ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ ތާރީޚުގައި ހިނގާ ދިޔާ ހާދިސާތަކަށް ބަލާލާއިރު، މަގުފާހަގަތެކެއްގެ ގޮތުގައި ހިމަނާލެވިދާނޭ ވަރަށް ވެސް މުހިއްމު ތިން ކަމެއް ފާހަގަކޮށްލެވިދާނެއެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ 1932 ވަނަ އަހަރު ތައާރުފު ކުރެވުނު ދުސްތޫރީ ވެރިކަމެވެ. ދެވަނަ ކަމަކީ 1952ގައި އަލަށް ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަމެވެ. ތިންވަނަ ކަމަކަށް ފާހަގަކުރެވެނީ 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމެވެ. ހިތާމައާއެކު ބުނަން ޖެހެނީ މިތިންކަންތައް ވެސް ނާކާމިޔާބުވި ވާހަކައެވެ. މި ލިޔުމުގައި ބަލާލަން ބޭނުންވަނީ، ކުރު ގޮތަކަށް ނަމަވެސް މި ތިންކަންތައް ވެސް، ފޭލުވެ، ނާކާމިޔާބުވީ ކީއްވެގެން ކަމެވެ.
1932 ވަނަ އަހަރު ދުސްތޫރީ ވެރިކަމެއް ތައާރުފުކުރުމުގެ ގޮތުން ގާނޫނު އަސާސިއެއް ލިޔެވުނެވެ. ނަމަވެސް، އެކަން ނިމުނީ ކިހިނެއް ހެއްޔެވެ؟ އެ ގާނޫނު އަސާސީއެއް އެކުލަވާލެވި، އެއަށް އަމަލުކުރެވެން ފެށިތާ އަށެއްކަ މަސްދުވަސްވީތަނާ، އެ ގާނޫނު އަސާސީ ވީދާލެވި، އުވާލެވިގެންނެވެ. އާދެ، އެ ގާނޫނު އަސާސީވީ ބޭކާރު އެއްޗަކަށެވެ. މިކަން މިހެން ދިމާވާން މެދުވެރިވީ ކޮން ކަމެއް ހެއްޔެވެ؟ ޖުމްހުރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއީ މިސުއާލުކޮށް، މިސުއާލުގެ ޖަވާބު މަތިން ހަނދާނކޮށްލަން ޖެހެއެވެ. މިކަން ހަނދާނަށް ކުރަން ޖެހެނީ ކޮން ބައެއް ހެއްޔެވެ؟ އާންމު ރައްޔިތުންނެވެ. އާދައިގެ ފަރުދުންނެވެ. ސަބަބު، ފަހުން، ބަޔާންކޮށްދެވޭނެއެވެ.
1932ގައި ތައާރުފުކުރެވުނު، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުވިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ކުރު ޖަވާބަކީ، ތަބީއީ ގޮތުން، އެކަން ކުރަންޖެހޭ ގޮތަށް އެކަން ނުކުރެވުމުންނެވެ. ގާނޫނު އަސާސީއެއް އެކުލަވާލުން ފެށެން ޖެހޭނީ ރައްޔިތުންނާ ހަމައިންނެވެ. ރައްޔިތުން ބައިވެރިވެގެންނެވެ. ސަބަބަކީ ގާނޫނު އަސާސީއެއްގެ އެންމެ ފުރަތަމަ ވެސް އަދި އެންމެ ފަހުގެ ވެސް ބޭނުމަކީ ރައްޔިތުންގެ ފައިދާއަށްޓަކައި އެކުލަވާލެވިފައި އޮންނަ އެއްޗަކަށް ވުމެވެ. ޝައްކެތް ނެތް ގޮތުގައި، ތަނެއްގެ އާންމު ރައްޔިތުންގެ އެންމެންނަކަށް، އަމަލީ ގޮތެއްގައި، މިކަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެހެންވެ މިކަން ކުރަން ޖެހެނީ، އާންމު ރައްޔިތުން ތަމްސީލުކުރާ ބައެކެވެ. އަދި، މި މުމައްސިލުންނަކީ އާންމުންގެ ޝުއޫރު ވިސްނޭ، އެއަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ތަނުގެ އާދަކާދައާއި ތަނުގެ ގިޔަމްތަކަށް، އަގުތަކަށް ވެސް، ހުރުމަތްތެރިކޮށް ހިތާ، ތަނަށް އިޚުލާސްތެރި ބަޔަކަށް ވާންޖެހެއެވެ.
ގާނޫނު އަސީސީ އެކުލަވާލުމަށްޓަކައި، ރައްޔިތުން ތަމްސީލުކުރާނޭ، ގާބިލު ބަޔަކު ހޮވުމައްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ސިޔާސީ ގޮތުން ތަސައްރުފު ފުދިފައިވާ ރައްޔިތެކެވެ. ތަނުގެ ޖަމާއީ ހަޔާތާ މެދު، މުސްތަގިއްލު ސިފައެއްގައި ވިސްނާ ފިކުރުކުރަން ދަންނަ، ހޭލުންތެރި އަފުރާދުންތަކެކެވެ. ސިޔާސީ ގޮތުން ތަސައްރުފުދި، މިފަދަ ހޭލުންތެރިކަމެއް ލިބިފައި އޮންނަން ޖެހެނީ، އެމީހުން އުފުލަން ޖެހޭ މަސްއޫލިއްޔަތުތަކެއް އޮވެފައި، އެކަން އެންމެ ހެޔޮގޮތުގައި އަދާކުރެވިދިޔުމައްޓަކައެވެ. އެމީހުންގެ ދައުލަތް، އާދެ ދިވެހި ދައުލަތަކީ، ވެރިޔާގެ ނޫނީ އޭނާގެ އާއިލާގެ ނޫނީ އޭނާގެ ގާތް މީހުންގެ ސިޔާސީ ކިޔާނެއް (ޕޮލިޓިކަލް އެންޓިޓީއެއްކަން) ނޫންކަމާއި، އެއީ ހަމަހަމަ ގޮތެއްގައި، ހުރިހާ ރައްޔިތުންނަށް ވެސް އެ ދައުލަތުގެ މިލްކުވެރިކަން ލިބިފައި އޮތް ކިޔާނެއްކަން ދެނެގަނެ، އެ ކިޔާނަށް ތެދުވެރިވެ، އިޚުލާސްތެރިވެގެންނެވެ. މި މަސްއޫލިއްޔަތު، ހެޔޮގޮތުގައި، އުފުލުމުން، ހުރިހާ ރައްޔިތުންނަށް ވެސް ލިބިދޭން ޖެހޭ ހައްގެއް ވެސް އޮވެއެވެ. މުހުދާތުކަމެއް ނެތި، އަބުރުވެރިކަމާއެކު، ދިރިއުޅުމުގެ ހައްގު ލިބުމެވެ. މިކަން ރައްޔިތުންނަށް އެނގި ވިސްނި، ސިޔާސީ ގޮތުން ތަސައްރުފު ފުދި، ދެންމެ މިނަންގަތް، އެމީހުންގެ މަސްއޫލިއްޔަތު އުފުލަންޖެއެވެ. އާދެ، އެމީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައި ގަތުމަށް، އެމީހުންގެ މިލްކެއްކަމުގައިވާ އެމީހުންގެ ދައުލަތަށް ތެދުވެރިވެ، އިޚުލާސްތެރިވުމުގެ މަސްއޫލިއްޔަތު ނިޔާކުރަނީ، އެމީހުން ތަމްސީލުކުރާނޭ ގާބިލު މީހުން ފާހަގަކޮށް، އެފަދަ މީހުން ހޮވުމެވެ. މި މުމައްސިލުންނަކީ، ވެރިން ކަމުގައި ވިޔަސް، ނޫނީ ގާނޫނު ހަދާ މީހުން ކަމުގައި ވިޔަސް، ނޫނީ ރައްޔިތުންގެ މަޖުލީހުންގެ މެމްބަރުން ކަމުގައި ވިޔަސް ހެވެ. ސަބަބަކީ، އާންމު ފަރުދުންނަށް ދައުލުތުގެ ފަރާތުން ލިބިދޭން ޖެހޭ ހައްގު – މުހުތާދުކަން ނެތް، އަބުރުވެރި ދިރިއުޅުން ހޯދައި ދިނުން – ފުއްދެން އަންނަނީ އާންމު ރައްޔިތުން މި މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރެވިގެންނެވެ.
