ފަސާދަ އާންމު ވުމުން ….

ރިޕޯޓް އިޖުތިމާޢީ ފަހުގެ

އެއްދުވަހަކު ބޭންކު ފޭރޭ ދެ ބޭން ވެގެން ބޭންކަކަށް ވަދެ، ބޭންކުގައި ތިބި އެންމެނަށް އެންގިއެވެ. މިއީ ބޭންކުން ވައްކަންކުރުމުގެ އަމަލިއްޔާއެކެވެ. އަހަރުމެން ވަގަށް މިނަގަނީ ދައުލަތުގެ ފައިސާއެވެ. ކަލޭމެންނަށް މުހިއްމު ވާން ޖެހޭނީ ކަލޭމެންގެ ފުރާނައެވެ. އެހެންވެ، ކަލޭމެންގެ ފުރާނަ ރައްކާކުރުމުގައި މަޑުންތިބޭށެވެ. އެކަކުވެސް މޮޔަވެ، އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަނޭޅުން ބުއްދިވެރިއެވެ. އަހަރުމެން އަތުގައި ބަޑީގެ ހަތިޔާރު ހުރިކަން ކަލޭމެންނަށް އެބަ ފެނޭނޫން ހެއްޔެވެ؟ އެ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ތަނެއްގައި އެ ހަތިޔާރު ބޭނުންކުރާނަމެވެ.

ދެން ދެބޭން ވެގެން އެ ބޭންކު ފޭރުނެވެ. އަދި، ބޭންކުން ފޭރުނު ފައިސާ ހިފައިގެން ގެއަށް ދިޔައެވެ. ދެން، އޭގެ ތެރެއިން ހަގު ކަލޭގެ ބުންޏެވެ. ފައިސާތައް ގުނަމާ އަންނާށެވެ. ދެން، ދޮށީ ކަލޭގެ ޖަވާބުގައި ބުންޏެވެ. މިއަދު ލައްކަ ފައިސާ ލިބުނެވެ. އެ ފައިސާ ގުނަން ވެއްޖެ ނަމަ މުޅި ހަތަރު ދަމު އުޅެން ޖެހޭނީ އެގުނުމުގައެވެ. އެހެންވެ، އެކަމާ އުޅޭނިކަމެއް ނެތެވެ. މިރޭ ޚަބަރުގައި އަހަރުމެން ނެގި އަދަދުގެ ވާހަކަ ކިޔާނެއެވެ. އޭރުން އަހަރުމެންނަށް ލިބުނީ ކިހާ ފައިސާއެއްކަން އެނގޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފައިސާ ފޭރިގަނެގެން ދެބެއިން ދިޔުމުން، ސުޕަވައިސަރު ގެނެއްސައި، ބޭންކުގެ މެނޭޖަރު ބުންޏެވެ. ގެއްލުނު ފައިސާގެ އަދަދާއި އަދިވެސް އެހެނިހެން މައުލޫމާތު ފުލުހުންނަށާއި ޚަބަރު ފަތުރާ ވަސީލަތްތަކަށް އަންގާށެވެ. ދެން، ސުޕަވައިސަރު ބުންޏެވެ. ފޭރޭ މީހުން ގެންދިޔައީ އެންމެ ދެ މިލިޔަން ޑޮލަރެވެ. އަހަންނަށް ފެންނަނީ ދިހަ މިލިޔަން ޑޮލަރު ފޭރޭ މީހުން ގެންދިޔަކަމަށް ރިޕޯޓުކުރަމަށެވެ. އޭރުން އަހަރުމެންނަށް އަށް މިިލިޔަން ޑޮލަރު ލިބުނީއެވެ. މީހަކަށް ހަތަރު މިލިޔަން ޑޮލަރުން ދެބަޔަށް ބަހާލާނީއެވެ.

ދެން، ސުޕަވައިސަރު ބޭންކުން ދިހަ މިލިޔަން ގެއްލުނު ކަމަށް ރިޕޯޓުކުރިއެވެ. އަދި، އެއްވެސް، ފިކުރެއް، ކަންބޮޑުވުމެއް ނެތި ބޭންކުން އަށް މިލިޔަން ނަގައި އޭނައާއި މެނޭޖަރަާ ދެމީހުންގެ މެދުގައި ހަމައަށް ބަހާލިއެވެ.

