ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން، ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއި އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގައި އެވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިޞްބަތް އިތުރުކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން18 ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކޮށްފައެވެ.
އެ އެކަޑަމީގައި މިހާރުވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އަންނައިރު 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.