތެރެއިން، ގާތްގަނޑަކަށް، ފުރަތަމަ 300 އަހަރު މުޅި އައިބީރިޔާގެ ޖަޒީރާގައިހެން  މުސްލިމުންގެ ވެރިކަން  އޮތެވެ. އެއަށްފަހު، މުސްލިމުންގެ މެދުގައި، ސިޔާސީ ދެބަސްވުންތައް އުފެދި، އެކަން ކޯޅުންތަކަށް ބަދަލުވެ، ދާޚިލީ މައްސަލަތަކުގެ ތެރެއަށް މަކުނު ފަނޑިޔާރު ފަދަ ބޭރު މީސްމީހުން ގެނައުމުގެ ސަބަބަކަށްވީ، ދެބުޅަލަށް ބޯކިބާ ގެއްލިދިޔަ ފަދައިން، މަޑުމަޑުން، މުސްލިމުންގެ ބާރުގެ ދަށުގައި އޮތް އަންދަލުސްގެ ސަރަހައްދު، އުނިވަމުން ދިޔުމެވެ. އެސަރަހައްދު، ބަޔަކަށްފަހު ބަޔެއް، މުސްލިމުން އަތުން ގެއްލި، އެންމެ ފަހުން އާޚިރުގައި، 1492ވަނަ އަހަރު، އެންމެ ފަހުން އޮތް ބައި، ޣަރުނާތާ، (ގްރެނާޑާ) ގެއްލުނީއެވެ. ދެން، މުސްލިމުންނަށް، ނަސާރާ ދީނާ ވަންނަން މަޖުބޫރުކުރެވުނެވެ. އެކަން ގަބޫލުނުކުރި ބައެއް މުސްލިމުން މެރުނެވެ. އަނެއް ބަޔަކު ފުރާނައާއިގެން ރަށުން ބޭރުވެ، އުތުރު އެފްރިކާގައި ވަޒަންވެރިވިއެވެ. މިއަދުގެ އަލްޖީރިޔާއާއި ތޫނިސާއި މަޣުރިބު ކަރައިގެ ރާއްޖެތަކުގެ ބައެއް މީހުންގެ އާއިލީ ނަންތަކަށް ބަލައިލުމުން، އެމީހުންނަކީ 1492ގައި އަންދަލުސްއިން ބޭރުކޮށްލެވުނު މުސްލިމު އިސްޕޭނުގެ ދަރިކޮޅުގެ މީހުންކަން ފާހަގަކުރެވޭނެއެވެ. އަންދަލުސްގައި މަކުނު ފަނޑިޔާރު މަނިކުފާނުގެ ބައި ކުޅުއްވީ އިސްޕޭނުގެ އެންމެ އުތުރުގައި އޮތް ނަސާރާއިންގެ ވެރިކަމުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އަމީރުންނެވެ. އެ އަމީރުންނަށް އެކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ މުސްލިމުންގެ ސިޔާސީ ކޯޅުންތަކުގެ ސަބަބުންނެވެ. އަދި، ކޮންމެ ސިޔާސީ ލީޑަރެއްގެ ވެސް އެންމެ މުހިއްމު އެދުމަކަށް، އޭނާގެ އަމިއްލަ ވެރިކަން ގާއިމުކުރުން ވެގެންދިޔައީމައެވެ. ނަތީޖާއަކަށްވީ ހަމަ ދެބުޅަލަށް ޖެހުނު ދަތުރެވެ. ދެބުޅާ އަތުން، މުޅި ބޯކިބާ ބީވެގެން ދިޔަފަދައިން، މުސްލިމުންގެ އަތުން، މުޅި އަންދަލުސް ބީވެގެން ދިޔުމެވެ.

މިޒަމާނުގެ ތާރީޚުން ވެސް މިފަދަ މަންޒަރުތައް ފެނެއެވެ. ސިޔާސީ ބުޅާތަކުގެ ކޯޅުންތަކާއި އަދި އެކަމުގެ ސަބަބުން ގައުމުތައް ހަލާކުވެ ނެތިދާ މަންޒަރުތަކެވެ. ދެތިން މިސާލު ލިޔެލާނަމެވެ. އެންމެ ފުރަތަމަ، މިޒަމާނުގައި، 20ވަނަ ގަރުނުގައި، މަކުނު ފަނޑިޔާރުގެ ދައުރު، އެންމެ ގިނައިން އަދާކުރި އެއްބަޔަކީ އިނގިރޭސިންނެވެ. 1920 ވަނަ އަހަރު، ފަލަސްތީނު، މަހުމިއްޔާއެއްގެ ގޮތުގައި (ޕޮރޮޓެކްޓަރޭޓެއްގެ ގޮތުގައި)، އިނގިރޭސީންގެ އަތްދަށަށް ގެނެވުނު ގޮތް ބަލާށެވެ. އަރަބިންގެ ސިޔާސީ ‘ބުޅަލަކަށް’، މިނިވަންކަމުގެ ބޯކިބާގެ ދަޅަ ދައްކައި، އުޘްމާނީންނާ އިދިކޮޅުވެ، އުޘްމާނީ ދައުލަތް ވައްޓާލުމަށް އެހީވެދޭން ހިތްވަރު ދިނެވެ. އަދި އުޘްމާނީ ދައުލަތް ވެއްޓުމުން، އަރަބި މަމްލަކާއެއް އުފައްދައި، އެ މަމްލަކާގެ ރަސްކަލަކަށް މިނަންގަތް ސިޔާސީ ބުޅާ އިސްކުރެވޭނެ ހޮޅި އުއްމީދު ދިނެވެ. ދެން، ފުރަތަމަ ބޮޑު ހަނގުރާމައިގައި އުޘްމާނީ ދައުލަތް ހިމެނުނު، މިހްވަރީ ބާރުތައް (އެކްސިސް ޕަވާރސް) ބަލިވުމުން، ސިއްރު ގޮތެއްގައި، އިނގިރޭސިންނާއި ފަރަންސޭސީން، ސައިކްސް-ޕީކޯގެ ނަމުން ނަންދެވުނު އެއްބަސްވުން އެއްބަސްވެ، ގާތްގަނޑަކަށް މުޅި އަރަބި މެދުއިރުމަތި އެއްކޮށް، (މިއިން އިސްތިސްނާވި މައިގަނޑު ރާއްޖެއަކީ އަދުގެ ސައުދީ އަރަބިޔާއެވެ)، ފަރަންސާސީންނާއި އިނގިރޭސީންގެ ދެމެދުގައި ބަހާލެވުނެވެ. މިއެއްބަސްވުމުގައިވާ ގޮތުން، އިރާގާއި ފަލަސްތީނު އިނގިރޭސީންގެ އަތް ދަށަށް ގެނެވުނެވެ. އިނގިރޭސިންގެ އަތްދަށަށް އިރާގު ގެނެވުނީ، އޭރު، އެތަނުން ތެޔޮ ފެނިފައި އޮތީމައެވެ. އިނގިރޭސިންގެ އަތްދަށަށް ފަލަސްތީނު ގެނެވުނީ، 1917ވަނަ އަހަރު، ޔަހޫދީންގެ ވެރިކަމެއް ފަލަސްތީނުގައި ގާއިމުކުރުމައްޓަކައި އެހީވެދޭނޭކަމަށް އިނގިރޭސިން، ވައުދުވެފައި އޮންނަ ވައުދު ނެރެވިފައި އޮތުމެވެ. އަދި، އެހެންވެ، އެކަމަށް މަސައްކަތްކޮށްދިނުމުގެ ގޮތުންނެވެ. ދެން އައި 25ހަކަށް އަހަރު ދުވަހުގެ ތެރޭގައި މިކަން ކުރެވުނެވެ. ޔޫރަޕުގެ ޔަހޫދީން ފަލަސްތީނަށް ހިޖުރުކުރެވޭ ގޮތް ހަދައިދީގެންނެވެ. ކޮންމެ އަކަސް، އަރަބީން އަތުން ފަލަސްތީނު ގެއްލުމުގެ އަސްލަކަށްވީ، ވެރިކަމުގެ ދަހިވެތިކަމުގައި، ގައުމީ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީހުން ވެއްދުމުގެ ސަބަބުންނެވެ. އަދި، މީގެ އިތުރުން، ހޭލުންތެރި ރައްޔިތެއް ވެސް ނެތުމުންނެވެ. މިވާހަކަތަކުގެ އިތުރު ތަފްސީލު، އިރާދަކުރެއްވިއްޔާ، އެހެން ފުރުސަތެއް ލިބިއްޖެ ނަމަ، ފަހުން ގެނެސްދޭނަމެވެ.

