ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 02 ޑިސެމްބަރ 2020 އާ ގުޅޭ)

“ފިލްމު އެޅީތަ؟” ލެޕްޓޮޕާއި ޕެންޑްރައިވެއް ހިފައިގެން އިޒާނީ ކޮޓަރިން ނިކުތެވެ. އަދި އައިސް ޒަޔާން ކައިރީގައި އިށީނެވެ. ޒަޔާންގެ ނަޒަރު ހުރީ ޓީވީއަށް ގެއްލިފައެވެ. އެހެންކަމުން އިޒާނީ އެބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އެންމެ ފިލްމެއްތަ އެޅީ؟” އިޒާނީ ބުނެލި އަޑު ޒަޔާންއަށް އިވުނެވެ. ޒަޔާން ބަލާލި އިރު އިޒާނީ އެ ޕެންޑްރައިވްގައި އިން ވީޑިއޯއަށް ފިތާލައިފިއެވެ. ޒަޔާންގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ދެލޯ ބޮޑު ވެގެންދިޔައެވެ. އޭނާ ވަގުތުން އިޒާނީ އަތުން ލެޕްޓޮޕް ޖަހައިގަތެވެ. އެއާއެކު އިޒާނީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ މޫނުމަތިން ފާޅުވެގެންދިޔައީ ހައިރާންކަމެވެ.

“ހަމަ ތާކުން އެއްޗެއް ފެންނަ އިރަށް އަތްލާން ޖެހޭތަ؟” ޒަޔާންގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ. އިޒާނީގެ ލެޕްޓޮޕް ލައްޕާުލުމަށްފަހު އޭގައި ޖަހާފައި އިން ޕެންޑްރައިވް ޒަޔާން ނައްޓާލިއެވެ. އިޒާނީއަށް އޭގައި އިން ފުޓޭޖް ފެނުނު ނަމަ ވާނެ ގޮތް ހިތަށް އެރުމުން ޒަޔާން އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ފަރުދާގެ ފުރަގަހުގައި އިޒާނީގެ ބައްޕަ ކުރަމުންދާ ހަޑި ހުތުރު އަމަލުތައް އޭނާއަށް އަންގަން ބޭނުން ނުވީއެވެ. ނަމަވެސް ހުރިހާ ކަމެއް އިޒާނީއަށް ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ.

“ޖީންސު ޖީބުގައޭ އޮތީ.. އެހެންވެ ހީކުރީ ފިލްމެއް އެޅީ ކަމަށް.” އިޒާނީ ބުނެލިއެވެ. އޭނާ ބުނި އެއްޗަކަށް ސަމާލުކަމެއް ނުދީ ޒަޔާން ހިނގައިގަތީ ކޮޓަރިއަށެވެ. އަލަމާރީގައި ތަޅުލެވޭ ގޮތަށް ހުރި ވަތްގަނޑަކަށް އެ ޕެންޑްރައިވް ލާފައި ވަތްގަނޑު ތަޅުލިއެވެ. އަދި އަލަމާރި ތެރެއިން ހާޑް ޑްރައިވެއް ނަގައިގެން ގޮސް އިޒާނީގެ އަތަށް ދިއްކޮށްލިއެވެ.

“މީގަ ހުންނާނެ ފިލްމް..” ޒަޔާން އިޒާނީގެ އަތަށް ހާޑް ޑްރައިވް ދިއްކޮށްލިއެވެ. “ވައިފައި ޕެކޭޖް ބޮޑުކޮށްލަންވީ ދޯ؟ އޭރުން ނެޓްފްލިކްސް ބެލޭނެ އެއްނު.” ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. ޒަޔާން ކޮންމެ ކަމެއްވެސް ކުރަނީ އިޒާނީ ދެކެ ލޯބިން ކަން އޭނާއަށް ހީވިއެވެ. ޒަޔާން ރުޅި އަންނަނީވެސް އިޒާނީއަށް އުޅެވޭ ގޮތުން ކަމަށް އޭނާ ނިންމިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ވިސްނައިގެން އުޅުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. ނަމަވެސް އޭނާއަށް ގިނަ ފަހަރަށް ޒަޔާންގެ ހިތުގައި އޮންނަ އެއްޗެއް ނޭނގެއެވެ. އެއްފަހަރު ލޯބިން ހިތް ފުރާލަދީފިނަމަ، އަނެއް ފަހަރު ހިތް ޒަހަމްކޮށްލައެވެ.

