(މިއީ މިސުރުގެ ވަރަށް މަޝްހޫރު އަދީބެއް ކަމުގައިވާ މަރުހޫމު ތައުފީގު އަލްހަކީމުގެ އައްނާސިކު ވަ އިބްލީސް [އަޅުވެރިޔާއާއި އިބިލީސް] މި ކުރު ވާހަކައިގެ މައްޗަށް ބިނާކޮށް، ބައެއް ބަދަލުތަކާއިެކު، ލިޔެވިފައިވާ ވާހަކައެވެ.)
ނާސިކު ޝައިޚު މަޅިރާނަކީ އަޅުވެރިއެކެވެ. އަޅުކަމުގެ ރަސްމުތައް އަދާކޮށް، މީސްތަކުންނަށް ނަސޭހަތް ދެމުންދާ ޝައިޚެކެވެ. އަވަށުގައި ޝިރުކުކަމުގައި ބެލެވޭ ބައެއް ކަންކަން ހިނގައެވެ. އަޅުވެރި ޝައިޚު މިކަންކަން މަނާކޮށް މީސްތަކުން ހެޔޮ މަގަށް އެޅުވޭތޯ މަސައްކަތް ކުރެއެވެ.
ޝައިޚުގެ މިހާރުގެ އެންމެ ބޮޑު ފިކުރަކީ އަވަށު މީހުން، ރަށް ބޭރުގައި ހުރި ގަހަކީ ބަރަކާތުން ފުރިގެންވާ ގަހެއް ކަމުގައި ދެކިގެން އެ ގަހަށް ނަދުރު ބުނެ، ޝިރުކުގެ އަމަލުކުރާތީ އެކަމާ މެދު ކުރާ ފިކުރެވެ. މީސްތަކުންނަށް ނަސޭހަތް ދީގެން ވެސް އެކަން ހުއްޓޭ ގޮތެއް ނުވިއެވެ. ދެން، ވިސްނާ ފިކުރު ކުރުމަށް ފަހު، ޝޭޚު މަޅިރާނު ނިންމީ އެ ގަސް ކަނޑާލާށެވެ.
ޖެހިގެން އައި ދުވަހު ތެދުވެގެން، އަވަށު ބަނޑަހަ ގެއަށް ގޮސް، ބޮޑު މުޅޯ ހޯދައިގެން އެއްކަލަ ގަހާ ދިމާއަށް ދާން ހިނގައި ގަތެވެ. ވަކި ހިސާބަށް ދިޔަތަނާ، މަގުގެ މެދުން ދުންގަނޑެއް އެރިއެވެ. އަދި، އެ ދުންގަނޑުގެ މެދުން އެހެރަ އެރީ ލައުނަތް ލެއްވިގެންވާ އިބިލީހެވެ!
އިބިލީސް ޝައިޚު މަޅިރާނާއި މުޚާތަބުކޮށް ބުންޏެވެ. ޝައިޚާއެވެ! ޝައިޚު ތިއުޅެނީ ކީއްކުރަން ހެއްޔެވެ؟
ޖަވާބުގައި ޝައިޚު މަޅިރާނު ބުންޏެވެ. މީސްތަކުން އަޅުކަން ކުރާ އެ ބޮޑު ގަސް ކަނޑާލާެވެ!
އިބިލީސް: ޝައިޚާ އެ ގަހާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ގަސް ޝޭޚަށް އެއްވެސް، އުނދަގުލެއް ކުރޭ ހެއްޔެވެ؟
ޝައިޚު މަޅިރާނު: އާނއެކެވެ! އެ ގަސް އަހަންނަށް ވަރަށް އުނދަގޫ ކުރެއެވެ. އަހަރެންގެ ލޮބުވެތި މީސްތަކުން އެ ގަހަށް އަޅުކަން ކޮށް، އެކަމަކީ އެމީހުން މަގު ފުރައްދައި ހަލާކުގެ ތެރެއަށް ގެންދާ ގަހަކަށް އެގަސް ވެއްޖެއެވެ.