މިހިސާބުން ދެ ސުއާލު އުފެދެއެވެ. ފުރަތަމަ ގާނޫނު އަސީސީ އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ ދެވަނަ ސުއާލަކީ ރައްޔިތުންގެ ހޭލުންތެރިކަން އޮތީ މިފަދަ މުހިއްމު މަސްއޫލިއްޔަތެއް އަދާކުރެވޭ ސިފައެއްގައި ހެއްޔެވެ؟ ފުރަތަމަ ސުއާލުގެ ޖަވާބުގައި ބުނަން ޖެހޭނީ އާންމު ރައްޔިތުންގެ ބައިވެރިވުން މިކަމުގައި އެއްގޮތަކަށް ވެސް ނެތް ކަމެވެ. އެކަން ކުރެވުނީ މަދު ބައެއްގެ މައްޗަށް، ރާއްޖޭގެ ރަދުން އެކުލަވާލެއްވި ކޮމިޓީއަކުންނެވެ. އާދެ، 1931ގެ މާޗު މަހު، އެކަން، ރާއްޖޭގެ އޭރުގެ ރަދުން، މުހައްމަދު ޝަމްސުއްދީނު މަތިކުރެއްވީ ‘ސާދަ ބޮޑުން’ނާއެވެ. ގާނޫނު އަސާސީގެ ބިންގާ އެންމެ ފުރަތަމަ ވެސް މި އެޅުނީ ‘ކައްޗަށެވެ’! ނަމުގައި، ރައްޔިތުންގެ ހެވަށް ކުރެވޭ ކަމެއް މި ކުރެވެނީ، ރައްޔިތުންނާ އެއްވެސް ސިފައެއްގައި މަޝްވަރާނުކުރެވިއެވެ. މި ގޮތަށް ކަންތައް ކުރެވެން ޖެހުނީ ކީއްވެގެން ކަމާ މެދު ނަޒަރު ހިންގާލުމުން ދެވަނަ ސުއާލުގެ ޖަވާބު ލިބިއެވެ. އާންމު ރައްޔިތުން ތިބީ އެފަދަ ބަޔަކު ހޮވާލެވޭ ހާލަތެއްގައި ނޫންކަމަށްވާތީއެވެ. އެމީހުން ތިބީ އެފަދަ މުހިއްމު ކަމެއްގައި، ހެޔޮ ގޮތުގައި، ބައިވެރިވެވޭނޭ ފަދަ ހާލަތެއް ގައެއް ނޫނެވެ.
އާންމު ފަރުދުންގެ ސިޔާސީ ތަސައްރުފު ފުދުމާއި ހޭލުންތެރިކަން ބިނާވަނީ، ޝައްކެއްނެތް ގޮތުގައި، އުނގެނުމުގެ މައްޗަށެވެ. 1932 އާ ހަމައަށް އައިރު، ރާއްޖޭގައި ވެރިކަމުގެ ފަރާތުން އިސްނަގައިގެން އާންމު ގޮތެއްގައި، މަދުރަސީ ކިޔަވައި ދިނުން އަދި ނުފެށެއެވެ. އެކަން، 1937 ގައި ފެށުނު އިރު، ފެށުނީ ތައުލީމަކީ މުހިއްމު ކަމެއްކަން، ވެރިންނަށް ފެނި، އާންމު ރައްޔިތުން އިލްމީ ބަޔަކަށް ހަދައި ހޭލުނަތެރިކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. އަމިއްލައަށް ބަޔަކު ކިލާހެއް ހިންގާތަން ފެނި، އެކަން އެއީ ވެރިކަމަށް ލޮޅުމެއް ގެނުވަފާނެކަމަކަށް ބެލެވި، ސަރުކާރުގެ ބާރުގެ ދަށަށް ކިޔެވުން ގެނެސް، ވެރިކަމަށް ގޮންޖެހުމެއް އައުން ހުއްޓުވުމުގެ ބޭނުމުގައެވެ. މިކަން ފާހަގަކޮށްލަން ބޭނުންވަނީ ދެންމެ މި ބުނި، ރައްޔިތުންގެ ހާލަތު އޮތް ގޮތް ބަޔާންކުރުމައްޓަކައެވެ. އެއްވެސް ކަހަލަ އާންމު ތައުލީމީ އޮއިވަރެއް ނެތް ތަނެއްގައި، އާންމުންގެ އެއްވެސް ކަހަލަ ގައުމީ ހޭލުންތެރި ކަމެއް ނޯންނާނެކަމަށް ހެކިލިބިގަތުމައްޓަކައެވެ. މީގެ އިތުރުން، އާންމުންގެ އިގުތިސާދީ ހާލަތު އޮތް ގޮތުން، އެދުވަސްވަރުގެ އާންމު އެންމެންގެހެން ވެސް ވިސްނުމަކަށް ވެފައި އޮތީ ބަނޑުފުރާނަމުއްތިކޮށްލުމުގެ މަސައްކަތްކުރުމެވެ. އަދުގައި ބަޑުހައި ހޫނުކަން ފިލުވާލުމައްޓަކައި ކާނޭ ބޯނޭ އެއްޗެއް ހޯދުމުގެ މަސައްކަތްކުރުމެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ކަންތައްތައް އޮތް ދުވަސްވަރެއްގައި ގާނޫނު އަސާސީއާ މެދު ވިސްނައި، އެކަން އެކުލަވާލާނޭ ގާބިލު ބަޔަކު ހޮވަން އަމަލީ ގޮތެއްގައި އާންމު ފަރުދުންނަށް ބައިވެރިވެވިދާނެ ހެއްޔެވެ؟ އެދުވަސް ވަރުގެ މަންޒަރު ހިތަށް ގެނައުމުން، އަޅުގަނޑަށް ލަފާކުރެވެނީ، 1931ގައި ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ވާހަކަ ދެކެވި، އަދި 1932 މި މަސައްކަތް ނިމި، މި ގާނޫނު އަސާސީ އަމަލުކުރަން ފެށިގެން ދިޔައިރު، ރާއްޖޭގެ ކަންކޮޅުތަކުގައި، އުތުރާއި ދެކުނާއި މެދުރާއްޖާގައި، އުޅުނު ގިނަ ބަޔަކަށް މިކަމުގެ އެއްވެސް ޚަބަރެއް ވެސް އެނގިފައި އޮތުމަކީ ނާދިރުކަމެކެވެ. އަދި، އެކަން، އެނގިފައި އޮތަސް، އެކަމަކީ ކިހާވަރެއްގެ މުހިއްމު ކަމެއްކަމާއި، އެކަމާ އެމީހުންގެ މައީޝީ މަސީރު ގުޅިފައި އޮވެދާނެކަން އިހުސާސުވާނޭ ހެނެއް ހިޔެއް ނުވެއެވެ.
