އެމެރިކާއިން ފިލާވަޅެއް

ރިޕޯޓް އިޖުތިމާޢީ ފަހުގެ

ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މައްޗަށް ބަލާލާއިރު އެތައް ކަންތައްތަކެއް ފާހަގަކޮށްލެވިދާނެއެވެ. ރަނގަޅުކަންތައްތަކާއި ނުރަނގަަޅު ކަންތައްތަކެވެ. ނަމަވެސް، މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ ރަނގަޅު އެއްކަމެއްގެ ވާހަކައެވެ. އެކަން ފާހަގަކޮށްލައި އެކަމުން ލިބެން އޮތް ފިލާވަޅުގެ މައްޗަށް ވިސްނާލުމަށްޓަކައެވެ.

މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓު މރ. ބައިޑެން ވިދާޅުވި ވާހަކައެކެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، އޭނާގެ ގައުމާ މުޚާތަބުކުރައްވާ އޭނާ ވިދާޅުވީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ވޯޓުދިން މީހުންގެ ރައީސެއް ނޫންކަމެވެ. އޭނާއަކީ އޭނާއަށް ވޯޓުދިން މީހުންނާއި އަދި އޭނާއަށް ވޯޓު ނުދޭ މީހުންގެ ރައީސް ވެސް މެއެވެ. އާދެ، އޭނާއަކީ މުޅި އެމެރިކާގެ މުވާތިނުންގެ ރައީސްކަމެވެ. އޭނާއަށް ވޯޓުދިން މީހުންނާއި ވޯޓު ނުދޭމީހުންގެ އިތުރުން އަދި ވޯޓުލުމުގައި ބައިވެރި ނުވާ މީހުންގެ ވެސް ރައީސެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މރ. ބައިޑަން މިކަން ފާހަގަކޮށްދެއްވީ ކީއްވެގެން ހެއްޔެވެ؟ ޑިިމޮކުރަސީ ޕާޓީ ނިޒާމެއް ލާޒިމުކުރަނީ ވެރިކަމަށް އިސްކުރުމަށް އިންތިޚާބުކުރުމަށްޓަކައި އޮންނަ ކެންޑިޑޭޓެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ މީހަކު ހޮވުމެވެ. އެމެރިކާގެ ޑިމުކުރަސީ ނިޒާމު ނިޔާކުރާ ގޮތުން، އާންމު ގޮތެއްގައި، މައިގަނޑު ދެ ސިޔާސީ ޕާޓީއަކުން، ރައީސްކަމަށް ކުރިމަތިލާ މީސްމީހުން ފުރޭނިގެން، އާންމުންގެ ކުރިމައްޗަށް މައްސަލަ އަންނައިރު، އޮންނަނީ ދެ ކެންޑިޑޭޓަކު ހަމަ ޖެހިފައެވެ. ރައްޔިތުންނަށް އޮންނަނީ މި ދެކެންޑިޑޭތުން ކުރެ އެކަކު ރައީސަކަށް ހޮވުމެވެ. އުސޫލެއްގެ ގޮތުން، މިހޮވުން ބިނާވެފައި އޮންނަނީ ދެކެންޑިޑޭޓުންކުރެ ގައުމަށް އެ ވަގުތަކު ކުރިމަތި ވެފައިވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއްގެ ވެރިޔަކީ ކޮބައިތޯ ދެނެގަތުމުގެ މައްޗަށެވެ. މި ދެނެގަތުން ދެނެގަނެވެނީ ދެކެންޑިޑޭޓުންގެ އިންތިޚާބީ މަސައްކަތުގައި އާންމުންނާ މުޚާތަބުކޮށް ދައްކާ ވާހަކަތަކުގެ އަލީގައެވެ. މީގެ އިތުރުން، ދެ ކެންޑިޑޭޓުންގެ މެދުގައި، އާންމުންގެ ކުރިމަތީގައި، ބޭއްވޭ ބަހުސުތަކެއް އަޑުއަހައި، އެ ބަހުސްތަކުގެ އަލީގައި ވެސް މެއެވެ.