މިފަދަ އެހެން މިސާލުތައް ވެސް 20ވަނަ ގަރުނުގެ ތާރީޚުން ފެނެއެވެ. ކިޔުބާގެ ތާރީޚުން ވެސް މިކަން ފެނިގެންދެއެވެ. އިސްޕޭނުގެ އިސްތިއުމާރީ ބާރުގެ ދަށުން ކިޔުބާ މިނިވަންކުރަން އެމެރިކާގެ އެހީވުންވީ ހަމަ މަކުނު ފަނޑިޔާރު މަނިކުފާނުގެ ބޯކިބާ ބަހައިދިނުން ކަހަލަ ކަމަކަށެވެ. 1908ގައި، އިސްޕޭނުގެ އަތްދަށުން، އެމެރިކާގެ އެހީގައި ކިޔުބާއި މިނިވަން ވުމުގެ ނަތީޖާއަކަށްވީ އެމެރިކާގެ ބާރުގެ ދަށަށް ކިޔުބާ ދިޔުމެވެ. ދެން، 1959ގައި ފިޑެލް ކާސްޓުރޯގެ ޒައާމަތުގައި، ކިޔުބާއަށް އިންގިލާބު ގެނައުމަށްދާންދެން، ކިޔުބާ އޮތީ ބައެއް ލިޔުންތެރިން ސިފަކުރާ ގޮތުގައި އެމެރިކާގެ ‘ބޮޑު ނާސިގެ’އެއްގެ ގޮތުގައެވެ. 

މިފަދަ އަނެއް މިސާލަކީ އިރާގެވެ. 2003ގައި އިރާގުގެ ބައެއް ސިޔާސީ ‘ބުޅާތައް’، ރައީސް ސައްދާމު ހުސައިން ވެރިކަމުން ދުރުކުރުމަށްޓަކައި، އެމެރިކާއަށް ދައުވަތުދީ، އެކަމުގެ ސަބަބުން، އިރާގަށް އަރައިގަނެ، އިރާގު ބައިބައިކޮށް ހަލާކުކޮށްލުމުގެ ފުރުސަތު އެމެރިކާއަށް ލިބުނެވެ. މިކަމުގެ ނަތީޖާ، މިއަދު، ފެންނަން އެ އޮތީއެވެ. މުއްސަނދި ގައުމެއްގެ މުއްސަނދިކަން ގެއްލި، ބައިބައިވެ، ތަން އެއޮތީ ފުނޑުފުނޑުވެ، ހަލާކުވެފައެވެ. ސިޔާސީ ކޯޅުންތަކާއި ދާޚިލާ މައްސަލަތަކުގެ ތެރެއަށް ‘މަކުނު ފަނޑިޔާރު މަނިކުފާނުން’ ވެއްދުމުގެ ނަތީޖާއެވެ.

ދެން އިތުރު މިސާލެއްގެ ގޮތުގައި ނަންގަނެލަން ބޭނުންވަނީ އިންޑިޔާގެ ވާހަކައެވެ. މިތާގައި އިންޑިޔާއޭ ބުނެ އިޝާރަތްކުރާ ބައްރަކީ އަދުގެ އިންޑިޔާ އޮތް ސަރަހައްދުގެ އިތުރުން، އަދުގެ ޕާކިސްތާނާއި ބަނގުލާދޭޝްގެ ސަރަހައްދު ވެސް ހިމަނައިގެންނެވެ. އިންޑިޔާގެ މައްޗަށް، 1858ގައި އިނގިރޭސިން ވެރިވެ، 1947ވަނަ އަހަރާ ހަމައަށް، އެމީހުންގެ ވެރިކަން އިންޑިޔާގެ މައްޗަށް ހިންގިއެވެ. އިނގިރޭސީންނަށް ވެސް، އިންޑިޔާގެ މައްޗަށް ވެރިވާން ފަސޭހަވީ އިންޑިޔާގެ އޭރުގެ އެކިއެކި އަމީރުންގެ ވަކިވަކި ‘ދައުލަތް’ތަކުގެ މެދުގައި އޮތް ސިޔާސީ ކޯޅުންތަކާއި ހަނގުރާމަތަކުގެ ސަބަބުންނެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި މި ނަންގަތް އަމީރުން، އިނގިރޭސީންގެ ހޯދިއެވެ. އަމީރުންގެ މެދުގައި އޮތް ސިޔާސީ ކޯޅުންތަކުގެ އާޚިރު ނަތީޖާއަކަށްވީ ތަން ބައިބައިވެ، އިނގިރޭސީން، އިންޑިޔާއަށް ވެރިވެގަތުމަށް މަގުފަހިވުމެވެ. އާދެ، ސިޔާސީ ކޯޅުމާއި ދާޚިލީ މައްސަލަތަކުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު ބޭރު ބަޔަކަށް ދެވުމުގެ ހިތި ނަތީޖާއެވެ. މިވާހަކަތަކުގެ ތަފްސީލު ބޭނުން ބަޔަކަށް، ފޮތް ފޮތާއި އަދި ނެޓުގެ ސަފުހާތައް މެދުވެރިކޮށް، ވަރަށް ފަސޭހައިން ލިބިދާނެއެވެ.

