ބިއްލޫރި ތައްޓަކުން، ދެނެއް، އަހަންނެއް ސަޔެއް ނުބޯނަމެވެ! މިބުނީ އަހަރެން ސައި ނުބޯނެ ވާހަކައެއް ނޫނެވެ! ބިއްލޫރި ތައްޓަކުން ސައިނުބޯނެ ވާހަކައެވެ!
އާނއެކެވެ! އަދިވެސް އަހަރެން ސައިބޯނަމެވެ. ސަޔަކީ އަހަންނަށް އެންމެ މީރު ބުއިންކަމަށްވާތީއެވެ. އެއީ އަހަރެން މަސްތުކޮށްލާ ބުއިމެކެވެ. އަހަރެން ރަންބުއްދިކޮށްލާ ބުއިމެވެ. މުޅި ދުނިޔޭގައި ހުރި އެންމެ ކެރޭ ކުޅަދާނަ މީހާއަށް އަހަރެން ހަދާލާ ބުއިމެވެ. އެ ބުއިން ބޯލުމުން، ބަލާލި ކޮންމެ ދިމާއަކުން އަހަރެންގެ މޫނު ނޫން އެހެން މޫނެއް އަހަންނަކަށް ނުފެނެއެވެ. މުޅި ވުޖޫދުން ވެސް ފެންނާނީ ހަމަ އެކަނި އަހަންނެވެ. ދެން ތިބީންނަކީ ނެތް ބަޔެކެވެ. އެމީނުން ތިބިތޯ ނެތްތޯ، އެމީހުން ދެކޭ ގޮތަކީ، ނުދެކޭ ގޮތަކީ ކޮބައިތޯ ބަލާކަށް އަހަންނަކަށް ނުޖެހެއެވެ.
އެންވީމާ، އަހަރެން ސައިބޯން ބޭނުމެވެ. ސައިގެ އަލާއެއް ދުވަހަކުވެސް ނުކެނޑޭނެއެވެ. ނަމަވެސް، ބިއްލޫރި ތައްޓަކުން ނޫނެވެ. ބިއްލޫރި ތަށި މާއަވަހަށް ތަޅައިންގެންދަނީއެވެ. އެހެންވެ، ދެން އަހަރެން ސައިބޯނީ ޖޯޑެއްގައެވެ. އާދެ،އެއްވެސް ޝައްކެތް ނެތެވެ. އަހަރެން މިހާރު ސައިބޯން ބޭނުންވަނީ ޖޯޑަކުންނެވެ! އަދި، ޖޯޑުން ސައިބޯން ލިބޭތޯ އަހަރެން ގަދައަޅާ މަސައްކަތް ވެސް ކުރާނަމެވެ! މިކަމުގައި ކަލޭމެން އަންނަށް އެހީވާންވާނެއެވެ. އަހަންނަށް ބާޒާރުން ޖޯޑެއް ހޯދައިދޭށެވެ!