އިބިލީސް: ދެން އެކަމާ ޝައިޚާ ކޮން ކަމެއް ހެއްޔެވެ؟ އެއީ މީސްތަކުންގެ މިނިވަން ކަމެއް ނޫން ހެއްޔެވެ؟ މީސްތަކުން އެ މީހުން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން އެމީހުންނަށް ލިބިދޭން ޖެހޭ ނޫން ހެއްޔެވެ؟
ޝައިޚު މަޅިރާނު: އެމީހުންނަކީ މިނިވަނުންނެއް ނޫނެވެ. ކަލޭގެ ވަސްވާސްތަކުގައި ޖެހި، އެވަސްވާތަކުގެ އަޅުންތަކަކަށް އެމީހުން ވެއްޖެއެވެ.
އިބިލީސް: އެންމެ ރަނގަޅެވެ. ކަލޭ އެ ގަސް ކަނޑާލިޔަކަ އަހެންނެއް ނުދޭނަމެވެ. މިހެެން ބުނެ އިބިލީސް ޝައިޚު މަޅިރާނުގައި ބެއްދިއެވެ.
ދެން ދެމީހުން ހިފައި، އެންމެ ފަހުން، އިބިލީސް ބިންމައްޗަށް ވައްޓާލައި ޝައިޚު މަޅިރާނު އިބިލީސް މޭމަތީ އިށީނެވެ. އަދި، ބުންޏެވެ. ‘ދެން ވެސް ކަލޭ އަހަރެން ކުރަން މި އުޅޭ ކަމަށް ހުރަސް އަޅާނަން ހެއްޔެވެ؟”
އިބިލީސް ނޫނެކޭ ބުނުމުން، ޝައިޚު މަޅިރާނު އިބިލީސް ދޫކޮށްލިއެވެ. ނަމަވެސް، އިބިލީހާ ހިފައި ބެއްދުމުގެ ސަބަބުން، ޝައީޚު މަޅިރާނު ހުރީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެހެންވެ، ޝައިޚު ނިންމީ އެނބުރި ގެއަށް ދާށެވެ. އަދި، ޖެހިގެން އޮތް ދުވަހު، ގަސް ކަނޑާލަން ދާށެވެ.
ދެން، ޖެހިގެން އައި ދުވަހު، ބޮޑު މުޅޯ ހިފައިގެން، އަނެއްކާ ވެސް، ރަށުގެ މީސްތަކުން ނަދުރު ބުނެ، އަޅުކަން ކޮށް އުޅޭ ގަސް ކަނޑާލަން، ނާސިކު ޝައިޚު މަޅިރާނު ނިކުތެވެ. ވަކި ހިސާބަށް ދިޔަ ތަނާ ހެން، މަގު މެދުން ބިންގަނޑު ފަޅާލައިފައި އިބިލީސް ނިކުތެވެ.
އިބިލީސް: ޝައިޚު ތިޔަ ދަނީ ކޮން ތާކަށް ހެއްޔެވެ؟
ޝައިޚު މަޅިރާނު: ކަލޭގެ ވަސްވާހަށް ހެއްލި، މީސްތަކުން އަޅުކަންކުރާ ބޮޑު ގަސް ކަނޑާލާށެވެ!
އިބިލީސް: އެ ގަސް ކަނޑާ ނުލިޔަސް ޝޭޚަށް މީސްތަކުންނަށް ނަސޭހަތް ދެވިދާނެއެވެ. އަދި، އެ ނަސޭހަތުގެ ސަބަބުން، ޝައިޚު ބޭނުން ގޮތަކަށް މީސްތަކުންގެ ހިތްތައް އަނބުރާލެވެިދާނެ ނޫން ހެއްޔެވެ؟
ޝައިޚު މަޅިރާނު: މިހާރު ތިޔަ އުޅެނީ މަވެސް ވާވައްދައި މަގު ފުރެއްދިދާނެ ކަމަށް ހެއްޔެވެ؟
އިބިލީސް: ނޫން ނޫނެކެވެ! ޝައިޚު ކަހަލަ މާތް މީހަކު މަގުފުރެއްދުމުގެ ކުޅަދާނަކަމެއް އަހަންނަށް ލިބިގެން ނުވެއެވެ. ޝައިޚުގެ މާތްކަމުގެ ސަބަބުން ކުރެވިދާނޭ ކަމެއްގެ ވާހަކަ ބުނެލީއެވެ! އަދިވެސް، ބުނަމަވެ. ރަށުގެ ބޮޑެތި މީހުންނާ ގުޅިގެން، އެމީހުންގެ ވެސް އެއްބާރު ލިބިގެން ވެސް ތިކަންތައް ކުރެވިދާނެއެވެ.