ދެން ފާހަގަކޮށްލަން ބޭނުން އިތުރު އެއްވާހަކަ އަދި އެބައޮތެވެ. އެއީ ސިއްކިމްގެ ވާހަކައެވެ. 1947ގައި އިންޑިޔާއަށް މިނިވަކަން ލިބުނެވެ. ދެން، އިނގިރޭސިންގެ އަތްދަށަށް އިންޑިޔާ ގެންދިޔަ ގޮތަށް، މިނިވަން ގައުމެއްގެ ގޮތުގައި އޮތް ސިއްކިމް، އިންޑިޔާގެ ބާރުގެދަށަށް ގެނެސް އިންޑިޔާގެ އިސްޓޭޓެއްގެ ގޮތުގައި ހަދާލިއެވެ. ސިއްކިމްއާ ބެހޭ ގޮތުން، އިންޑިޔާއަށް މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތްކުރެއްވި، އަދި އިންޑިޔާގެ މިނިވަންވުމަށް ފަހު، އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި، ޖަވާހިރުލާލް ނެހެރޫ ވިދާޅުވެފައި އޮވެއެވެ. ސިއްކިމްއާއި ބޫޓާނަކީ ހިމާލިޔާ ފަރުބަދަމަތީ މިނިވަން ދެ ދައުލަތެވެ. އަދި އެ ދެދައުލަތަކީ އިންޑިޔާގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެހެންވެ، އިންޑިޔާގެ މިނިވަންކަމާ އެ ދެތަނުގެ މިނިވަންކަމަކީ ދެ މައްސަލައެއްކަމާއި އަދި މި ދެމައްސަލަ ބެލެންޖެހޭނީ ވަކިންކަމަށް އޭނާ ވިދާޅުވެފައި އޮވެއެވެ. މިއިން އެނގި ސާފުވަނީ ސިއްކިމްއަކީ 1947 ގައި އިންޑިޔާއަށް މިނިވަންކަން ލިބުނުއިރު، އިންޑިޔާގެ ބައެއް ނޫންކަމެވެ. އަދި އެއީ އިންޑިޔާގެ ބައެއް ކަމަށް ޚުދް އިންޑިޔާ ވެސް ދައުވާ ނުކުރާ ކަމެވެ.

ދެން ކަންތައްވީ ކިހިނެއްތޯއެވެ؟ ސާޅީހުގެ ފަހުގެ އަހަރުތަކުގައި ސިއްކިމްގެ ‘ޑިމޮކުރަސީ’ގެ ހަރަކާތް ގަދަވެ، ސިޔާސީގޮތުން މީސްތަކުން ބައިބައިވިއެވެ. އަދި އޭރު ސިއްކިމްގައި އޮތް ރަސްކަމާ، ޑިމޮކުރަޓިކް  ހަރަކާތުގެ ސިޔާސީ ވެރިން އިދިކޮޅުވެގަތެވެ. މިކަމުގެ ނަތީޖާއަކަށްވީ، ރަސްކަމުގެ ފަރާތުން އިންޑިޔާގެ އެހީއަކަށް އެދުމެވެ. އެއެހީ އައީ އިންޑިޔާގެ އަސްކަރީންގެ ސޫރައިގައެވެ. ދެން، 1950ވަނަ އަހަރު، އިންޑިޔާގެ މަހުމިއްޔާއަކަށް ސިއްކިމް ބަދަލުވެގެން ދިޔައެވެ. އެކަމުގެ އެއްބަސްވުމުގެ ނަތީޖާއަކަށްވީ ސިއްކިމްގެ ޚާރިޖިއްޔަތާއި އަދި އަސްކަރީ ބާރު، އިންޑިޔާގެ ބާރުގެ ދަށަށް ދިޔުމެވެ. 

ދެން އައި ދުވަސްތަކުގައި، ސިއްކިމްއަކީ އިންޑިޔާގެ އިސްޓޭޓެއްކަމުގައި ހެދުމަށް އިންޑިޔާ ގަދައަޅައި މަސައްކަތްކުރިއެވެ. ނަމަވެސް، ސިއްކިމްގެ ރަސްކަމުގެ ފަރާތުން، މިކަން، ނުވެ ވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް، 70ގެ އަހަރުތަކުގެ ކުރީކޮޅު، އާންމުންގެ ބަޔަކު، ރަސްކަމާއި ދެކޮޅުވެރިވިއެވެ. ދެން، 1975ގައި އިންޑިޔާގެ ލަޝްކަރުގެ ބެލުމުގެ ދަށުން އާންމު ވޯޓެއް ނަގައި، ރަސްކަން އުވާލެވުނެވެ. އަދި، އެއަހަރުގެ މޭ މަހު، ސިއްކިމްއަކީ އިންޑިޔާގެ ބާވީސް ވަނަ އިސްޓޭޓުކަމުގައި ހަމަޖެހުނެވެ. ދެންމެ މިނަންގަތް އާންމު އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށްޓަކައި، އިންޑިޔާގެ ވިހި ހާހާއި ސާޅީސް ހާހާއި ދެމެދުގެ އަސްކަރީން ތިބިކަމަށް ބުނެވެއެވެ. ސިއްކިމްގެ އާބާދީއަކީ އޭރު، ދެލައްކަ މީހުންނެވެ. މީގެ މާނައަކީ ސިއްކިމްގެ ކޮންމެ މީހަކަށް އިންޑިޔާގެ ފަހަކާއި ދިހައަކާއި ދެމެދުގެ އަސްކަރީން އެދުވަހު ތިބިކަމެވެ. އެހެންވީމާ، ވޯޓުގެ ނަތީޖާ 97.5% އިން، އިންޑިޔާ ބޭނުންވާ ގޮތަށް ނިމިގެން ދިޔުމަކީ ހައިރާންވާންވި ކަމެއް ނޫނެވެ. ކޮންމެ އަކަސް، މިކަމުން ވެސް ފެނިގެންދަނީ ތަނުގައި ސިޔާސީ ހަލަބޮލިކަން އުފެދި، ގައުމުގެ މަސްލަހަތު އިސްކޮށްގެން، ތަނުގެ ސިޔާސީ ވެރިންނަށް އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދެއްކޭ ނަމަ، ބޯކިބާ ހަމަހަމައަށް ބައިކުރަން، ކޯޅުނު ދެބުޅާ ވެގެން، މަކުނު ފަނޑިޔާރު ގެނައި ގޮތަށް، ބޭރުން އެފަދަ މަކުނު ފަނޑިޔާރުން ގެންނަން، ސިޔާސީ ވެރިން ފަސްނުޖެހޭނޭކަމެވެ. ސަބަބަކީ މިކަހަލަ ސިޔާސީ ވެރިންނަށް ފެންނަ އެންމެ ދުރުމިނަކީ އެމީހުންގެ ނޭފަތު ކުރިއެވެ. އެމީހުންގެ އަމިއްލަ މަސްލަހަތެވެ. މިގޮތަށް ކަންތައް ކުރުމުން، މަތީގައި ގެނެސް ދެވުނު މިސާލުތަކުން ފެންނަން އޮތް ފަދައިން، ގައުމުތައް ހަލާކުވެ، ނޫނީ ގެއްލި ނެތި ދަނީއެވެ.