އާންމު ރައްޔިތުންގެ ހާލަތަކީ މިއީ ކަމަށްވާއިރު، އެމީހުންގެ ނަމުގައި، ގާނޫނު އަސާސީއެއް ހަދަން ދިމާވީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ވެސް، އާންމު ރައްޔިތުންގެ ފައިދާއަށްޓަކައި ހެއްޔެވެ؟ އެކަން ކުރަން މެދުވެރި ސަބަބުތަކަށް ބަލާލާއިރު، މީގެ ތެރޭގައި ރައްޔިތުންގެ ފައިދާއަށް އެކަން ކުރުން ހިމެނިފައެއް ނޯވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކަށް އޮތީ އޭރުގެ ރަދުން މުހައްމަދު ޝަމްސުއްދީނަށް ފަހު އޭނާގެ ދަރިކަލުން އަމީރު ހަސަން އިއްޒުއްދީނު ރަސްކަމަށް އިސްކުރުމާ މެދު ވެރިކަމުގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން ގަބޫލުފުޅު ނުވުމާއެވެ. އެކަމާ އެބޭފުޅުން ނުރުހުންވެވަޑައިތީ، އަމީރު ހަސަން އިއްޒުއްދީނަކީ، ރަސްގެފާނުގެ ދަރިކަލުން ކަމަށް ވިޔަސް، އޭނާގެ ކިބައިގައި ރަސްކަންކުރެއްވުމުގެ ގާބިލުކަން ނެތުމެވެ. މި ދެބަސް ވުމުގެ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ ވެރިކަމުގެ އާއިލާގެ ތެރެއިން، އެކަމުގެ ގާބިލުކަން ލިބިގެންވީ، ބޭބޭފުޅުން އެކަމާ އުޅުއްވާނެތާއެވެ. މިފަދަ އެއްބޭފުޅަކީ އޭރުގެ ބޮޑުވަޒީރު އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލިގެފާނެވެ. އެކިލެގެފާނާ އިދިކޮޅު ބޭފުޅުން ދެކެވަޑައިގަތީ ވެރިކަމުގައި އޭނާގެ ނުފޫޒު ގަދަވެ، އޭނާ އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ވެގެން ހިނގައިދާނޭ ކަމެވެ. އެކަން ހުއްޓުވުމުގެ ގޮތުން، ގާނޫނު އަސާސީއެއް ހަދައި، އެ ގާނޫނު އަސާސީގައި ބުނާ ގޮތަށް ކަންތައް ކުރެވިގެން ދިޔުމައްޓަކައި ގާނޫނު އަސާސީއެއް އެކުލަވާލަން ޖެހުނީއެވެ. އާދެ، 1932ގައި ރާއްޖޭގައި ތައާރުފުކުރެވުނު ގާނޫނު އަސާސީއަކީ ވެރިކަމުގެ އިސް ސަފުތަކުގެ ތެރޭގައި އުފެދުނު އަރާރުންގަނޑަކާއި ދެބަސްވުންތަކަކަށް، ވަގުތީ ނަމަވެސް، ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު ކަމެކެވެ. ފަހަރެއްގައި ވެސް ރައްޔިތުންނަށް ހެޔޮ އެދިގެން، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމުގެ ގޮތުން އެކުލަވާލެވުނު އެއްޗެއް ނޫނެވެ. އެގާނޫނު އަސާސީގައި ރައްޔިތުންގެ ހައްގުތަކެކޭ ކިޔައި އެއްޗެހިތަކެއް ލިޔެވިފައި އޮތަސް ވެހެވެ.
‘ކައްޗަށް އެޅޭ ބިނާއެއްގެ ބިންގާ ކެއްޗާ ހަމައަށް ދިޔަޔަސް’ އޮންނާނީ ކައްޗަށޭ ބުނެއުޅޭ އުސޫލުން، އޭގެ ބިންގާ ރަނގަޅު ނުވުމުގެ ނަތީޖާއަކަށްވީ، 1932ގައި ތައާރުފުކުރެވުނު، ރާއްޖޭގެ ފުރުތަމަ ގާނޫނު އަސާސީ، އެ ތައާރުފުކުރެވުނުތާ އަށެއްކަ މަސްދުވަސް ފަހުން، ވީދާކުދިކުދި ކޮށްލުމެވެ. މިކަން މި ގޮތަށް ހިނގަން މެދުވެރިވީ، ގާނޫނު އަސާސީއެއް އެކުލަވާލެވެން ޖެހުނު ސަބަބު – ވެރިކަމުގެ އިސްސަފުތަކުގެ ތެރޭގައި ދެބަސްވުން ތަކެއް އުފެދުން -މިކަން މިނަންގަނެވުނު ގާނޫނު އަސާސީ މެދުވެރިކޮށް ހައްލު ނުކުރެވުމުންނެވެ. ވެރިކަމަށް ފައިނަންގަވައިގެން ތިއްބެވި ބޭފުޅުން – ޚާއްސަ ގޮތެއްގައި ޝަމްސުއްދީނު ރަދުންގެ ދަރިކަލުން – ވެރިކަން ކުރެއްވުމުގެ އެދުންފުޅު، ގާނޫނު އަސާސީއެއް އެކުލަވާލުމަކުން، ފިލައި ފޮހެވިގެން ނުދިޔުމެވެ. އަދި، ގާނޫނީ އިމުގެ ބޭރުން، ވެރިކަމަށް އެދި މަސައްކަތްކުރެއްވުމެވެ. އާޚިރު ނަތީޖާއަކަށްވީ އޭނާގެ ބައްޕާފުޅުގެ ރަސްކަމުގެ ނިމުން އައުމެވެ. އަދި، އެއާއެކު، އޭނާގެ ވެރިކަން ދަމަހައްޓަވަން ތައާރުފުކުރެއްވި ގާނޫނު އަސާސީވެސް، ވީދާލައި، އުވާލުމެވެ. އާދެ، އެ ރަސްގެފާނާ މެދު ނުރުހުންވި ނުރުހުންވުން ނިމިގެން ދިޔައީ އޭނާއާއެކު، ގާނޫނު އަސާސީ ވެސް، އެއީ އުސޫލެއްގެ ގޮތުން އެންމެ ރަނގަޅު އެއްޗަކަށް ވިޔަސް، ‘ގޮނޑަށް’ އެއްލާލެވިގެންނެވެ.