މިވާހަކަ ކިޔާލުމުން ހަނދާންނަށް އައީ މި ދޭތެރެއިން ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ޚިޔާނަތުގެ މައްސަލައެއްގެ ވާހަކައެވެ. ދަތުރު ފަތުރާ ބެހޭ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެ ކުންފުނިނީގެ ޚަޒާނާއިން ފައިސާތަކެއް ނަގައި ޚިޔާނަތްތެރިވި ވާހަކައެވެ. ކަންކަން ކުރާއިރު، އެކަން ކުރާ ތަނުގެ ބައެއް ‘ފާރުތަކަށް’ އެކަންކަން ފެންނާނެތާއެވެ. އެފަދަ ފާރުތައް ޚަބަރުދޭ ގޮތުގައި އެ މުވައްޒަފަކު ތިން މިލިޔަން ޑޮލަރު ނަގައި ޚިޔާނަތްތެރިވި ކަމަށް ވެއެވެ. މިތަނުގައި މުހިއްމީ ސީދާ އަދަދެއް ނޫނެވެ. ބޮޑު އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވިކަމެވެ. އަދި، މިކަން މިހަގަނީ ދެންމެ މިބުނި ބޭންކު ފޭރުމާއި އަދި، ފުރުސަތު ބޭނުންކޮށް، ބޭންކުގެ މެނޭޖަރާއި އަދި ސުޕަވައިސަރާ ދެމީހުން ވެގެން އެކަމުގެ ނާޖާއިޒު ފައިދާ ނެގިފަދައިންނެވެ.

https://mihaaru.com/news/83123

މުޅި ތަނުގައި ވައްކަމާއި ޚިޔާނަތުގެ އަމަލުތައް އެންމެ އިސް ސަފުތަކުގައި އާންމު ވެފައިވާ ކަމަކީ މިހާރު އެކަމަށް ހެކި ބޭނުންވާ ކަމެއް ނޫނެވެ. ސަބަބަކީ، ފަސާދައާއި ޚިޔާނަތުގެ މައްސަލައަކީ އެހާ ވެސް އާންމު ކަމަކަށް ވެފައި އޮތުމެވެ. މީގެ އިތުރުން، ބޮޑެތި ޚިޔާނަތުގެ މައްސަލަތަކަކީ އެކަންކަން ރަނގަޅަށް ބަލައި ތަހުގީގުކޮށް އެކަމުގަައި ޝާމިލުވާ އެންމެންނަށް އަދަބު ދެވޭ ކަންކަމެއް ނޫނެވެ. އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލައަށް ބަލާލާށެވެ. އެމް.ޕީ.ރާ.ސީ.ގެ ޚިޔާނަތުގެ މައްސަލައަށް ބަލާލާށެވެ. މިކަމުގައި ބެދޭ ބަޔަކު ބެދެނީ ޚިޔާނަތުގެ މައްސަލަ މައްސަލައަކަށް ވެގެންނެއް ނޫނެވެ.މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހަކީ ސިޔާސީ ގޮތުން ނުރައްކަލެއް އޮތް ކަމަށް ބެލެވޭ މީހަކަށް ވުމުންނެވެ. އެހެން ނޫން ނަމަ، އެމިހުން މިނިވަނުންގެ ގޮތުގައި ނޫނީ ގޭ ބަންދުގައި އަރާމުކޮށް ހަމަޖެހިލައިގެން އުޅުމުގެ މަގު ފަހިވެފައި އޮވެއެވެ. އަދި، އެކަން ތަބުރީރުކުރާނޭ ބަހަނާތައް ވެސް ރަސްމީ ފަރާތްތަކުން ބުނެދެއެވެ.

ކޮންމެ އަކަސް، ތަނުގައި ޚިޔާނަތާއި ބޮޑެތި ވައްކަންތަކުގެ މައްސަލަ، މިފަދަ ހާލަތަކަށް ގޮއްސައި އޮތުމުން، މިކަމަކީ އެންމެނަށް ވެސް ފެނި އެނގޭކަމަކަށް ވެއެވެ. އަދި، އެކަމާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅިފައި އޮންނާތީ އެކަމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ވެދެއެވެ. އެކަމާ، އިންކާރުކުރެވޭ ފަހަރު، އިންކާރު ކުރެވެނި އެކަން ގޯސްވެގެންނެއް ނޫނެވެ. ތިމާ ނުރުހޭ މީހާ އެކަން ކުރުމުންނެވެ. އަދި، ތިމާއަށް އެ ފުރުސަތު، އަދި، ލިބިފައި ނެތުމުންނެވެ. މީގެ އެންމެ ރަނގަޅު އެއް ހެއްކަކީ، މިވެނި ބަޔަކު މިވެނި ޚިޔާނަތެއްގެ އަމަލު ހިންގައިފިނަމަ، ވަރަށް ގިނަ ފަހަރުގެ ރައްދު ޖަވާބެއްގެ ގޮތުގައި އަޑު އިވެނީ އެވެނި ބަޔަކު ވެސް އެކަންކުރި ކަމުގެ ވާހަކައެވެ. މިވެނި ބަޔަކު ރާއްޖެ މިވެނި ބަޔަކަށް ވިއްކާލަނިއްޔޭ ބުނެފި ނަމަ، އިވެނީ އެވެނި ބަޔަކު ވެސް އެވެނި ބަޔަކަށް ރާއްޖެ ވިއްކާލަން އުޅުނު ނޫން ހެއްޔޭ ބުނާ ވާހަކައެވެ. ސީދާ އެކަމަށް ބަލައި އެކަމުގެ ރަނގަޅު ނުވަތަ ނުރަނގަޅު ކަނޑައަޅާ ލެވެނީ ވަރަަށް ވެސް މަދުންނެވެ.