ޒަޔާން ޑިއުޓީއަށް ދިޔުމުން އިޒާނީ ސްކޫލުގެ ބައެއް މަސައްކަތްތައް ނިންމާލިއެވެ. އެގޮތުން އަންނަ ހަފްތާގެ ފިލާވަޅުތަކަށް ވާންޖެހޭ ތައްޔާރީތައް ވިއެވެ. ކުދިން ޝައުގުވެރިވާނޭހެން ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށް އިޒާނީ ހާއްސަ ސަމާލުކަމެއްދެއެވެ. އޭގެ ސަބަބުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިޒާނީ އަކީ ކުދިންގެ މެދުގައި މަގުބޫލު ޓީޗަރަކަށްވެސް ވެއްޖެއެވެ. މަސައްކަތްތައް ނިންމާލުމަށްފަހު އޭނާ ގަސްދުކުރީ ފިލްމެއް ބަލާލާށެވެ. އޭރު ހަވީރު ވެއްޖެއެވެ. ހަމަ އެވަގުތު އިޒާނީގެ ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ އިނާންއެވެ. ފޯނު ނުނަގަން އިދެފައިވެސް އޭނާ ފޯނު ނެގީ އިނާން އެ ގުޅަނީ މުހިންމު ކަމަކު ކަމަށް ހީކޮށެވެ.

“ހައި، އިޒާނީ.. ކީއްކޮށްލަނީ؟” އިޒާނީ ހަލޯއޭ ބުނުމާއެކު އިނާން ވާހަކަ ދައްކަން ފެށިއެވެ.

“ނުކުރަން ކަމެއް. ސަރ ކަމަކުތަ؟” އިޒާނީ އުޅުނީ އިނާން ގުޅީ ކީިއްކުރަންތޯ ބަލާ އަވަހަށް ފޯނު ބާއްވާށެވެ.

“ވަރަށް ބޮޑު ކަމަކު..” އިނާން ބުނެލިއެވެ. “މިއަދު ޝިފްޒާ މިސް ބާރތްޑޭ. އެހެންވެ އެންމެން މިއުޅެނީ ޑައިނެމޯއަށް ދާން. އިޒާނީވެސް އަންނަން ވާނެ. އައި ކޭން ޕިކް ޔޫ އަޕް..” އިނާން ވާހަކަ ދެއްކިއެވެ.

“ނޫނޭ.. އަޅުގަނޑު ޓެކްސީއެއްގަ ގޮސްފާނަން.” އިޒާނީ އަވަސް އަވަހަށް ބުނެލިއެވެ. ޒަޔާން ނޫން އެހެން މީހެއްގެ ސައިކަލު ފަހަތަކަށް އަރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފޯނު ކޯލު ކުރުކޮށްލަމުން އިޒާނީ ފޯނު ބޭއްވިއެވެ. އަދި ބޭރަށް ދާ ވާހަކަ ބުނުމަށް ޒަޔާންއަށް ގުޅިއެވެ. ނަމަވެސް އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން ޒަޔާން އިނީ ދަތުރެއްގައި ކަން އިޒާނީއަށް އެނގުނެވެ. އެހެންކަމުން ބޭރަށް ދާ ވާހަކަ ބުނެފައި މެސެޖެއް ޒަޔާންއަށް ފޮނުވާލިއެވެ. އެއަށްފަހު ތުވާލި ހިފައިގެން އޭނާ ވަނީ ފާހާނާއަށެެވެ.