ނިމިދިޔަ އިންތިޚާބު ކާމިޔާބުކުރެއްވި މރ. ބައިޑަންގެ، އޭނާގެ މި ނަންގަތް ވާހަކަތައް ގުޅިފައި އޮތީ މިވަގުތު އެމެރިކާއާ ކުރިމަތިވެފައިވާ މައްސަލަތަކާއެވެ. ކޮރޯނާ ރޯގާގެ މައްސަލައެވެ. އެކަން ހައްލުކުރާނެ އޭނާގެ ސިޔާސަތުގެ ވާހަކައެވެ. ވެށީގެ މައްސަލައާއި އެކަމާ ގުޅޭ މޫސުމަށް ބަދަލު އަންނަމުންދާ މައްސަލައެވެ. މިވަގުތު އެމެރިކާއަށް ކުރިމަތިވެފައިވާ އިގުތިސާދާ ގުޅޭ މައްސަލަތަކެވެ. ޚާއްސަ ގޮތެއްގައި ކޮރޯނާ ރޯގާގެ ސަބަބުން، ވިޔަފާރިތަކަށް ލިބެމުންދޭ ގެއްލުންތަކާއި އަދި ވަޒީފާތައް ގެއްލެމުންދާ މައްސަލައެވެ. މިކަމަށް ހައްލުހޯދާނޭ ގޮތުގެ ވާހަކައެވެ. ހުރިހާ މުވާތިނުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށް ދިނުމުގެ މައްސަލައެވެ. ތަނުގައި އޮތް ބައިބައިވުމާއި ނަސްލުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކާއި އަރާރުންތަކުގެ މައްސަލައެވެ. އަދި، އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ އެހެން ގައުމުތަކާއި ގުޅުންތައް ރަނގަޅުކުރުމުގެ މައްޗަށް ބިނާވާ ސިޔާސަތަކަށް ހެދުމެވެ. އާދެ، ވެރިކަމަށް އަންނަނީ ތިމާއާއި ތިމާގެ ގާތް މީހުންގެ ޒާތީ މަސްލަހަތުތައް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. ގައުމަށް ޚިދުމަތްކުރުމަށްޓަކައެވެ. އަދި، ގައުމުގެ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެކަން ހައްލުކުރެވިދާނެ ކަމުގެ އެކަށޭނަކަން އޮތް ގިޮތެއް ރައްޔަތުންގެ ކުރިމައްޗަށް ހުށަހަޅާލައިގެންނެވެ.

ދެން، ރައްޔިތުންގެ ވާޖިބަކަށް އޮންނަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ވާހަކަތައް އަޑުއަހައި އެމީހަކު ދެކޭ ގޮތުގައި، ގައުމުގެ މައްސަލަތައް ހައްލުކުރުމުގެ އެންމެ ރަނގަޅު ސިޔާސަތުތަކެއް ވެރިޔަކީ ކޮބައިކަން ދެނެގަނެ އެމީހަކު އިންތިޚާބު ކުރުމެވެ. މީގެ މާނައަކީ ހުރިހާ އެންމެންނަކީ މިފަދައިން ވިސާނާފައި ވޯޓު ދޭނޭ ބައެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައިި ‘ހަމުގެ ކުލައަށް’ ބަލާފައި ވޯޓުދޭނޭ މީީހުންވެސް އުޅޭނެއެވެ. އެހެން ކަމަށް ވިޔަސް، ގިނަ ބަޔަކު ވޯޓުދެނީ މިނަންގަތް އުސޫލުގެ މަތިންނެވެ. ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާލެވިފައިވަނީ ކާކަށްތޯ ބަލާފައެވެ.

މިފދަ ގޮތަކަށް ވޯޓުދޭ އިރު، މީހުންގެ ޚިޔާލު ތަފާތުވާނެތާއެވެ. ހުރިހާ މީހުންނަށް ފެންނާނީ އެއްގޮތަކަށް ނޫންތާއެވެ. އެހެންވީމާ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭ އިންތިޚާބެއްގައި ފެނިގެންދަނީ ގައުމު ބައިބައިވެފައި އޮންނަ މަންޒަރެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ބައިބައިވުން އެންމެ ބޮޑު އިންތިޚާބެވެ.