ދެން، މިކަމުގެ ނަތީޖާއަކި ކޮބައި ހެއްޔެވެ؟ ބޭންކުގެ ސުޕަވައިސަރާއި މެނޭޖަރާއި ބޭންކުން ފޭރުނު ފޭނުމުގެ ފުރުސަތު ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގައި ބޭންކުން އަށް މިލިޔަން ޑޮލަރު ނެގިހެން، އިސް ސަފުތަކުގެ މަގާމުތަކުގައި ތިބި މީހުންގެ އިތުރުން، ތިރީ ސަފުތަކުގައި ތިބޭ މީހުން ވެސް ޚިޔާނަތުގެ އަމަލުތައް ހިންގައި ވައްކަންކޮށް ފަސާދައިގެ އަމަލުތައް ހިންގުމެވެ. ނޫސްތަކުގައި ރިޕޯޓުކުރެވުނު، ކުރިން ބަޔާންކުރި، ދަތުރުފަތުރާ ބެހޭ ކުންފުންޏެއްގައި މަސައްކުރި މުވައްޒަފު ތިން މިލިޔަނެއްހާ ޑޮލަރު ވަގަށް ނަގައި ޚިޔާނަތްތެރިވި ވާހަކައަކީ މިސާލެކެވެ. އަދި ވެސް، އިތުރު ވަރަށް ގިނަ މިސާލުތައް ފެނި އިވެއެވެ. ތަންތަނުން ލޭންދޭނަށް މުދާ ނަގަައި އެ މުދަލުގެ ބޭނުންކޮށްފައި ރާއްޖެ ދޫކޮށް ފިލުމެވެ. އެމް.ޕީ.އާރު.ސީ.ގެ ޚިޔާނަތުގެ މައްސަލައިގައި ޝާމިލުވާ ބައެއް މީހުން ވެސް ރާއްޖެ ދޫކޮށް ފިލިފަދައިންނެވެ. އަދި، އެކި ކަންކަން ކޮށްދޭން ބުނެފައި، ބޮޑެތި އަދަދުތަކުގެ ފައިސާ މީސް މީހުންގެ އަތުން އަތުލައި މަކަރު ހެދުމެވެ. މިފަދަ މީހަކު، ރައްޓެއްސަކަށް ކުލީތަނެއް ހޯދާދޭނަމޭ ބުނެ، ދެލައްކައެއްހާ ރުފިޔާ ނަގައިފައިވެއެވެ. އަދި، މި މި ޚާއިނުގެ މިފަދަ ފަނަރަ ވަރަކަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ވެއެވެ. މީގެ އިތުރުން، ފޭސްބުކް ފަދަ މީސް މީޑިޔާ ބޭނުންކޮށް، ދޮގު ހަދައި އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވެސް މިހާރު ވަރަށް އާންމު ކަމެކެވެ.

އާދެ، ޚިޔާނަތާއި ވައްކަން އެއީ ކަމަކަށް ނުވެ، އެފަދަ ބޮޑެތި ކުށްތަކަކީ މައްސަލައަކަށް ނުވުމުގެ ނަތީޖާއެވެ. އެންމެންވެސް، އެމީހަކަށް ލިބޭ ‘ރަނގަޅު ފުރުސަތު’ ބޭނުންކުރަނީއެވެ. ބޭންކުގެ ސުޕަވައިސަރާ މެނޭޖަރު، ބޭންކު ފޭރުނު މީހުންގެ ފޭރުމުގެ ފުރުސަތު ބޭންކޮށް، އެމީހުންވެސް ބޭންކުން ވައްކަން ކުރިފަދައިންނެވެ. ތަނުގެ އިސް ސަފުތަކުގައި ތިބި ‘ފޭރޭ މީހުން’ގެ ފޭރުމުގެ މައްސަލަ، މައްސަލައަކަށް ނުވުމުން، ތަނުގެ މީސްތަކުންގެ ޒަމީރު މަރުވެ، ދެން ތިބޭ ‘ސުޕަވައިސަރުންނާއި މެނޭޖަރުންނާއި’ އަދި އެނޫން މީހުންވެސް، އެމީހުންނަށް ލިބިފައި އޮންނަ ފުރުސަތެއްގެ ބޭނުންކޮށް ވައްކަމާއި ޚިޔާނަތުގެ އަމަލުތައް ހިންގަނީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