ގަޑިން ހައެއް ޖަހަން ފަނަރަ މިނެޓަށް ވީ އިރު އިޒާނީ ހުރީ ގޭ ދޮރުމަތީ ޓެކްސީއެއްގެ އިންތިޒާރުގައެވެ. އެހެން ހުުރި އިރު މަގުމަތިން ދިޔަ ގިނަ މީހުންތަކެއްގެ ލޯ އޭނާއަށް އަމާޒުވަމުންދިޔައެވެ. ބައެއް ޓެކްސީތައް އިޒާނީ ކައިރިއަށް މަޑުވެސް ކުރިއެވެ. ނަމަވެސް އޭނާ އެހުރީ މާ ކުރިން ޓެކްސީ ސެންޓަރަކުން ޓެކްސީ ހަމަޖައްސައިގެންނެވެ. މާ ގިނަ އިރެއް ނުވެ އިޒާނީ ކުރިމަތީ ރަތް ކުލައިގެ ކާރެއް މަޑުކޮށްލިއެވެ. އެއީ އިޒާނީ ހަމަޖެއްސި ކާރުތޯ ޔަގީން ކުރުމަށްފަހު އޭނާ އެއަށް އެރިއެވެ.

ޑައިނެމޯ ސެންޓްރަލް ކުރިމަތީގައި އިނާން މަޑުކޮށްލައިގެން ހުރީ އިޒާނީ ދެކިލާ ހިތުން ކެތް މަދުވެފައެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ރަތް ކުލައިގެ ކާރެއް އައިސް އިނާން ކައިރިއަށް މަޑުކޮށްލިއެެވެ. ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވެގެން ދިޔުމާއެކު ފުރަތަމަވެސް ފެނުނީ އަޅި ކުލައިގެ އުސް ބޫޓަކަށް ހެޔޮވަރު ވެފައި ހުރި ދޮން ފައިތިލައެވެ. އެއަށްފަހު ކަޅު ކުލައިގެ ސްކިނީ ޖީންސްއަކާއި އަޅި ކުލައާއި ފިޔާތޮށި ކުލައާއި ހުދު ކުލައިގެ ގޮޅި ޖެހި ގަމީހެކެވެ. ދެން ފެނުނީ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައި އޮތްތަނެވެ. އެއަށްފަހު، ފެނުނީ އިނާންގެ ހިތް އެދި ގޮވަމުންދާ މޫނެވެ. އިނާންގެ ނަޒަރު އިޒާނީގެ ގައިން ވަކިނުވެ އެތަށް އިރެއް ހޭދަވިއެވެ.

“ސާރ އެކަނިތަ؟” އިޒާނީގެ އަޑަށް އިނާން ދިޔައީ ސިހިގެންނެވެ. އޭނާ ހުރީ ހިތް ފުރެންދެން އިޒާނީއަށް ބަލަން ބޭނުންވެފައެވެ.

“އެތެރޭގަ އެބަ ތިބި.. ހިނގާ އެތެރެއަށް.” އިނާން އަތުން އިޝާރާތް ކޮށްލީ އިޒާނީ ކުރިއަށް ހިނގައިގަތުމަށް އެދެމުންނެވެ.

އިޒާނީމެން އެތެރެއަށް ވަން އިރު އެތަނުގައި އިޒާނީއާއި އެކު މަސައްކަތް ކުރާ ގިނަ ޓީޗަރުން ތިއްބެވެ. މިއީ ސްކޫލުން ބޭރުން އެމީހުންނާއި އިޒާނީ ބައްދަލުވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ގުޅުން ބަދަހިކޮށްލުމަށް ލިބުނު ފުރުސަތެއް ކަމަށް އެންމެންވެސް ގަބޫލުކުރިއެވެ. ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު އެންމެން އެއްބަސްވީ ގޭމެއް ކުޅޭށެވެ. އެގޮތުން އެތަނުން އެކަކު މޭޒުމަތީގައި ހުރި ސޯސް ފުޅި މެދުގައި ބާއްވާ އަނބުރާލިއެވެ. ފުޅި ހުއްޓޭ އިރު އެ ފުޅީގެ މަތިގަނޑު ސީދާވާ މީހާއާއި ދެން ތިބި މީހުން ބޭނުން ސުވާލެއް ކުރެވޭނެހެން ގޭމް ކުރިއަށް ދިޔައެވެ.