މިއަދުގެ ރާއްޖޭގައި ހިނގަމުންދާ ބައެއް ކަންތައްތަކަށް ބަލާލާއިރު، ރާއްޖެ ވެސް މަކުނު ފަނޑިޔާރުގެ އިންސާފުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިދާނެ ދުވަސް ވަރަށް އަވަހަށް އަތުވެދާނެއޭ ހީވެއެވެ. މިކަމުގެ މައްޗަށް ބަލައިލާމާ ހެއްޔެވެ؟

‘ދަ މޯލްޑިވްސް ރިޕޯޓު’ މިނޫހުގެ 2018ގެ ޑިސެމްބަރު 3ގެ އަދަދުގައި ‘އަސްކަރީ ގާއިދާއެއް ނެތި އަސްކަރީ ގާއިދާއެއް: ދިވެހިރާއްޖެ، އިންޑިޔާގެ އަމިއްލަ ތަނަކަށް ހަދާލާނީ ކިހިނެއްކަން’ މި ސުރުޚީގެ ދަށުގައި އިނގިރޭސި ބަހުން ލިޔެވިފައި އޮތް ރިޕޯޓެއްގައި ދިވެހިރާއްޖޭގެ މައްޗަށް އިންޑިޔާ ވެރިވެގަންނާނީ ކިހިނެއްކަން ލިޔެވިފައި އޮތެވެ. އެ ރިޕޯޓުގައި، ސ. ހިތަދޫގައި އަޅަމުންދާ ‘އަސްކަރީ ގާއިދާގެ’ ވާހަކަ ލިޔެވިފައި އޮތެވެ. އެ ރިޕޯޓުގައި ބުނާގޮތުން، މިތަނަކީ ކަމާ ބެހޭ ރަސްމީ އިދާރާތައް ބުނާގޮތުން ސިފައިން ނުވަތަ ފުލުހުން ތަމްރީނުކުރާ މަރުކަޒެކެވެ. އާދެ، އާންމުންގެ ލޮލަށް އެތަން ދެއްކިފައިވަނީ މިގޮތަށެވެ. އަދި، ރަސްމީ ފަރާތްތަކުން، މިތަނަކީ އަސްކަރީ ގާއިދާއެއް ނޫންކަމާއި، ރާއްޖޭގައި އަސްކަރީ ގާއިދާއެއް ހެދުމުގެ ހުއްދަ، ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ ވާހަކަވެސް، އެ ރިޕޯޓުގައި ބުނެފައި އޮތެވެ. މިތަނަށް، މިވަގުތު، ‘އަސްކަރީ މަރުކަޒެކޭ’ ކިޔައި، މިމަރުކަޒުގެ ހަގީގަތް ދެނެގަތުމަށް މަސައްކަތް ކޮށްލެވިދާނެއެވެ.

https://themaldivesreport.com/407/?fbclid=IwAR2mIihcNNUen1CEMXbW9_Z5NkjJ6fRxiRILntdJ9Qk9It7WDS0l-Yv9jk4

މިކަމުގެ ހަގީގަތް ދެނެގަތުމައްޓަކައި ކޮށްލަން ޖެހޭ ބައެއް ސުއާލެއް އެބަ ހުއްޓެވެ. މި އަސްކަރީ މަރުކަޒުގެ އަމުރުވެރި ފަރާތަކީ ކޮބާ ހެއްޔެވެ؟ އެތަން ބިނާކުރަނީ ކިހިނެއް، ކޮންބައެއް ހެއްޔެވެ؟ އާންމު، އެހެން މަޝްރޫއުތައް ވެސް ހިންގާލެވޭ ފަދައިން، އިމާރަތްކުރާ ކުންފުނިތަކަށް އިމާރަތްކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ހެއްޔެވެ؟ ކޮންމެ އަކަސް ތުންތުން މަތިން އިވޭ ވާހަކަތައް ގަބޫލުކުރާ ނަމަ، އެތަނަކީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫނެވެ. އެތަން އޮންނާނީ އިންޑިޔާގެ ސިފައިންގެ ބާރުގެ ދަށުގައެވެ. އެތާގައި މިހާރު ތިބީ، އަދި ފަހުން ތިބޭނީ، ކިހާ އަދަދެއްގެ އިންޑިޔާގެ ސިފައިންކަމެއް ނޭނގެއެވެ. އަދި އެތަން ބިނާކުރެވެނީ އެހެން މަޝްރޫއުތައް ހިންގާލެވޭ ގޮތަށް، ހުޅުވާލައިގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިގެންނެއް ނޫނެވެ. މި އަޑުތައް ބުނާ ގޮތުގައި، އެކަން ކުރެވެނީ، ސީދާ އިންޑިޔާގެ ބެލުމުގެ ދަށުން، އިންޑިޔާއިންނެވެ. މި މަރުކަޒު، ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮތް ތަނަކަށްވަނީ، ހަސަނަށް އޮޑިދެވި، ނަމަވެސް، އޮޑީގައި އަތްލުމުގެ ހުއްދަވެސް، ހަސަނަށް ނެތް ފަދައިންނެވެ. އެއްކަލަ ދެ ހެލިކޮޕްޓަރުގެ ވާހަކަ ހަނދާންކޮށްލާށެވެ!

