އަލްއިޞްލާޙު: ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ވެސް ފެށުން

ރަންގަލަން އަދަބިއްޔާތު އިޖުތިމާޢީ ފަހުގެ

އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނާނެ ހުރިހާ ސިފަތަކެއް ވެސް އެ މަޖައްލާއިން ފެންނާތީ އެއީ ދިވެހިރާއްޖޭގައި ޗާޕުކޮށްގެން ނެރެވުނު ފުރަތަމަ ނޫސް ވެސް މެއެވެ. އެ ނޫސްމަޖައްލާގެ ބޭރުގައި ދިވެހިން އެކަމަކު ޢަރަބި ލަފުޒުތައް ޢަރަބި އަކުރުން ލިޔެފައިވާ މުހިންމު ލިޔުންކޮޅެއް އޮވެއެވެ. “މިއީ ދިވެހި ދައިލަތުގެ ފަރާތުން ހިންގާ މަޖައްލާއެކެވެ.”

ތެދެކެވެ. އެއީ ދިވެހި ދައުލަތުގެ އިސްނެގުމެކެވެ. ދިވެހި ދައުލަތުގެ އެއްޗެކެވެ. ދިވެހި ދައުލަތުގެ އިސް ބޭފުޅުންކޮޅެއް ފެއްޓެވި މަސައްކަތްޕުޅެވެ. އޭރަކު އެފެންވަރުގައި އަމިއްލަ ފަރުދަކަށް އެވަރުކަމެއް ކުރެއްވުމަކީ ވެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ގޮތުން ކުރެއްވިޔަސް ކުރައްވަން ތިއްބެވީ ހަމަ އެ ދައުލަތުގެ އިސްވެރިންނެވެ. އެ ޒަމާނަކީ މި ޒަމާނެއް ނޫނެވެ. ކިޔަވާ ވިދާޅުވެގެން ތިއްބެވި ޢިލްމުވެރިންނާއި ލިޔުންތެރިންނާ ދުނިޔެއަށް ކިރިޔާވެސް ލޯހުޅުވިފައި ތިބި ބައެއް ވިއްޔާ ތިއްބެވީ ދައުލަތުގެ އިސް މަގާމުތަކުގައެވެ. ރައްޔިތުންގެ ހޭލުންތެރިކަމެއް ނެތެވެ. ޢިލްމު ފެތުރުމާއި ލިޔުންތެރިކަމާއި ޚިޔާލު ފާޅުކުރުން ވެސް އޮތީ ތަޅުލެވިފައެވެ. އެއީ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައި ރާއްޖޭގައި އެކުލަވާލި ފުރަތަމަ ޤާނޫނު އަސާސީގައި ލިޔުއްވީ ވެސް މި ބޭފުޅުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

22 ޑިސެންބަރު 1932 ގައި އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 12 ވަނަ މާއްދައި ވެއެވެ. “ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު އެ މީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ލަފާތައް ދުލުން ނުވަރަ ޤަލަމުން ފައުޅު ކުޅައުމަށް މިނިވަންކަން ލިބިގެންވެއެވެ.” އާދޭހެވެ. ދުލާއި ޤަލަމުގެ މިނިވަންކަން ފުރަތަމަ ޤާނޫނު އަސާސީން ވެސް ދިވެހިންނަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އެ ޤާނޫނު އަސާސީގެ 13 ވަނަ މާއްދާގައި ވެއެވެ. “ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހައި ހިނދަކު ފޮތް ގެނުވުމާއި ނޫސް ގެނުވުމާއި މިފަދަ ތަކެތި ލިޔެ ޗާޕުކޮށް ފައުޅު ކުޅައުމާއި މި ކަންކަމަށް މިނިވަންކަން ލިބިގެންވެއެވެ.” އާދޭހެވެ. މި ގޮތަށް މި ޤާނޫނު އަސާސީގައި ލިޔުމުގެ ކުރިން ދިވެހިރާއްޖޭގައި ނޫސް މަޖައްލާ ޗާޕުކޮށް ނެރެފައެއް ނުވެއެވެ. އަދި ނޫސް މަޖައްލާގެ އިތުރުން ޢިލްމީ ފޮތްތައް ވެސް ރާއްޖެ ގެނައުމުގައި ދަތިތައް ހުއްޓެވެ.

