މުޢިއްޒުގެ ކެންޕޭނަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެން ދަމާފައި ހުރި ދިދަ ފަތި އަދި ބެނާތައް ނަގަން ޖެހޭ ކަމަށާއި އެތަކެތި ވަކި ސަރަހައްދެއްގައި ދެމޭނީ އެމްއެންޑީއެފްގެ ހުއްދައާ އެކުކަމަށް ސިޓީ ކައުންސިލުން ބުނެފައި ވާކަމަށް އިދިކޮޅުން ބުނެފިއެވެ.
މިއަދު ޕީޕީއެމް ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވަނީ އެފަރާތުން ހުއްދަ ނަގައިގެން ދަމާފައި ހުރި ދިދަތައް ނަގަން ޖެހޭ ކަމަށް އަންގާފައި ވާކަމަށެވެ.
“ސިޓީ ކައުންސިލުން ހުއްދަ ދިނީމަ ދަމާފައި އެހުރީ، ނަމަވެސް މިއަދު އެބައޮތް މެއިލެއް ފޮނުވާފައި ގުރީން ޒޯނުގައި ހުރި ދިދަ ފަތި އަދި ބެނާތައް ނެގުމަށް،އެތަނުގައި އެފަދަ ތަކެތި ހަރު ކުރެވޭނީ އެމްއެންޑީއެފްގެ ހުއްދައާއެކުގައި ކަމަށް.” ތޮލާލް
މީގެ ކުރިން އެމްއެންޑީއެފްގެ ހުއްދަ ނަގަން ދުވަހަކުވެސް ނުޖެހޭ ކަމަށާއި މިހާރު މިކުރާ ކަމަކީ ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އިނގޭތީ ސީދާ މުޢިއްޒުއަށް ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް ފިއްތުން ކުރިމަތިކޮށް ޖެއްސުން ކުރަނީ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ ތަކެތި ނަގަން ނުއެންގޭނެ ކަމަށާއި އެތަކެތީގައި މައްސަލައެއް އުޅޭނަމަ އިސްލާހު ކުރަން އެންގިދާނެ ކަމަށެވެ. އެކަން ކުރެވޭނީ އީސީއަށް ކަމަށްވެސް އޭނާ ބުންޏެވެ.