ހަތަރު ވަނަ ފަހަރު ފުޅި އަނބުރާލުމާއެކު ހުއްޓުނީ އިޒާނީއާއި ސީދާ ވާ ގޮތަށެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ. އެންމެންވެސް ތިބީ އިޒާނީއާއި ސުވާލުކޮށްލާ ހިތުން ކެތް މަދުވެފައެވެ. ހާއްސަކޮށް އިނާންއަށް އެ ފުރުސަތު ނުލިބިފައި އިން ކަހަލައެވެ.

“އިޒާނީ ބަލާ އެ އަންނަނީ ބޯއި ފްރެންޑް ތަ؟” އެކަކު ސުވާލުކޮށްލިއެވެ.

“ނޫން..” އިޒާނީ ޖަވާބު ދިނެވެ.

“އެހެންވީމަ ސިންގަލް ދޯ؟” އިނާން ކުރިއަށް ޖެހިލިއެވެ.

“ނޫން… މެރިޑް.” އިޒާނީ ގާތަށް ހިނިއައެވެ. އޭނާ ދިން ޖަވާބުން އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ އިނާންއަށެވެ.

“ސީރިއަސްކޮށްތަ؟ އޭޖް ބުނެބަ..” އިޒާނީ ކައިވެނިކޮށްގެން އުޅޭކަން އެތަނުން އެކަކުވެސް ގަބޫލެއް ނުކުރިއެވެ.

“ސީރިއަސްކޮށް. ބަލާ އެ އަންނަނީ ބޯއި ފްރެންޑެއް ނޫން، ހަޒްބަންޑް. މި އަހަރު މެރީ ކުރީ..” އިޒާނީ ކިޔައިދިނެވެ. އޭނާގެ ވާހަކަތައް އަޑު އަހާފައި އިނާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަން ވީ އޭނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. އެހެން ތިއްބާ ވެއިޓަރަކު ކާ އެއްޗެހި ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. އެއާއެކު ހުރިހާ އެންމެންވެސް ކެއުމައިގެން މަޝްއޫލުވިއެވެ.

“އިނާން ސަރ، އޯކޭ ތަ؟” އިނާން ހިމޭންވެފައި އިން ކަން އެންމެންނަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އެކަން ފޮރުވާލުމަށް އިނާން އެކި ވާހަކަ ދެއްކިއެވެ. ކައި ނިމިގެން އެންމެން ނިކުތީ ގެއަށް ދިޔުމަށެވެ. އެންމެން ކަހަލަ ގޮތަކަށް އައީ ސައިކަލުގައެވެ. އެމީހުން ދިޔުމުން އިނާން މަޑުކޮށްލީ އިޒާނީއަށް ޓެކްސީއެއް ނަގައިދިނުމަށެވެ. އިނާން ދިޔަޔަސް އެންމެ ރަނގަޅު ކަމަށް އިޒާނީ ބުނުމުންވެސް އޭނާ އެގޮތަކަށް އެއްބަހެއް ނުވިއެވެ. އެތަށް އިރެއްވީ ފަހުން ޓެކްސީއެއް ލިބޭ ގޮތްވިއެވެ. އިޒާނީ އެއަށް އަރާ، އެ ޓެކްސީ ގޮސް ގެއްލެންދެން އިނާން ބަލަން ހުއްޓެެވެ.

ގެއަށް ދެވުމާއެކު އިޒާނީ އަވަސްވެލީ ހެނދުން ބަދަލުކޮށްލައިގެން، ޒަޔާން އަންނަން ވާ އިރަށް ކާ އެއްޗެއް ތައްޔާރުކުރާށެވެ. ޓީޝާޓަކާއި ކުރު ސޯޓުކޮޅެއް ލައިގެން ކޮޓަރިން ނިކުމެ އޭނާ ގޮސް ބަދިގެއަށް ވަނެވެ. އިސްތަށިގަނޑު އެއްކޮށްލަމުން ބޮލުގައި ހުޅިއެއް ޖަހާލާ އައިސް އަލަމާރި ހުޅުވާލިއެވެ.