މިކަމުން ފެނިގެން މިދަނީ، ރައްޔިތުން ހޭލުންތެރި ނުވުމުގެ ހިތި ނަތީޖާއެވެ. ގާނޫނު އަސާސީއެއް އެކުލަވާލުމަކީ، ޝައްކެއްނެތް ގޮތުގައި، ރަނގަޅު، ހަރުދަނާ ފިޔަވަޅެކެވެ. ނަމަވަސް އެކަން ކުރަންވީ ގޮތަށް، ރައްޔިތުން އިސްނަގައިގެން، އެމީހުންގެ ފައިދާއާއި ލާބައަށްޓަކައި، އެމީހުންގެ ހައްގުތައް ލިބިދިނިމައްޓަކައި، އެމީހުންނަށް އަބުރުވެރި މައީޝީ ހަޔާތެއް ހޯދައި ދިނުމައްޓަކައި، ކުރެވުނު ކަމަކަށް ނުވީމައެވެ. އާދެ، އަޅުގަނޑުމެންގެ ކައިރި ސިޔާސީ މާޒީގައި އެޅުނު ފުރަތަމަ ހަރުދަނާ ފިޔަވަޅު ބޭކާރުވެގެން ދިޔައީއެވެ. ރައްޔިތުންގެ ހޭލުންތެރިކަން ނެތުމުންނެވެ.
ދެން އޮތް މިފަދަ ދެކަމުން ވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. އެއް ތަމްސީލެއް ކުޅެވޭ ތަނެވެ. އެކްޓަރު ބަދަލުކޮށްލައިގެންނެވެ. އާދެ، އަޅުގަނޑުމެންގެ ކައިރި ސިޔާސީ މާޒީގެ ދެވަނަ މުހިއްމު ހާދިސާއަށް، ވަރަށް ކުރުކޮށް ބަލާލަމާ ހެއްޔެވެ؟ 1953ގެ ޖަނަވަރީ މަހު ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަމުގެ މައްޗަށެވެ. ދިވެހި ތާރީޚުގެ އެވޭލާ ޒަމާނުއްސުރެ ފެށިގެން، އެބަހީ، ތާރީޚުގައި އެނގެން އޮތް އެންމެ އިހުއްސުރެން ފެށިގެން އޮތް ވެރިކަމުގެ ނިޒާމުކަމުގައިވީ ރަސްކަން އުވި، އެނިޒާމު، ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔުމެވެ. ރަސްކަމޭ ބުނުމުން، އިޝާރަތް ކުރެވެނީ ޚުދްމުޚްތާރު ވެރިކަމަކަށެވެ. ގާނޫނުތަކާއި ގަވާއިދުތަކަކީ ރަސްގެފާނުގެ ދޫފުޅުން ނިކުންނަ އެއްޗިއްސެވެ. މުޅި ދައުލަތުގެ ޚަޒާނާއަކީ ރަސްގެފާނުގެ ބާރާ އިޚްތިޔާރުގެ ދަށުގައި އޮންނަ އެއްޗެކެވެ. ހަމައެކަނި ރަސްގެފާނާއި ވެރިކަމުގެ އާއިލާގެ އަރާމާއި ފަސޭހައަށްޓަކައި ހޭދަކުރަން އޮންނަ އެއްޗެކެވެ. ރާއްޖޭގެ އެދުވަސް ވަރުގެ އާންމު މީހުންގެ ހާލަތަށާއި އަދި ރަށްރަށުގެ އިމްރާނީ ހާލަތަށް ބަލާލުމުން މިކަމުގެ ހެކިލިބޭނެއެވެ. އިންޓަނެޓުގެ ދިވެހި ތާރީޚާ ބެހޭ ސަފުހާތަކުން، 19ވަނަ ގަރުނާއި 20ވަނަ ގަރުނުގެ ކުރީކޮޅުގެ ބައެއް ފޮޓޯތައް ފެނެއެވެ. ދިވެހި ސަރުކާރުން ރާއްޖޭގެ އާންމުންގެ ހާލަތާއި ރަށްރަށުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތެއް ކުރެވިފައިވަނީ ކިހާ ވަރަކަށް މި ފޮޓޯތަކުން ލަފާކޮށްލެވޭނެއެވެ. މިފަދަ ސިފައެއްގައި ވެރިކަން އޮވެފައި، ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވުމުން، ހިތަށް ފެނިގެންދަނީ އާވެރިކަމުގެ ނިޒާމުގައި ޚުދްމުޚްތާރުކަން ނޯނާނޭކަމާއި، އެނިޒާމަކީ ހަމައެކަނި ރައްޔިތުންގެ މަންފާއަށްޓަކައި ގާއިމުކުރެވޭނޭ ނިޒާމެއްކަމެވެ. ނަމަވެސް ހަގީގަތަކީ މިއީތޯއެވެ؟
1953ގައި ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަންވެސްވީ ހަމައެކަނި އެންމެ މީހެއްގެ އެދުމެއްގައި ކުލަޖެހި ހިނގައި ދިޔަކަމަކަށެވެ. އާދެ، ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ގެންނެވި އަމީރު މުހައްމަދު އަމީނުގެ އެދުންފުޅެއް ކަމުގައެވެ. ވެރިކަމަކީ އޭނާ އެއާއިލާއަކަށް ނިސްބަތްވާ އަތިރީގެ އާއިލާގެ ވެރިކަމެއް ގާއިމުކުރަން ކުރެވުނު ކަމެއްކަމުގައެވެ. ޖުމްހޫރީ ވެރިކަމަކީ ކޮބައިކަމާއި އަދި އެކަމުން ރައްޔިތުންނަށް ފައިދާ ލިބޭނޭކަން ރައްޔިތުންނަށް ވިސްނިގެން ކުރެވުނު ކަމެއް ނޫނެވެ. ނަތީޖާއަކީ، އެތައް ދަތި އުނދަގޫތަކާ ރައްޔިތުން ކުރިމަތިލާން ޖެހުމެވެ. މީގެ ތެރެއިން ހިތާމައާއެކު، އެންމެ ބޮޑަށް، ފާހަގަކޮށްލަން ޖެހެނީ ބޮޑުތަދުގެ ވާހަކައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީގެ ތިންބައިކުޅަ ދެބައި މަރުވެ ދިޔަ ހިތާމަވެރި ހާދިސާއެކެވެ. މިސާލަކަށް މ.ނަލާފުށީގެ 900ގެ އާބާދީ، ބޮޑުތަދު ނިމުނުއިރު، 300އަށް ބަދަލުވެގެން ދިޔަ ވާހަކަ، ބޮޑުތަދު ތަޖުރިބާކުރެއްވި، އެރަށުގެ އިހުގެ ބައެއް ވެރިން ފާހަގަކުރެއްވިއެވެ. މިކަން މެދުވެރިވާން ދިމާވި މައިގަނޑު ސަބަބަކީ އޭރުގެ ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރަން ޖެހެއެވެ. އިޝްތިރާކީ (ސޯޝިއަލިސްޓު) ނިޒާމެއް ގާއިމުކުރުމައްޓަކައި، އަމިއްލައަށް ކާނާ އުފައްދަން ކުއްލި ގޮތަކަށް ނިންމި ނިންމުމާއެވެ. (މިއީ އިތުރު ދިރާސާއަކަށް ބޭނުންވާ މައްސަލައެކެވެ.) އުސޫލެއްގެ ގޮތުން، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ، ޝައްކެއްނެތް ގޮތުގައި ރަނގަޅުކަމެކެވެ.