ދެން، ފާހަގަކޮށްލެވޭ އަނެއްކަމަކީ، މި މަރުކަޒުގެ ސައިޒާ، އިމާރާތްތަކަށް ނަޒަރު ހިންގާލާއިރު، ބެލެވެނީ މިކަމަށް އެތައް އެތައް މިލިޔަން ޑޮލަރު ޚަރަދުވާނޭ ކަމެވެ. އަނެއްކާވެސް، އިވޭ އަޑުތަކަށް ބަރޯސާވާ ނަމަ، މި ޚަރަދުތައް ކުރަނީ އިންޑިޔާއިންނެވެ. އަދި، މިފަދަ، ސެންޓަރެއް ގާއިމުކުރުމުގެ ބަދަލެއްގެ ގޮތުގައި، އެއް ބިލިޔަން ޑޮލަރުގެ ‘ލޯނު ގުރާންޓެއް’ ރާއްޖެއަށް ދިން ވާހަކަ ވެސް ‘ދަ މޯލްޑިވްސް ރިޕޯޓުގެ’ ލިޔުމުގައި ބުނެފައި އޮތެވެ. މިފަދަ ބޮޑެތި ބޮޑެތި ޚަރަދުތައް އެއްވެސް ބަޔަކު، އެމީހުންގެ އަމިއްލަ ފައިދާއެއް ނެތި، މުޅިން އެހެން ބަޔަކު ތަމްރީނުކުރަން ކޮށްފާނެބާ ވައެވެ؟ މިކަމުގެ ޖަވާބުވެސް، އިވޭ އަޑުތަކުގެ މައްޗަށް ބުރަވާނަމަ ލިބިދާނެއެވެ. މި އަޑުތައް ބުނާގޮތުގައި، މިއަސްކަރީ މަރުކަޒާއި އަދި، ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުވެސް، އިންޑިޔާއަށް ސަތޭކަ އަހަރަށް ދިނުމަށް ނިންމިފައި ވެއެވެ. އާދެ، ރާއްޖޭގެ އެހެން ބިންތައް ވެސް ވިއްކަމުންދާ ހެން، މިތަން ވެސް ވިއްކާލެވުނީއެވެ. ދެން އަޅުގަނޑުމެންގެ ހުރިހާ ރައީސުންގެ ރައީސް އަނެއްކާ ވެސް ވިދާޅުވެދާނެއެވެ. ‘އެތަން ހިފައިގެން އެމީހުންނަށް ދެވިދާނެ ހެއްޔެވެ؟’ މި ސުއާލަށް ދޭން ޖެހޭ ޖަވާބަކީ ނޫނެކެވެ. ނުދެވޭނެއެވެ. ނަމަވެސް، ދެ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި ދެތިން އިންޑިޔާގެ ސިފައިން ދިވެހި ސަރުކާރަށް ނުބޭލުނުއިރު، އަސްކަރީ ބޮޑު މަރުކަޒެއްގައި ގާއިމުވެ ތިބޭ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ސިފައިން ދިވެހިންނަށް ފަސޭހަކަމާއެކު ބޭލިދާނެ ހެއްޔެވެ؟ އަދި، ބިނާކުރެވެމުން ދަނީ އެންމެ އިންޑިޔާގެ އެންމެ އަސްކަރީ މަރުކަޒެއް ނޫނެވެ. ސ.ހިތަދޫގައި ބިނާކުރެވޭ މި މަރުކަޒުގެ އިތުރުން، ލާމު އަތޮޅުގައި ވެސް، ހަމަ މިފަދަ މަރުކަޒެއް އަޅަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.   

ސ.ހިތަދޫގައި އިންޑިޔާއިން ގާއިމް ކުރާ އަސްކަރީ މަރުކަޒު އަރިމަތިން ފެންނަން ހުރި ގޮތް

ދެން އުފެދޭ ސުވާލަކީ، މިހާ ބޮޑެތި ޚަރަދުތައްކޮށްގެން ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި އަސްކަރި މަރުކަޒުތައް އެޅުމުގެ ބޭނުމަކީ ހަމަ ދިވެހި ސިފައިންނާއި ފުލުހުން ތަމްރީނުކުރުން ހެއްޔެވެ؟ މިގޮތަށް ތަމްރީނު ކުރެވޭ ސިފައިން ތިބޭނޭ ކޮންބަޔެއްގެ ބާރުގެ ދަށުގައިބާވައެވެ؟ އުރުދުންގެ ސިފައިން، އިނގިރޭސިން ތަމްރީނުކުރިއެވެ. މުސްތަގިއްލު ދައުލަތެއްގެ ސިފައިގައި އުރުދުން އޮތް އިރުވެސް، އުރުދުންގެ ލަޝްކަރު އޮތީ އިނގިރޭސީންގެ އަމުރުވެރިކަމުގެ ދަށުގައެވެ. ހަމަ މިމަންޒަރު، އިންޑިޔާގެ ބައްރު ބައިކުރެވި، އިންޑިޔާއާއި ޕާކިސްތާނު އުފެދިގެން ދިޔަ ދުވަސްވަރު، ޕާކިސްތާނުގެ ލަޝްކަރުގެ ކޮންޓުރޯލުވެސް އޮތީ އިނގިރޭސިންގެ އަތްދަށުގައި ކަމުގައި ބުނެވެއެވެ. ޚުދް، ބޫޓާން ފަދަ އިންޑިޔާގެ ބައެއް އަވައްޓެރި ގައުމުތައް ވަނީ، އަސްކަރީގޮތުން އިންޑިޔާގެ ބާރުގެ ދަށަށް ގެނެވިފައެވެ. ކޮންމެ އަކަސް، މިނަންގަތް ކަންކަމުގެ އަލީގައި މައްސަލައިގެ މައްޗަށް ބަލާލާއިރު، ބޫޓާންއަށް ދިމާވި ގޮތަށް އަސްކަރީ މިނިވަންކަން ގެއްލި ހިނގައިދާނެއެވެ؟ އަޅުގަނޑުމެންގެ ރައީސުންގެ ރައީސް، ކެނޑިނޭޅި އަޅުގަނޑުމެންގެ އަމަންއާއްމު ބަލަހައްޓާ މުއައްސަސާތައް ބަދުނާމުކޮށް، އެތަންތަނުގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ، އިންޑިޔާގެ ބާރުގެ ދަށަށް މިތަންތަން ގެންދިޔުމަށްޓަކައި މަގުފަހިކުރުމެއް ނޫން ބާވައޭވެސް ހިތަށް އަރައެވެ. ނޫންނަމަ، ކޯޅި، އަރާރުންވެ އުޅުނު ދެބުޅަލުގެ ބޯކިބާ މަކުނު ފަނޑިޔާރު، ކައި ދިރުވާލި ފަދައިން، އިންޑިޔާގެ އަނގަޔަށް ރާއްޖެލައި ‘ދިރުވާނުލައި’ އޮވެފާނެ ބާވައޭ ވެސް ހިތަށް އަރައެވެ. ސިއްކިމް ވެސް އިންޑިޔާގެ އަނގަޔަށް ލައި ދިރުވާލައި އިންޑިޔާގެ ބަޔަކަށް ހަދާލި ފަދައިންނެވެ.