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ޒަޔާން ފޯނު ހުޅުވާލިއެވެ. ޑިއުޓީގައި އުޅޭ އިރު ގިނަ ވަގުތު އޭނާގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. އެހެންކަމުން ގެއަށް އައިސް ފޯނު ހުޅުވާލުމުން އޭނާގެ ފޯނަށް ދެތިން މެސެޖު އައެވެ. އޭރު އިޒާނީ އުޅުނީ ބަދިގޭގައެވެ. ފޯނަށް އައި މެސެޖުތައް ބަލާލި އިރު އިޒާނީ ކޮށްފައި އިން މެސެޖު ވެސް ޒަޔާންއަށް ފެނުނެވެ. އޭގެ އިތުރުން އޭނާގެ ރަހުމަތްތެރިއަކު ވައިބާރ އިން ފޮނުވާފައި އިން ދެ ފޮޓޯގަނޑުވެސް ފެނުނެވެ. އެ ފޮޓޯތައް ފެނުމާއެކު ޒަޔާންގެ ކަތުރުކަށިގަނޑަށް ބާރުކޮށްލިތަން ފެނުނެވެ. ކެއުން ތައްޔާރުކޮށްފައި އިޒާނީ ކޮޓަރިއަށް ވަނީވެސް އެވަގުތެވެ.

“މިހާރު މީނައާ އެކީ ތަންތަނަށްވެސް ދާން ފެށީތަ؟” ޒަޔާންގެ ފޯނު އިޒާނީއަށް ދައްކާލަމުން އޭނާ ބުނެލިއެވެ. ފޯނުން ފެންނަން ހުރީ އިޒާނީއާއި އިނާން ޑައިނެމޯ ސެންޓްރަލް ކުރިމަތީގައި ތިއްބައި ނަގާފައި އިން ފޮޓޯއެކެވެ. އެ ފޮޓޯ ފެނުމުން އިޒާނީވެސް ހައިރާންވިއެވެ. އެތަނަށް އިޒާނީމެންނާއި އެކު ދިޔަ އިތުރު މީހަކު ފޮޓޯއިން ފެންނާކަށް ނެތެވެ. އެހެންކަމުން އެއީ އެންމެން ދިޔަ ފަހުން ކޮންމެވެސް މީހަކު ނަގާފައިވާ ފޮޓޯއެއް ކަމަށް އިޒާނީއަށް އެނގުނެވެ.

“އިޒޫމެން އެއްކޮށް ބައިވަރު މީހުން ދިޔަ..” އިޒާނީ ކަން ވީ ގޮތް އޮޅުންފިލުވައިދޭން އުޅުނެވެ. “އެމީނުން ދިޔަ ފަހުން ޓެކްސީއެއް ނަގަން މަޑުކޮށްގެން ހުއްޓާ ތިއޮތީ ފޮޓޯ ނަގާފަ..” އިޒާނީ ކިޔައިދިނެވެ. ނަމަވެސް އޭނާ ދެއްކި ވާހަކަ ޒަޔާން ގަބޫލުކުރިހެނެއް ހިޔެއް ނުވެއެވެ.

“ތި ނިމުނީ އެއްނު..” ފޯނު އެނދުމައްޗަށް އެއްލަމުން ޒަޔާން ވަނީ ފާހާނާއަށެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އިޒާނީއަށް އެނގުނެވެ. ބައެއްފަހަރު ޒަޔާން އޭނާއަށް ޝައްކު ކުރާހެން ވެސް އިޒާނީއަށް ހީވެއެވެ. އަދި އިތުބާރުވެސް ނުކުރާހެން ހީވެއެވެ. އެއީ އޭނާ ބުނާ އެއްޗެއް ޒަޔާން ގިނަ ފަހަރު ގަބޫލު ނުކުރާތީއެވެ. އިތުބާރަކީ ޒަވާޖީ ހަޔާތެއްގެ ބިންގާ ކަމަށް އޭނާ ދެކެއެވެ. ވީ އިރު އިތުބާރު ނުކުރާ މީހަކާއި އެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟ (ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