ނަމަވެސް، މިކަން ހިންގާލަން އުޅުނީ އެންމެ ރަނގަޅު ގޮތެއްގައެއް ނޫނެވެ. އާދެ، އެކަމަށް ތައްޔާރުވާން އެއްވެސް ވަތުތެއް ނުދީ ހަމަ ކުއްލި ގޮތެއްގައެވެ. އެހެންވެ، މީސްތަކުން ބަނޑަށްޖެހުނީއެވެ. މިކަމުގެ ނަތީޖާއަކީ ފުރަތަމަ ޖުމްހޫރިއްޔާއަށް ވެސް، ފުރަތަމަ ގާނޫނު އަސާސީއަށްވީ ގޮތް ވުމެވެ. ވެރިކަމުގެ އާއިލާތަކުގެ ތެރެއިން، ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކުވެގެން، އާންމުންގެ ބަޔަކު ނެރެ، ގުޅަކުޅޭ ފަސްގަނޑުން އަމީރު އަމީން ދީދީގެ ވެރިކަން ވައްޓާލައި، ފުރަތަމަ ޖުމްހޫރިއްޔަތުގެ ނިމުން ގެނައުމެވެ.
އަނެއްކާވެސް ބުނަން ޖެހެނީ، ފުރަތަމަ ޖުމްހޫރިއްޔަތުވެސް ނިމުމުގެ މައިގަނޑު ސަބަބަކީ އާންމުން ހޭލުންތެރި ނުވުމުވެ. އަދި، އާންމުންގެ ހާލަތު މިފަދަ ގޮތެއްގައި އޮތުމުން، ވެރިންނަށް އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ މަގުފަހިވުމެވެ. ވެރިން ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ފަދަ ގޮތަކަށް އަމަލުކުރިޔަސް، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން އިލްމީ ސިފައެއްގައި އެކަމާ މެދު، އެއްޗެއް ބުނުމުގެ ގާބިލުކަން ނެތުމެވެ. އަދި، އެފަދަ ވާހަކައެއް ބުނުމުގެ ފުރުސަތުވެސް ނެތުމެވެ. މިފަދަ ހާލަތެއްގައި އާންމުން ތިބުމުން، އެމީހުންނަށް ތައުލީމެއް ދީގެން އެމީހުންގެ ނުދަންނަކަން ދަންނަކަމަށް ބަދަލުކޮށް، އެމީހުން ހޭލުންތެރިކުރުމުގެ ބަދަލުގައި، އެމީހުންގެ ނުދަންނަކަމުން، ނާޖާއިޒު ފައިދާ ނަގައި، އާންމުންގެ ނަމުގައި ވެރިންނަށް ބޭނުން ކަމެއް ކުރެވޭ ގޮތް ވަނީއެވެ. އާންމުންނަށް ކުރިމަތިލާން ޖެހުނު ބޮޑެތި ދަތިތަކާ އަދި، ވެރިކަމުގެ އާއިލާތަކުގެ ތެރެއިން އަލަށް ނިކުތް ޒުވާނުންގެ ކިބައިގައި ރައީސް އަމީނުގެ މައްޗަށް އުފެދުނު ވަރުގަދަ ނުރުހުން ވެގެން ދިޔައީ ފުރަތަމަ ޖުމްހޫރީ ވެރިކަން، ޣައިރު ގާނޫނީ ސިފައެއްގައި، ގުޅަކުޅޭ ފަސްގަނޑަށް ނިކުތް ބަޔަކުގެ ބަހަށް، ވަރަށް ވެސް އަނިޔާވެރި ގޮތެއްގައި ނިމިގެން ދިޔުމެވެ. ވެރިކަން ނިމުމަށް ދިމާވި ހާދިސާތަކުގައި، ރައިސް އަމީނަށް ވަރަށް ބޮޑަށް އަނިޔާވެ، އެ އަނިޔާތަކުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަމީން އަވަހާރަވީއެވެ. އަދި، އެ ހިސާބުން، ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމި، ރަސްކަން އަލުން އިއާދަވީއެވެ.
ދެން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނާ ދާދި ކައިރިން އިހަށް ދުވަހު ފެނިގެންދިޔައީ އަޅުގަނޑުމެންގެ ކައިރި މާޒީގެ ސިޔާސީ ހަޔާތުގެ މުހިއްމު ތިން ވަނަ ހާދިސާއެވެ. އާދެ، 2008ގައި ތައާރުފުވެގެންދިޔަ ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމެވެ. ކުރީ ދެ ހާދިސާއާއެކޭ އެއްފަދައިން، މިފަހަރުގެ ވެސް މައިގަނޑު އަމާޒަކަށްވީ ރައްޔިތުންގެ ހެވާ ލާބައެއް ނޫނެވެ. ތަރައްގީގެ އަމާޒަކީ ރައްޔިތުން ކަމަށް ބަލައި ރައްޔިތުންގެ މައީޝީ ހަޔާތް އިސްލާހުކުރުމެއް ނޫނެވެ. ވެރިކަމުގައި ދިގު މުއްދަތެއް ވަންދެން އެކަކު ހުރެ، އެ ވެރިކަން މަތިން ގިނަ ބަޔަކު ފޫހިވުމެވެ. އެކަން ދިމާވީ، ތިރީސް އަހަރަށް ދިގުދެމިގެން ދިޔަ އެވެރިކަމުގައި، ކުރިން ފާއިތުވެ ދިޔަވެރިކަމުގައި ނުޖެހޭހާ ބޮޑަށް ‘ޖާހިލިއްޔަ’ އަސަރުތަކެއް ލަށް ޖެހުމެވެ. ފަސާދަ އާންމުވެގެން ދިޔުމެވެ. ސަރުކާރުގެ މުއައްސަސާތަކުގައްޔާއި އަދި ވުޒާރާތަކުގައެވެ. ބޮޑެތި ޚިޔާނަތްތައް، އެކަމުގައި ވެރިކަމާ އާއިލީ ގޮތުން ގުޅޭ ބަޔަކު ޝާމިލުވުމުން އެފަދަ ކަންކަން މައްސަލައަކަށް ނުވުމެވެ. މިސާލަކަށް އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލަ ހަނދާނަށް ގެންނާށެވެ. ދައުލަތުގެ ބޮޑެތި ބޮޑެތި ކުންފުނިތައް ބަނގުރޫޓުވެ، މިއިން އެއްވެސް ކަމެއް ތަހުގީގު ނުކުރެވިދިޔަ މައްސަލަތައް ހަނދާނަށް ގެންނާށެވެ. އެއްދުވަސް ވަރެއްގައި މުޅި ދެކުނު އޭޝިޔާގައި މަޝްހޫރުވެގެން ދިޔަ ދިވެހި ޝިޕިން ކުންފުންޏެވެ. ދިވެހި އެއާރލައިންއެވެ. މީގެ އިތުރުން، ޝަރުއީ ނިޒާމު ފުނޑުފުނޑުވެގެން ދިޔުމެވެ. ގާޒީންނާއި ވަކީލުންނާއި ޚަސްމުން އެއްބައިވެ، ރިޝްވަތުގެ ފައިސާ ނަގައި މައްސަލަތައް ނިންމުމެވެ. އާދެ، 1978ގައި އާ ވެރިކަމެއް އައި އިރު، ރާއްޖޭގެ ޝަރުއީ ނިޒާމަކީ އާންމުންގެ އިތުބާރު އޮތް ނިޒާމެކެވެ. ދޮގު ހެކި ދިނުމާއި ރިޝްވަތުދީ ހިފުމުގެ ފަސާދައިގެ އަމަލެއް އެ ނިޒާމުގައި އެއިރަކުނެތެވެ. މިވާހަކަތަކަށް އިޝާރަތްކޮށް އެދުވަސް ވަރު ރާއްޖެ ވަޑއިގެންނެވި މަޝްހޫރު އިލްމުވެރިއެއްކަމަށްވާ މައުލާނާ ވަހީދުއްދީން ޚާން ލިޔުއްވައި ފާހަގަކުރައްވާފައިވެއެވެ. މިލިޔުމުގެ ދިވެހި ތަރުޖަމާއެއް އެދުވަސް ވަރުގެ ފަތްތޫރައިގެ ނަމްބަރެއްގައި ޝާއިއުކުރެވުނެވެ.