ސ.ހިތަދޫގައި އިންޑިޔާއިން ގާއިމް ކުރާ އަސްކަރީ މަރުކަޒު މަތިން ފެންނަން ހުރި ގޮތް

މިވާހަކަތައް ދެއްކުމުން، ބައެއް މީހުން ބުނާ ވާހަކައެއް އޮވެއެވެ. ‘އިންޑިޔާ ބޭނުމިއްޔާ ރާއްޖެ ހިފާފާނެއެވެ’. މިއީ ޚުދު، ‘އަޅުގަނޑުމެންގެ ގާބިލު ދުރު ފެންނަ’ ދިފާއީ ވަޒީރުގެ ވެސް ހިކުމަތުން ފުރިގެންވީ ބަސްފުޅެވެ. މިމަގާމުގައި ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބައޮތެވެ. ޝައްކެއްނެތް ގޮތުގައި، ގައުމީ މަސްލަހަތު ނިޔާކުރަނީ އަވައްޓެރި ގައުމުތަކާ ދޭތެރޭ ގާތް ގުޅުން ބަހެއްޓައި، މިގުޅުން ދުވަހުން ދުވަހަށް، އިތުރަށް ތަރައްގީކުރުމެވެ. ނަމަވެސް، މި ގުޅުން ބިނާވާން ޖެހޭނީ އެއްބަޔަކު އަނެއް ބަޔެއްގެ މިނިވަންކަމާއި ސިޔާދަތު ރައްކާކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމުގެ މައްޗަށެވެ. އަދި، އެއްބަޔަކު އަނެއް ބަޔެއްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެ ނޫޅުމުގެ މައްޗަށެވެ. އަވައްޓެރި ގައުމުތަކާ ގާތް ގުޅުން ބެހެއްޓުން، ގައުމުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތު ކޮންޓުރޯލުކުރަން އެގައުމުތަކަށް ދިނުން ލާޒިމެއް ނުކުރުވައެވެ.

ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތެރެއަށް ވަދެ، އެގައުމުތައް ހިފަނީ، ހަމަ އެކަނި ބާރުގެ ބޭނުންކޮށްގެންނެއް ނޫނެވެ. ފަހަރެއްގައި ވެސް، މިއީ އެކަން އޮންނަ ގޮތެއް ނޫނެވެ. ދުނިޔޭގައި، ބައެއް ފަހަރު، ‘ޖަންގަލީގެ ގާނޫނު’ -އެއްވެސް ހަމައަކަށް، ބެލުމެއް ނެތި، ބާރު ލިބިގެންވީ ފަރާތް ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ އުސޫލު- ހިންގާލެވޭ ތަން، މަދު މަދުން ފެނުނަސް، މިއީ އާންމު އުސޫލެއް ނޫނެވެ. މިފަދަ އުސޫލެއް ނެތް ކަހަލަ ގޮތަކަށް އެންމެ ފަހުން ފެނުނީ 1948ގައި ސޯވިއެޓުން ޗެކޮސްލަވޭކިޔާއަށް އެރިއެރުމާއި ހަމަ މިމީހުން 1956ގައި ހަންގޭރީއަށް އެރިއެރުމެވެ. އެތަންތަނުގައި ކޮމިޔުނިސްޓު ސަރުކާރުތައް ގާއިމުކޮށް ދެމެހެއްޓުމުގެ ބޭނުމުގައެވެ. ނަމަވެސް، ބާރުގެ ބޭނުންކޮށްގެން ގައުމުތަކަށް އަރައި ނުހިފޭނޭކަން، 1956ގެ ސުއޭޒުގެ ހަނގުރާމައިން ފެނިގެން ދެއެވެ. ސުއޭޒުގެ މި ހަނގުރާމައަކީ ބާރުވެރި އިނގިރޭސިންނާއި ފަރަންސޭސީންގެ އެދުމުގެ މަތިން، އިޒްރާއީލުން މިސުރަށް ދިން އުދުވާނީ ހަމަލާއެކެވެ. މިހަނގުރާމައިގައި ކާމިޔާބުލިބުނީ އިޒުރޭލަށެވެ. ނަމަވެސް، ސުއޭޒަށް ވެރިވެގަތުމުގެ އެދުމުގައި މިކަން ކުރުވި މީހުންނަށް، ސުއޭޒަށް ވެރިވެގަތުމުގެ ފުރުސަތެއް ނުލިބެއެވެ.  ޔޫ.އެން.ގެ 997 ވަނަ ގަރާރުގެ ދަށުން، އިޒުރޭލަށް ޖެހުނީ ސުއޭޒުން ފައިބާށެވެ. އަދި، އަސްކަރީ ގޮތުން މިސުރު ބަލިވިކަމުގައި ވިޔަސް، ސުއޭޒު ކެނަލް، މިސުރުގެ ބާރުގެ ދަށަށް ގެނެވި، ސިޔާސީ ބޮޑު ކާމިޔާބީއެއް މިސުރަށް ލިބުނެވެ. މިއިން ހެކި ލިބެނީ، ބާރުގަދަ ބައެއް، ހަމަ ހިތަށް އެރުމުން، ބާރުގެ ބޭނުންކޮށްގެން ތަންތަން ހިފައި އުޅުމަކީ އަދުގެ ދުނިޔޭގައި ކަންކަން ހިނގާ އާންމު އުސޫލެއް ނޫންކަމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް ހުރުމާއެކު، މަދަނީ، ތަހުޒީބީ ސަރުކާރުތަކުން އެއީ ކޮށްއުޅޭ ކަމަކަށް ނުވާތީއެވެ. ބާރުގަދަ ފަރާތްތަކުން ތަންތަން ހިފާއުޅެނީ މުޅިން އެހެން ސިފައެއްގައެވެ. ކުރީގައި ނަންގަނެވި ދިޔަ މިސާލުތަކުން ފެނިގެންދިޔަ ފަދައިން، އެކަން ކުރަނީ ގައުމުތަކުގައި އުފެދޭ، އަމިއްލަ އެދުމުން ފުރިފައިވައިވުމުގެ ސަބަބުން، ތިމާގެ އަމިއްލަ ގައުމަށް ވެސް ޚިޔާނަތްތެރިވާން ކުޑަކޮށް ވެސް ޖެހިލުންނުވާ ޣައްދާރު ޚާއިނުންގެ އެހީގައެވެ.