އެ ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ވެއެވެ. “ކޮންމެ ދިވެހިރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާންކިޔާން ދަސްކުޅައުމީ މި ޤާނޫނު އަސާސީން ލާޒިމުކުރާ ކަމެކެވެ.” އާދޭހެވެ. އެއީ ލިޔަންކިޔަން ދަންނަ މީހުން މިހާ ގިނަ ޒަމާނެއް ނޫނެވެ. އެއީ ކިޔެވުމަށާއި ކިޔަވައި ދިނުމަށް ވެސް ހުރަސްތައް އޮތް ޒަމާނެކެވެ. މި މާއްދާ ލިޔުއްވި އިރުވެސް ތާނަ އަކުރަށްވުރެ އިސްކަން ދެއްވާފައި އެ ވަނީ ޢަރަބި އަކުރަށެވެ. ލިޔަންކިޔަން ދަންނަ ގިނަ މީހުންނަށް ލިޔަންކިޔަން އެނގެނީ ވެސް އަރަބި އަކުރެވެ. ގިނަ ދިވެހިންނަށް އޭރުވެސް މިހާރު ވެސް އަރަބިން ލިޔަންކިޔަން އެނގެއެވެ. ނޭނގެނީ މާނައެވެ. ކީތިރި ޤުރުއާން ކިޔެވުމަށްޓަކައި ލިޔަންކިޔަން ދަސްކުރަނީއެވެ. އެދުރުގެ ތަކުގައި ވޮށިފިލާ އަޅައި ފިލާލިޔެ ހަދައިގެންނެވެ. އަނގައިން އަނގަޔަށް އަޅައިދީގެންނެވެ. އޭރާއި މިހާރު ވެސް ޢަރަބި އަކުރު ދަސްކޮށް ޢަރަބިން ލިޔެކިޔަން އެނގުން ދިވެހިންނަށް މުހިންމުވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެކަމަކު އޭރުގައި ތާނަ އަކުރު ދަސްކޮށް ތާނައިން ލިޔެކިޔަން ދަސްކުރަންޖެހޭ ސަބަބެއް އެ ވަރަކަށް ނެތެވެ. ދިވެހިން ލިޔެފައި ހުންނަ ފޮތްތައް މަދުކަމުންނެވެ. ދިވެހިން ނޫސްމަޖައްލާއާއި ފޮތްފަދަ ތަކެތި ލިޔެ ހެދުމުގެ މިނިވަންކަން ޤާނޫނު އަސާސީން ދިނުމާއެކު ލިޔަންކިޔަން ދަސްކުރުން ލާޒިމުކުރުމަކީ ޤާނޫނު އަސާސީ ލިޔުއްވައި އެކަށައެޅުއްވި ޢިލްމީ ބޭފުޅުންގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ ކަމެކެވެ. ލިޔަންކިޔަން ނުދަންނަ މުޖުތަމަޢުއެއްގައި ނޫސްމަޖައްލާއާއި ފޮތްފަދަ ތަކެތި ޗާޕުކޮށްކޮށްގެން ނެރުމުގެ ފައިދާއެއް ނޯންނާނެއެވެ.

ޤާނޫނު އަސާސީ ވުޖޫދަށް އައިތާ ހައެއްކަ މަސް ފަހުން ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ ޗާޕުކޮށްގެން ނެރުއްވައިއެވެ. އެއީ “އަލްއިޞްލާޙު” އެވެ. ދުވަހަކީ 8 ޖުލައި 1933ގައެވެ. ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޝާތިރު (2020) ވިދާޅު ވިއެވެ. އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއް ވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ.

“އަލްއިޞްލާޙުގައި ދީނީ، އަޚްލާޤީ، ޢިލްމީ (ސައިންސް) ތަޢުލީމީ، ތާރީޚީ ލިޔުންތައް ހިމެނޭ. އަދި ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ލިޔުންތައް ހިމެނޭ. މި މަޖައްލާގެ ލިޔުންތެރިންނަކީ އޭރު ރާއްޖޭގައި ތިއްބެވި އެކަމަށް ކުޅަދާނަ ޢިލްމީ ލިޔުންތެރިން” ޝާތިރު ވިދާޅުވިއެވެ.

އަލްއިޞްލާޙަކީ ދިވެހިރާއްޖޭގައި ފުރަތަމަ ޗާޕުކޮށް ނެރެވުނު މަޖައްލާއެވެ. މަޖައްލާއެކޭ މި ދެންނެވީ ބޭރުފުށަށް ބަލާފައެވެ. މަޖައްލާ ނުވަތަ މެގަޒިންގެ ބޭރުފުށުގެ ސިފައަކީ ބަލާބެލުމަށް ފޮތެކެވެ. ނޫހުގެ ނުވަތަ ނިއުސް ޕޭޕަރގެ ބޭރުފުށުގެ ސިފައަކީ ވަކިވަކި ގަނޑު ނުވަތަ ކަރުދާހެވެ. ލަފުޒީ މާނައަށް ބަލާއިރު މަޖައްލާއަކީ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނުކުންނަ މަޒްމޫނާއި ވާހަކައާއި ޅެންފަދަ ތަފާތު ލިޔުންތައް ހުންނަފޮތެވެ. ނޫހަކީ ޚަބަރުތަކާއި ޢިލްމީ މަޒުމޫންތައް ޗާޕްކޮށްގެން ޤަވާއިދުކޮށްނެރޭ ލިއުންތަކެވެ. ނުވަތަ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޗާޕުކޮށްގެން ގަވާއިދުން ނެރޭ ފަތްފުށްތަކެވެ.

އަލްއިޞްލާޙުގެ ރައީސުލް ތަހުރީރު (ޗީފް އެޑިޓަރ) އަކީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އެޑިޓަރަކީ އޭރުގެ ވަޒީރުލްދާޚިލިއްޔާ އަދި ވަޒީރުލްމަޢާރިފް އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ. އަލްއިޞްލާޙުގެ މަޤްޞަދާއި ލިޔުންތަކުގެ ބާވަތަށް ބަލާއިރު އެއީ ނޫހެކެވެ. ނުވަތަ ނޫސްމަޖައްލާއެކެވެ. އާދެ! ނިއުސް މެގަޒިނެކެވެ. މި ވިސްނުމުން ބަލާއިރު އަލްއިޞްލާޙަކީ ދިވެހި ނޫސްވެރިކަމުގެ ވެސް ފެށުމެވެ.

ނޯޓް: މިއީ ފޭސްބުކްގައި 08 ޖުލައި 2020 ވަނަދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