ކޮންމެ އަކަސް މިނަންގަތް ފަދަ ‘ޖާހިލިއްޔަތުގެ އަސަރު’ ވެރިކަމުގައި ވަރުގަދައަށް އަށަގަނެފައިވުމުން 2008ގައި އެންމެ ބޮޑު އެދުމަކަށްވީ އެ ވެރިކަން ބަދަލުކުރުމެވެ. ފަހަރެއްގައި ވެސް، ގައުމުގެ މައްސަލަތައް ހައްލުކުރާނީ ކިހިނެއްކަން ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާލުމުގެ ބޭނުމެއް އޮތް ކަމަކަށް ފެނިގެން ނުދެއެވެ. އެ ހިސާބަށް އައިރު އަލަށް ހެދުނު ގާނޫނު އަސާސީ ވެސް ހެދުނީ، ގައުމުގެ މަސްލަހަތު އިސްކޮންގެންނޭ ބުނެވޭކަށް ނެތެވެ. މި ގާނޫނު އަސާސީ އެކުލަވާލުމުގައި، އޭރުގެ ސަރުކާރުގެ އަމާޒުފަތްގަނޑަކަށްވީ، އެކަން ވެވުނު ވަރަކުން ދިގު ދެއްމުމެވެ. އޭރު އޮތް ސަރުކާރު، ވީހާ ވެސް ދިގު މުއްދަތަކަށް ދަންމާލުމުގެ ދަހިވެތި އެދުމުގައެވެ. މިކަމުން، ގައުމަށް ދިމާވާ އުނިކަމުގެ އަސަރަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. ފަސާދައާއި ޝަރުއީ ނިޒާމު ހަލާކުކޮށްލުންވެސްވީ ވެރިކަން ދެމެހެއްޓުމައްޓަކައި ހަމަ އެންމެ ރަނގަޅު ކަންކަމަށެވެ. މީގެ އިތުރުން އެހިސާބަށް އައި އިރު، ވެރިކަމުގައި އަށަގަންފައި އޮތް ތަރަފު ދިރިއުޅުން ވެސް ކޮންމެހެން ދަމަހައްޓަން ޖެހުނެވެ. ތަނުގައި ފައިސާ ހުސްވެ ދަރަނިވެރިވުމުން، ތަނުގެ ހަރުމުދާތައް ވިއްކަން ފެށުނެވެ. ރަށްތަކާއި ފަޅުތައް ވެސް މެއެވެ. އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒުފަތްގަނޑަކަށް ވެފައިއޮތީ ވަކި މީހަކު ވެރިކަމަށް ނާދެވޭ ގޮތެއް ހެދެން އޮތް ނަމަ، އެ ގޮތެއް ހެދުމެވެ. ފާހަގަކޮށްލަން ބޭނުންވާ މުހިއްމު ނުކުތާއަކީ މި އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް، އިސްކުރެވުނީ އާންމު ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ޖަމާއީ ހަޔާތުގެ މަސްލަހަތެއް ނޫނެވެ.
ކޮންމެ އަކަސް، 2008ގެ ރިޔާސީ އިންތިޚާބު ވެގެން ދިޔައީ ގިނަ ޕާޓީތަކެއް ބައިވެރި ވެގެން ހިންގާލެވުނު އިންތިޚާބަކަށެވެ. އަދި، ގިނަ ބައެއްގެ އެދުމާ އެއްގޮތަށް 30އަހަރުގެ ވެރިކަމަކަށް ނިމުން ގެނެވުނެވެ. ދެން، ފެނިގެން ދިޔައީ ކޮން ކަމެއް ހެއްޔެވެ؟ 1932ގައި އަލަށް ގާނޫނު އަސާސީއެއް އެކުލަވާލެވިގެން ވެރިކަން ފެށުނުއިރު ވެރިކަން އޮތް ގޮތާއި އަދި 1953ގައި ފުރަތަމަ އަލަށް ޖުމްހޫރިއްޔަތެއް ގާއިމު ކުރެވިގެން އައި ވެރިކަމާއި މާ ބޮޑު ތަފާތު ގޮތަކަށް އޮތް ވެރިކަމެއް ނޫނެވެ. ނަމެއްގައި ޑިމޮކުރަސީއެއް އޮތެވެ. ހަގީގަތް އޮތީ ހަމަ ކުރިއެކޭ ވެސް އެއް ގޮތަށެވެ. ވެރިކަމުގެ ބާރު، މަޑު މަޑުން ނަމަވެސް، އެކެއްގެ މުށު ތެރަށް ގެނައުމުގެ ސަގާފަތެވެ. ތަފާތު ކުލަތަކުން އެކުލެވުނު ސަރުކާރު، އެއް ކުލައަކަށް ބަދަލުވެގެންދިޔަ ތަނެވެ. ޑިމޮކުރަސީ ނިޔާކުރާ ފަދައިން، އާންމުންގެ ޝުއޫތުރަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، ތަނުގެ އާންމު އާދަކާދަތަކާއި ސަގާފަތަށާއި އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް ބެލުމެއް ނެތި، ޚުދުމުޚްތާރު ސިފައެއްގައި، ކަންތައްތައް ކުރަން ފެށުމެވެ. މާލޭ ތެރޭގައި އާންމުކޮށް ރާ ވިއްކުން ތައާރުފުކުރަން އުޅުމެވެ. އެއާޕޯޓު، ޣައިރު ގާނޫނީ ސިފައެއްގައި، ރާއްޖެއަށް މާބޮޑު ފައިދާއެއް ނުލިބޭ ގޮތެއްގައި، ބޭރު ބަޔަކަށް ދިނުމެވެ. ޝަރުއީ ދާއިރާއާ ކުޅެވޭ ގޮތް ނުވުމުން، ކޯޓުތަކުގައި ތަޅުއަޅުވައި، ގާޒީން ވަގަށް ނެގުމެވެ. މީގެ އިތުރުން، ވެރިކަން ދެމެހެއްޓުމުގެ އެދުމުގައި، ބޭރު ސިފައިން ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތްވެސް ފެށުމެވެ. މިހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ވެރިކަމުގެ ދައުރު ހަމަ ނުވަނީސް، 2008ގައި ގާއިމުކުރެވުނު ވެރިކަން، އެއްބަޔެއްގެ ނަޒަރުގައި، އިސްތިއުފާއަކުން، އަނެއް ބަޔެއްގެ ނަޒަރުގައި ބަޣާވަތަކުން، ނިމުމަކަށް އައުމެވެ. އާދެ، 1932ގައި ތައާރުފުކުރެވުނު ގާނޫނު އަސާސީ އާއި 1953ގައި ތައާރުފު ކުރެވުނު އާ ޖުމްހޫރިއްޔަތުވެސް ފޭލިވެގެން ދިޔަ ފަދައިން 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީވެސް ފޭލުވީއެވެ.