މަދުން ނަމަވެސް ރާއްޖޭގެ ތާރީޚުން ވެސް، މިކަހަލަ ގައުމަށް ޣައްދާރުވި ޚާއިނުން ފެނިފައިވެއެވެ. މިސާލެއްގެ ގޮތުން، ހަސަން ނުވަވަނަ ނުވަތަ، ނަސާރާ ދީނަށް ވެންނެވުމަށް ފަހު، އޭނާ ޚިޔާރުކުރެއްވި ނަމުން ނަމަ، ޑޮމް މެނުއަލް، ރަސްގެފާނުގެ ސިޔަރަތް ބަލާލާށެވެ. ރާއްޖޭގެ ވެރިކަން، ބޭރުބައެއްގެ އެހީގައި، ހޯއްދެއްވުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. އަދި ބައެއް މުއައްރިޚުންގެ ނަޒަރުގައި ‘އަނދިރި އަނދިރިން’ނަކީ އޭނާގެ ވަސިއްޔެގެ (އޭނާގެ ފަރާތުން އޭނާގެ ބަދަލުގައި) ހައިސިއްޔަތުން ވެރިކަން ކުރެއްވި ވެރިއެކެވެ. 1558އިން ފެށިގެން 1573ވަނަ އަހަރާ ހަމައަށެވެ. އާދެ، ރާއްޖޭގައި، އަޅުގަނޑުމެން ދަންނަގޮތުގައި، ޕޯޗުގީޒުންގެ ބަޔަކު ވެރިކަން ކުރި ދުވަސްވަރެވެ. ކޮންމެ އަކަސް ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރުމަށް، އެމީހެއްގެ ސަބަބުން، ދިމާވި ޚާއިނެއްގެ ގޮތުގައި ޑޮމް މެނުއަލް ނުވަތަ ހަސަން ނުވަވަނަ ރަސްގެފާނު ފާހަގަކުރެވިފައި ވެއެވެ.

މިފަދަ ޑޮމް މެނުއަލްތައް އަދުގެ ދިވެހި ސިޔާސީ މަސްރަހުން އެބަ ފެނެއެވެ. 2018ގައި ބޭރު ރާއްޖެއެއްގެ ޓީވީއަކުން ފޮނުވި ޕުރޮގުރާމެއްގައި މިއަދުގެ ސަރުކާރުގެ އިސް ވަޒީފާތަކުގައި ހިމެނޭ ބައެއް ބޭފުޅުން، ޑޮމް މެނުއަލް ފަދައިން، ރާއްޖެ ހިފުމަށް ބޭރު އަސްކަރީ ބާރެއްގެ ފަރާތުން އެދިފައިވެއެވެ. (މީގެ ރެކޯޑިންގްއެއް މިލިޔުމާއެކު ފެންނަން އޮންނާނެއެވެ.) މި ފަދަ ވާހަކައެއް، ތަނެއްގެ މުވާތިނަކު، އެތަނާ ބެހޭ ގޮތުން ބުނެ، ގޮވާލައިފި ނަމަ، އެމީހެއްގެ މައްޗަށް ‘ވަތަނަށް ޚިޔާނަތްތެރިވިކަމުގެ’ (ހައި ޓްރީސަންގެ) ބޮޑު ކުށް އުފުލި، ޝަރީއަތްކުރެވި އަދަބު ދެވޭނެއެވެ. ބައެއް ގައުމުތަކުގައި މިކަމުގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށް ލުމެވެ. ކޮންމެ އަކަސް، 1552ގައި، ޑޮމް މެނުއަލް ދިވެހި ގައުމަށް ޚިޔާނަތްތެރިވުމުން، އަލުން ރާއްޖެ އެރުމުގެ ފުރުސަތު އޭނާއަކަށް ނުދެވެއެވެ. ނަމަވެސް، 2008ގައި އަޅުގަނޑުމެންގެ ތެރޭގައި ތައާރުފުކުރެވުނު، ‘ހަގިގީ ޑިމޮކުރަސީގައި’، ގާނޫނުތަކަކީ، ބާރުހުރި ނަމަ އެމީހަކު އަމިއްލައަށް ބޭނުން ގޮތަކަށް މާނަކޮށް، ގައުމަށް ޚިޔާނަތްތެރިވުމުގެ ފުރުސަތުވެސް ގާނޫނުތަކުން ލިބި، އެއީ ކުށަކަށް ނުވެ ހިނގައިދާނޭ ފަދަ ނަމޫނާ ޑިމޮކުރަސީއެކެވެ. މައްސަލައަކީ ޑޮން މެނުއަލް ފަދަ ޚާއިނުން އުފެދުމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ އާންމުންގެ އެތައް ބަޔަކު މިފަދަ ޚާއިނުން ބަލައިގަންނާތީއެވެ. ސޯޅަ ވަނަ ގަރުނުގެ އާންމު ދިވެހިންގެ ވިސްނުމާއި، އެކާވީސް ވަނަ ގަރުނުގެ އާންމު ދިވެހިން ވިސްނުމާ އަޅާބަލާއިރު، ހަރުދަނާވަނީ ކޮންބައެއްގެ ވިސްނުން ބާވައޭ ހިތަށް އަރައެވެ؟ ގައުމަށް ތެދުވެރިވުމާއި އިޚުލާސްތެރިވުން ފަދަ އަގުތަކުގައި ހިފަހައްޓައިގެން، ހަމަތަކާއި އުސޫލުތަކެއްގެ މަތީގައި ތިބިކަމަށް ފެންނަނީ 1552ގެ ދުވަސްވަރު، އާދެ، ސޯޅަވަނަ ގަރުނުގައި، އުޅުނު ދިވެހި އާންމު އަފުރާދުންނެވެ. 

https://youtu.be/6Gd4KFZL4vQ
މިހާރުގެ ސަރުކާރުގެ އިސްވެރިޔަކު 2018 އަހަރުގެ ރާއްޖެ ހިފުމަށް ގޮވާލި ގޮވާލުން