މިވެސް މައްސަލައަކަށް ނުވެއެވެ. ސަބަބަކީތޯއެވެ؟ އިންތިޚާބު ނިމި، ވެރިޔަކު ހޮވުމުން، އެ ހޮވޭ މީހަކީ، ކުރިން ބިުނިހެން، ހަމަ އެކަނި އޭނާއަށް ވޯޓުދިން މީހުންގެ ވެރިޔާއަށް ވުމުގެ ބަދަލުގައި އެންމެންގެ ވެސް ވެރިޔާއަށްވާތީއެވެ. އަދި، ހޮވޭ ރައީސްވެސް މިކަން ހަނދާކޮަށްދީ އޭނާގެ ސިޔާސަތުތައް އަމާޒުވާނީ ހަމައެކަނި އޭނާގެ ޕާޓީގެ މީހުންނަށާއި އޭނާއަށް ވޯޓުދިން މީހުންނަށް ނޫންކަމަށާއި އެކަން އަމާޒުވާނީ އެންމެންނަކަން ބުނެދޭތީއެވެ. އެހެންވެ، މރ. ބައިޑަންވެސް ކަންތައް ކުރައްވާނީ ހުރިހާ ރައްޔިތުން ވެސް ޝާމިލުކޮށް އެންމެންގެ ލާބައާއި ފައިދާއަށްޓަކައި ކަމުގައި ވިދާޅުވިއެވެ. ގައުމު ބައިބައިވެފައި އޮތް އޮތުން ނެތިކޮށްލުމަށާއި ރިޔާސީ ކެމްފޭނުގައި އޭނާ ފާހަގަކުރެއްވި މައްސަލަތަކުގެ ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. ވަކި ބަޔަކަށްޓަކާއެއް ނޫނެވެ. އެންމެންނަށްޓަކައެވެ.

މިކަމުން ލިބިގަނެވިދާނޭ ފައިދާއަކީ ކޮބާ ހެއްޔެވެ؟ އިންތިޚާބީ ކެމްޕޭނުގެ ވާހަކަތައް ބިނާވާން ޖެހޭނީ ގައުމުގެ މައްސަލަތައް ނަގައި އެކަންކަން ހައްލުކުރުމުގެ ސިޔާސަތުތަކުގެ މައްޗަށް ކަމެވެ. ރައްޔިތުންގެ ވާޖިބަކަށް ވާން ޖެހޭނީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާ މީހުންގެ މިފަދަ ސިޔާސަތުގެ ހަރުދަނާކަން ހުރިި މިންވަރު ދެނެގަތުމެވެ. އަދި، އޭގެ މައްޗަށް ބިނާކޮށް، ގައުމުގެ މަސްލަހަތަށް އިސްކަންދީގެން، ވެރިން ހޮވުމެވެ. މިވެނި މީހަކު ނުހޮވުމަށްޓަކައި ވެރިން ހޮވައިގެން ނުވާނޭ ކަމެވެ. ފުރަތަމަ ގޮތުގައި ވެރިން ހޮވާނަމަ، އޭރުން ހޮވޭނީ ގާބިލު ކަމަށް އެކަށީގެންވާ މީހުންނެވެ. ދެވަނަ ގޮތުގައި ހޮވާނަމަ ހޮވޭނީ ކޮންމެ ހެން ކަމަށް އެކަށީގެންވާ ގާބިލު މީހުންނެއް ނޫނެވެ. އެހެނީ، އޭރުން މަގުސަދަކަށް ވެފައި އޮންނާނީ ވެރިޔަކު ހޮވުމެއް ނޫނެވެ. ވެރިޔަކު ވެރިކަމުން ދުރުކުރުމެވެ. އެމެރިކާގެ އިންތިޚާބުން ލިބޭ އެއް ފިލާވަޅަކީ މިއެވެ. ރިޔާސީ އިންތިޚާބުވާންޖެހޭނީ ވެރިޔަކު ހޮވަން އޮންނަ އިންތިޚާބެއްކަމެއްވެ. އެއީ ވެރިޔަކު ދުރުކުރަން އޮންނަ އިންތިޚާބެއް ނޫންކަމެވެ. އަދި، އޭރުން، ވެރިކަމަށް އެކަށޭނަ ގާބިލު މީހުން ގެނެވޭނޭ ކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