ދެން، މިއަދު، އޭގެ ފަހުން މިވީ ދިހަ ބާރަ ވަރަކަށް އަހަރު ދުވަސް ފަހުން، އަނެއްކާ ވެސް ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާ އިރު، ގައުމުގެ ޖަމާއީ ހަޔާތަށް ނަޒަރު ހިންގާލާއިރު ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ފަސާދައިގެ އަމަލުތައް އިންތިހާއަށް ގޮއްސައިވާ ތަނެވެ. އެމް.ޕީ.ރާ.ސީ.ގެ މައްސަލަ ހިތަށް ގެންނާށެވެ. ދެންވެސް، ސަރުކާރުގެ ރަސްމީ އިދާރާތަކުގައި ކަންކުރެވެން އޮންނަ ގޮތުގެ މައްޗަށް ބަލާލާށެވެ. ‘ކަޓެއް ނުދީ’ އެއްވެސް ކަމެއް ނުވެއެވެ. ކޯޓުތަކުގައި ރިޝްވަތު ދިނުމާއި ހިފުން އޮތީ އާންމުވެ، އެއީ ހަމަކަމުގައި ވެފައެވެ. ކުށްކުރުމުން ކުށްވެރިވަނީ ވަކި ބަޔެކެވެ. މައްސަލަތައް މައްސަލައަކަށް ވަނީ ވަކި ބަޔަކު އެކަން ކުރުމުންނެވެ.
ދާޚިލީ ފަސާދައާ ހަމައިން ތަނުގެ ހުރި މައްސަލަތައް ނިމޭ ނަމަ ވެސް ރަނގަޅޭ ބުނެވިދާނެ ކަންނޭނގެއެވެ. ނަމަވެސް، 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ ވެގެން ދިޔައީ ގައުމުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު ބާރުތައް ވެސް ވައްދަން ލިބުނު ފުރުސަތަކަށެވެ. އަދި، މިކަން ގާނޫނީ ސިފައެއްގައި ކުރެވުމެވެ. ވޯޓު ގަނެގެން، އެއްވެސް އަޚުލާގީ ހަމައެއް ޒަމީރެއް ނެތް އެތައް ބަޔަކު، ޕާޓީތަކުގެ ނަމުގައި ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލައި، އެފަދަ މީހުންނަށް މެމްބަރުކަން ލިބުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ޑުރަގު މަސްރަހުންނާއި ޖަލުތަކުން ތަމްރީނު ލިބިގެން، މަޖުލީހުގެ މެމްބަރުކަމުގެ ގާބިލިއްޔަތު ހޯދައިފައިވާ މެމްބަރުން ވެސް ހިމެނެއެވެ. މިފަދަ ބަޔަކަށް މީގެ ކުރިން، މެމްބަރުކަން ލިބުމަކީ މުސްތަހީލުކަމެކޭ ވެސް ބުނެވިދާނެއެވެ. މިފަދަ މެމްބަރުން ހޮވި، ޕާޓީ ބުނާ ގޮތް ހަދައި، ބޭރުގެ ބާރުތަކުގެ މަރުކަޒުތައް އެކިއެކި ނަންނަމުގައި ރާއްޖޭގައި ގާއިމު ކުރެވެމުންދަނީއެވެ. އާންމު ރައްޔިތުންގެ އެތައް ބަޔަކު މިކަމާ ނުރުހުނު ކަމުގައި ވިޔަސް ވެހެވެ. އެހެން ވިޔަސް، ތަނުގައި އޮތީ ޑިމޮކުރަސީއެކޯލައެވެ. އާންމު ރައްޔިތުންގެ ޝުއޫރުތަކަށް އިހުތިރާމު ކުރަން ނުޖެހޭ، އާ ފާޑެއްގެ ޑިމޮކުރަސީއެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ދަރަނީ، އިހުނާ އަޅާ ބަލާއިރު، އޮތީ އިންތިހާއަށް ބޮޑުވެ، ދަރަނި ދެއްކުމުގެ އެކަށޭނަކަން ވެސް ވަރަށް ބޮޑު ތަނުން ކުޑަވެފައެވެ. ސީ.ސީ.ސީ.ގެ ދަރަޖަ ލިބި، ދަރަނިދޭން ތިބި ފަރާތްތަކަށް ދަރަނި ނުދޭން ނުސީދާ ގޮތެއްގައި އިޝާރަތްކުރެވިފައެވެ. މިހެން ވުމުން، ކުރީގެ ސަރުކާރު ނުވަތަ ޗައިނާގެ ބޮލުގައި މިފަހަރު މިކަން އެޅުވޭ ގޮތެއް ނެތެވެ. ދެން އިވެން ފެށީ އެއީ ހަގީގަތެއް ނޫންކަމޭ ބުނެ ގޮވާ ތަނެވެ. މެންދުރުގެ އިރު އެއީ އިރެއް ނޫނޭ ބުނުން ފަދަ ގޮވުމެކެވެ. ނަމަވެސް، މިކަން ވެސް ގަބޫލުކުރާނޭ އެތައް ބަޔަކު އުޅޭނެއެވެ. ކޮންމެހެން އެއީ ތެދުކަމަށް ވެގެންނެއް ނޫނެވެ. ޕާޓީއަކީ ތިމާގެ ދީނަށްވެ، ޕާޓީގެ ވެރިންނަކީ ތިމާ އެބޭކަލުންނަށް އީމާންވާ ރަސޫލު ބޭކަލުންކަމުގައި ބެލެވިފައިވާތީއެވެ. އާދެ، 2008ގައި އަޅުގަނޑުމެންނަށް ތައާރުފު ކުރެވުނު ޕާޓީ ޑިމޮކުރަސީ ގެނެސްދިން ހެޔޮވެރިކަމާއި ތަރައްގީއަކީ މިއެވެ. ތަން އިތުރަށް ފަސާދަކޮށްލުމާއި، ދަރުވާލުމެވެ. އަދި، ތިމާމެންގެ އަމިއްލަ ގައުމުގެ މީހުންނަށް ފާޚާނާ ނިޒާމެއް ގާއިމުކޮށް ތިމާމެންގެ އަމިއްލަ ގައުމު ތަރައްގީ ނުކުރެވުނު ބަޔަކީ، ދިވެހި ރާއްޖެ ތަރައްގީކުރާނޭ ބަޔެއް ކަމުގައި ދުށުމެވެ!