ކޮންމެއަކަސް، ގައުމުތައް ހަލާކުވެ، ނެތިދަނީ ގައުމުގައި އުފެދޭ ޚާއިނުންގެ ސަބަބުންނެވެ. ފަހަރެއްގައިވެސް، ގައުމުތަކުގެ މިނިވަންކަން ގެއްލި، ގައުމުތައް ހަލާކުވެ ނެތިދަނީ، ބޮޑެތި ބާރުތަކުގެ ބާރުވެރި ކަމުގެ ސަބަބަކުން ނޫނެވެ. ޑޮމް މެނުއަލް ފަދަ، ޚާއިނުން، ވެރިކަން ހޯދުމުގެ އެދުމުގައި ނުވަތަ އެމީހުންގެ ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި، އާންމު ރައްޔިތުނަށާއި ތަނުގެ މުއައްސަސާތަކަށާއި އިދާރާތަކަށް އިތުބާރުނުކުރެވޭތީ، ބޭރުގެ އެހީ ހޯދަން، އެމީހުންނަށް ޖެހެނީއެވެ. ތަނުގައި އުފެދިދާ ދުޅަހެޔޮ ނޫން، ސިޔާސީ ވާދަވެރިކަން ވެސް، މިކަން މެދުވެރިކުރުމަށް މަގުފަހިކުރެއެވެ. މިކަން، ލޯ ހުޅުވައިގެން ބަލައިފި ކޮންމެ މީހަކަށް ވެސް ފެންނާށެވެ. ބޭރުގެ ބޮޑެތި ބާރުތައް، އެބާރުތަކުގެ އަތްދަށަށް، އެހެން ގައުމުތައް ގެންދަނީ ޑޮމް މެނުއަލް ދައުވަތު ދިން ފަދައިން، އެފަދަ ބާރުތަކަށް، އަމިއްލަ ގައުމަށް ހަމަލާދީ ހިފަން އަންނާށޭ ގޮވާ ޚާއިނުންގެ އެހީގައެވެ. މިކަން އިތުރަށް ފަހިވެގެން ދަނީ، ލޯމަރައިގެން ތިބެ، ޑޮމް މެނުއަލް ފަދަ ޚާއިނުންގެ ހަގީގަތް ނުބަލާ، އެމީހުން ކުރާހާ ކަމަކަށް އަތްތިލަބަޑި ޖަހަން، އާންމު އަފުރާދުން ތިބޭތީއެވެ. ގައުމީ ޖައުހަރީ އަގުތަކަށް – ތެދުވެރިވުން، އިޚުލާސްތެރިވުން، އެކަކު އަނެކަކަށް އިހުތިރާމުކުރުން، ހެޔޮލަފާވުން – އެއްވެސް ހުރުމަތެއް ނުބަހައްޓައި އަދި މި އަގުތައް، އެމަސްދަރަކުން ލިބިގަނެވޭ އަސާސުކަމުގައިވާ ހިމެނޭ ދީން މުގުރާލައި ފުނޑުފުނޑުކޮށްލާތަން، އެއްވެސް ޣީރަތްތެރިކަމެއް ނެތި ބަލަންތިބެވޭތީއެވެ.

ކޮންމެއަކަސް، މަތީގައި ބަޔާންކުރެވުނު ވާހަކަތަކުން، ފާހަގަކޮށްދޭން ބޭނުންވީ ރާމާމަކުނު ފަނޑިޔާރު ބޯކިބާ އޭގެ އަނގަޔަށްލައި ދިރުވާލި ގޮތަށް، ރާއްޖެވެސް ބޭރު ބާރެއްގެ އަނގައިގެ ތެރެއަށް ވެއްޓިދިޔުމުގެ ނުރައްކަލާއި ބިރު އެބައޮތްކަމެވެ. މިކަން މެދުވެރިވަނީ ގައުމުގައި އުފެދޭ، ޑޮން މެނުއަލް ފަދަ ސިޔާސީ ކަސްބީ ޚާއިނުންގެ ސަބަބުންނެވެ. އަދި، އެފަދަ ސިޔާސީ ކަސްބީ ޚާއިނުން ޖަހާ ބެރަށް، އެއްވެސް އަމިއްލަ ވިސްނުމެއް ނެތި، ނަށަން ތިބޭ ރައްޔިތެއް އޮތުމުންނެވެ. ދެން، މީހަކު ބުނެފާނެއެވެ. ‘ތިމަންނައަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟’ ނޫނީ ‘ތިމަންނާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟’ އޭގެ ޖަވާބުގައި ބުނެވޭނީ، ‘ކަލޭގެ އަމިއްލަ އަގުހުރި މުދަލެއް ގެއްލެން އުޅޭ ނަމަ، ތިހެން، ތިމަންނާއަށް ކުރެވޭނީ ކޮންކަމެއްހޭ ކިޔާފައި ހިމޭނުން އަތްއުރާލައިގެން ހުންނާނަން ހެއްޔެވެ؟’ ނުހުންނާނެއެވެ. އެއްވެސް، ޝައްކެއް ނެތް ގޮތުގައި، އެކަމާ މެދު އެޅެން އޮތް ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ އަދި ގާނޫނު ތަންދޭ ގޮތުގެ މަތިން ކުރެވޭނީ ކޮންކޮން ކަމެއްތޯ އަމިއްލައަށް ހޯދައި، އެ ފިޔަވަޅެއް އަޅަން މަސައްކަތް ކުރާނެއެވެ. އެހެންވެ، ގުނބޯ ނުހެދި، ލީޑަރު ތަސްބީހަ ކިޔުން ދޫކޮށް، ހަމަ އެފަދައިން، މިކަމާ ދޭތެރޭ ކުރެވެން އޮތީ ކޮން ކަމެއްތޯ އަމިއްލައަށް ވިސްނައި ފިކުރުކޮށްގެން އެގޮތް ގޮތް ހޯދަން މަސައްކަތްކުރާށެވެ! ނޫންނަމަ، ދެބުޅަލުގެ ކޯޅުމުގެ ރަނުގެ ފުރުސަތު ބޭނުންކޮށް، ރާމާމަކުނު ފަނޑިޔާރު ބޯކިބާ ދިރުވާލެއްވި ގޮތަށް، އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ، ގައުމުވެސް ވިއްކާލަން ފަސްނުޖެހޭ، ޑޮމް މެނުއަލް ކަހަލަ، ހަށިވިއްކާ ސިޔާސީ ކަސްބީންގެ ކޯޅުންތަކުގެ ސަބަބުން، ބޭރުގެ މަކުނު ފަނޑިޔާރެއް އައިސް، އަންދަލުސްއާއި ފަލަސްތީނާއި ސިއްކިމް ދިރުވާލި ފަދައިން، ދިވެހިރާއްޖެ ވެސް ދިރުވާލައި ގެއްލުވާލަފާނެއެވެ.    

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