ޝައިޚު މަޅިރާނު: އެއީ ކިހިނެއް ހެއްޔެވެ؟
އިބިލީސް: އަހަރެންގެ ވެސް ގުޅުންތަކެއް އޮވެއެވެ. ޝައިޚަށް ވެސް، ކޮންމެ ވަރަކަށް ނަމަވެސް އެކަން ވިސްނޭނެއެވެ. މީސްމީހުންގެ ބޮލަށް ވަދެ، އެމީހުން ލައްވާ ލައްކަ ގިނަ ކަންތައް އަހަރެން ހިންގާކަމީ ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެ ފަދަ ތަކެތި ބޭނުން ކުރުމުގެ ވިޔަފާރިއެވެ. ވައްކަމާއި ފާހިޝް އަމަލުތައް ފެތުރުމުގެ މަސައްކަތެވެ. އެއްވެސް، ހަމައެއް ލަމައެއް ނެތް މީސް މީހުން ހޯދައި އެމީހުން ލައްވައި މާތް މުގައްދަސު ތަންތަނުގެ ހުރުމަތް ކެނޑުމެވެ. މިސްކިތްތަކަކީ ފާޚާނާ ކަމުގައި ބަލައި މާތްﷲގެ ކަލާންފުޅު ލިޔެފައި ހުންނަ ކަރުދާހަކީ ތުންފުހި ކަމުގައި އެމީހުންނަށް ދެއްކުމެވެ. އަދި، ކަމުވޮށިވެގެންވާ މީހުން މެދުވެރިކޮށް، އެފަދަ މީހުންނަށް ހިމާޔަތް ދިނުމުގެ މަސައްކަތް ކުރުން ވެސް މެއެވެ. އަހަންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ބައެއް ބޮޑެތި ބޮޑެތި މީހުން ޝައިޚުގެ ދޫ ދެކެ ބިރު ގަނެއެވެ. އަދި، އެ ދޫ ބަންދުކޮށް، އެމީހުން އެދޭ ގޮތަށް ނަސޭހަތް ދިނުން ބަދަލުކޮށްލާނެ ގޮތަކާ މެދު އެމީހުން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝައިޚަށް މަތިވެރި މަގާމަކާއި އޭގެ ފަހަތުގައި އޮންނަ މާއްދީ ފައިދާތައް ލިބިދޭނޭ ގޮތް ހަދައި ދިނުމަށް އެ މީހުން ތިބީ ތައްޔާރަށެވެ!
ކުޑަ އިރުކޮޅަކު ވިސްނާލަން ހުރެފައި ނާސިކު އަޅުވެރި ޝައިޚު މަޅިރާނުގެ ރާގު ބަދަލުވިއެވެ. ޝައިޚުގެ ކުރިމަތިން ފެނުނީ މުދަލާއި ފައިސާއެވެ. ފުލެޓުތަކާއި އެތަންތަނަށް ވައްދާނޭ އަނބި އަނބިންނެވެ. އަދި ހިތާ ހިތާ ބުންޏެވެ. ދުނިޔޭގެ އުފަލަކީ ވެސް ހޯދަން ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކަންކަން ހޯދައިގެން ވެސް މީސްތަކުންނަށް ނަސޭހަތް ދެވިދާނެއެވެ. އަދި، މީސްތަކުން އެ އަޅުކަން ކުރާ ގަސް ކަނޑާ ނުލައި ވެސް، އިބިލީސް ބުނި ފަދައިން އެކަން ހުއްޓުވިދާނެއެވެ. ދެން، ޝައިޚު މަޅިރާނު، އިބިލީސް ގާތު ބުންޏެވެ.
ޝައިޚު މަޅިރާނު: އިބިލީސްއެވެ! ކަލޭ ބުންޏަސް، އަދި ކަލެއަކީ މީހުން މަގުފުރައްދާ ބޮޑު ދޮގުވެރިއެއް ކަމުގައި ވިޔަސް، ތެދެއް ވާނީ ތެދަކަށެވެ. އެ ގަސް ނުކަނޑައި ވެސް މީސްތަކުންނަށް ތެދު މަގު ދެއްކޭނެއެވެ. އަދި، ރަނގަޅު މަގާމެއް ލިބުމަކީ މިކަމަށް އެހީވެދޭނެ ވެސް ކަމެކެވެ.
އިބިލީސް: އެންމެ ރަނގަޅެވެ. ޝައިޚެވެ! މާދަމާ ހެދުނު، ޝައިޚު ނިދާ ހޭލާއިރު ބާލީސް ދަށުގައި ޝައިޚާ ބޮޑު މަގާމެއް މަތިކުރެއްވިއްޖެ ކަމުގެ ސިޓީ އޮންނާނެއެވެ. ނަމަވެސް، ހަނދާން ކުރަން ޖެހޭނޭ ކަމެއް އެބަ އޮތެވެ. އެ ގަސް ކަނޑާލަން ޝައިޚު ނިކުމެއްޖެ ނަމަ، އެ ސިޓީގައި ބުނެފައި ހުރި ހުރިހާ ވާހަކައެއް ބާތިލުވާނެއެވެ. އަދި، މިގެ ފަހުން، ޝައިޚުގެ ވާހަކައިގެ އޮއްޓަރާއި އަދި ރާގު ވެސް ބަދަލުވާން ޖެހޭނެއެވެ. ވާހަކައިގެ އޮއްޓަރު ހުންނަން ޖެހޭނީ އަހަރެންގެ ވަސްވާސްތަކާއި އެއް ގޮތަށެވެ. އަހަރެންގެ ވަސްވާސްތައް ހުންނާނީ ޝައިޚަށް، ޔަގީނުން ވެސް ދުނިޔެ ލިބޭނޭ ގޮތަށެވެ. ޝައިޚުގެ ވާހަކަތަކުގެ ރާގު ކުރިން، ޝައިޚު ނުރުހޭ މީހުން ކާފަރުކޮށް، އަޑުހަރުކޮށް ގޮވާ ހެދި ފަދައިން އެކަން ކޮށްގެން ނުވާނެއެވެ. ދެން، ޝައިޚު އާޚިރަތް ބޭނުން ނަމަ، ފަހުން އަމިއްލައަށް އެކަމާ އުޅެވިދާނެއެވެ!
ދެން، އަޅުވެރި ނާސިކު ޝައިޚު މަޅިރާނު ގެއަށް ދިޔައެވެ. އަދި، އަނެއް ދުވަހު ތެދުވެ، ބާލީސް ދަށަށް އަތްލި އިރު އިބިލީސް ބުނި ސިޓީ އޮތެވެ. ޝައިޚުއާ ބޮޑު މަގާމެއް މަތިކުރެއްވިއްޖެ ކަމާއި އަދި އެކަމުން ޝައިޚަށް ލިބޭނޭ ފައިދާތައް ވެސް އެ ސިޓީގައި ބަޔާން ކުރެވިފައި އޮތެވެ.
އިބިލީސް ވެސް އޭނާގެ މަސައްކަތާއިގެން، އާދެ، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތާއިގެން، ކުރިއަށްދާން ހިނގައިގަތެވެ. . މިއަދު، އޭނާ ހުރީ ވަރަށް ވެސް އުފާވެ، ހިތް ހަމަޖެހިފައެވެ. އެންމެ އަނގަދަ، އެއް ޝައިޚުގެ އަނގަ ބަންދުކުރެވުނީތީއެވެ. އަދި، ޝައިޚަށް ނުވިސްނުނީތީއެވެ. އޭނާގެ ބޭނުން ހިފުމަށް ފަހު، އޭނާގެ ބޭނުން ނެތުމުން، އޭނާގެ ބޭނުން ހިފި މީހުން އޭނާ އެއްލާލާނެތީ ވެސް މެއެވެ. ދެން، އެދުވަހުން، މުޅޯ ހިފައިގެން އެއްކަލަ ބޮޑު ގަސް ކަނޑަން ނިކުތަސް މީސްތަކުން އަޅައެއް ނުލާނެއެވެ. މިސްތަކުން ދެކޭނީ ޝައިޚަކީ ވެސް ޝައިޚުކަން ވިއްކާލި މުނާފިގެއް ކަމުގައެވެ.