މިފަދައިން ކަންތައް ވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟ އާދެ، މި މިއަދު، ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއީ ކޮންމެ އާންމު ރައްޔިތަކު ކޮށްލަން މުހިއްމު ސުވާލެކެވެ. މީގެ ޖަވާބުކަމުގައި އިވެނީ، ހަމަ 1932ގެ ގާނޫނު އަސާސީއާއި 1953ގެ ޖުމްހޫރިއްޔަތު ފޭލިވެގެން ދިޔަ ސަބަބެވެ. އާންމު ރައްޔިތުން، ސިޔާސީ ގޮތުން، ތަސައްރުފު ނުފުދިވުމެވެ. ހޭލުންތެރިވާންވީ ވަރާ ގާތަށް ވެސް ހޭލުންތެރިވެފައި ނުވުމެވެ. އިންޑިޔާއަކީ ރާއްޖޭ ތަރައްގީ ކުރާނޭ ބަޔެކޭ ބުނުމުން އެކަން ގަބޫލުކުރެވެނީ އެހެންވެގެންނެވެ. ހަތްދިހަ އަހަރުވީ އިރު، ތިމާމެންގެ އަމިއްލަ ގައުމަށް ނުގެނެވުނު ތަރައްގީއެއް އެހެން ގައުމަކަށް ގެނެސްދާނޭކަން، ސިޔާސީ ތަސައްރުފެއް އޮވެ، ހޭލުންތެރިކަން ލިބި، އަމިއްލަ މުސްތަގިއްލު ވިސްނުމެއް އޮތް ބަޔެއް، ގަބޫލުކޮށްފާނެ ހެއްޔެވެ؟
އާދެ، މިއަދު އަނެއްކާ ވެސް މިދަނީ ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންނެވެ. މިކަން ފާހަގަކުރަމުންދާއިރު، އަޅުގަނޑަށް ހީވާގޮތުގައި މަތީގައި ބަޔާންވެ ދިޔަ ތާރީޚީ ތިން ހާދިސާ ފާހަގަކޮށް، އެކަންކަން މަތިން ހަނދާން ކުރަން ޖެހެއެވެ. މިތިން ހާދިސާއަކީވެސް ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި އޮތް ތިން ހާދިސާއަށްވާތީއެވެ. 1932ގައި ތައާރުފުކުރެވެނު ފުރަތަމަ ގާނޫނުއަސާސީ، ވެގެން ދިޔައީ 1953ގައި އަލަށް ޖުމްހޫރިއްޔަތެއް ގާއިމުވެ ދިޔުމުގެ މަގުފަހިވުމާއެވެ. އަދި، މިކަން ވެގެން ދިޔައީ 1968ގައި ދެވަނަ ފަހަރަށް ޖުމްހުރީ ވެރިކަމެއް ގާއިމުކުރެވުމާއެވެ. ދެން، މިކަމަށް އެންމެ ފަހުން، ޖައުހަރީ ބަދަލެއް އައީ 2008ގައި ތައާރުފުކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމު ތައާރުފުކުރެވުމުންނެވެ. ނަމަވެސް، ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ މިހުރިހާ ކަމެއް ވެސް ފޭލުވިކަމެވެ. 2008ގައި ތައާރުފުކުރެވުނު އާ ނިޒާމު އުވި ނުގޮސް އޮތް ކަމުގައި ވިޔަސް، އެ ނިޒާމުގެ ސަބަބުން، ރާއްޖެއަށް، ނުވަތަ އާންމު ރައްޔިތުންގެ މައީޝީ ހަޔަތަށް، މާ ބޮޑު، ހެޔޮ ބަދަލެއްއައެކޭ ބުނެވޭކަށް ނެތެވެ.
މިހާދިސާތައް މަތިން، އާންމު ރައްޔިތުން ހަނދާންކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟ އެކަންކަން ފޭލިވެގެން ދިޔަ މައިގަނޑު ސަބަބުކަމުގައި އާންމު ރައްޔިތުންނަށްވީތީއެވެ. އެކަންކަން ކާމިޔާބުވާން އޮތް މައިގަނޑު ސަބަބަކީ އާންމު ރައްޔިތުންގެ ހޭލުންތެރިކަމެވެ. ގައުމުގެ މުޖުތަމައީ މައްސަލަތަކާ މެދު މުސަތަގިއްލު ގޮތެއްގައި ވިސްނަން ދަސްކުރުމެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ސިޔާސީ ނިޒާމެއް ކާމިޔާބުވުން ބިނާވަނީ ރައްޔިތުންނާއި އަދި ވެރިންގެ ވެސް މަސައްކަތުންނެވެ. މިކަން ފެށެނީ، އެންމެންވެސް، ތިމާމެންގެ ދައުލަތަށް ތެދުވެރިވެ އިޚުލާސަތެރިވެގެންނެވެ. އަދި، ތިމާމެންގެ މުޖުތަމައީ ތަރައްގީގެ މަސައްކަތުގެ އަމާޒަކީ ތަނުގެ އާންމު ރައްޔިތުންކަމަށް ހަދައި، ތިމާމެން އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން، އެއީ ތިމާމެންނަށް ކުރެވިދާނޭ ކަމެއްކަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެ މަސައްކަތް ކުރުމުންނެވެ. މިކަން ކުރުމަށް، ގައުމަށް ތެދުވެރި އިޚުލާސްތެރި ލީޑަރުންތަކެއް ބޭނުންވާ ފަދައިން، ހޭލުންތެރި، އަމިއްލައަށް ވިސްނަން އެނގޭ ތައުލީމީ ރައްޔިތެއްވެސް ބޭނުންވެއެވެ. ގައުމަށް ތެދުވެރި އިޚުލާސްތެރި އަދި ގާބިލު ލީޑަރުން އުފެދޭނީ، އަމިއްލައަށް ވިސްނަން އެނގޭ ތައުލީމީ، މަސައްކަތްކުރަން ކެރޭ، ރައްޔިތެއް އުފެދިގެންނެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތުގައި ޖުމްހޫރީ ދުވަހު ހަނދާންކޮށްލުން ވަރަށްވެސް މުހިއްމު ވާހަކައެކެވެ. މި މަގުސަދު ހާސިލުވޭތޯ މަސައްކަތްކުރުމައްޓަކައެވެ.


