ތާރީޚު އިއާދަވުން : ފުރަތަމަ ޖުމްހޫރިއްޔަތާއި ގިނަ ޕާޓީތަކުގެ ފުރަތަމަ ޑިމޮކުރަސީގެ ނިޒާމުގެ ތަޖުރިބާ

ރިޕޯޓް އަރކައިވް އިޖުތިމާޢީ ފަހުގެ

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާލާއިރު، 1953ގައި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔުން، އެއްވެސް ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ ސިޔާސީ ތާރީޚީ މުހިއްމު މަގުފާހަގަތަކުގެ ތެރޭގައި ހިމަނާލެވޭނެއެވެ. ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ ޖުމްހޫރީ ވެރިކަމަކީ ކޮބައިކަން އާންމު ރައްޔިތުންނަށް ވިސްނި، އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ދެކިގެންނޭ ބުނުން ދައްޗެވެ. ސަބަބަކީ އެ ބަދަލު ގެނެވުނުތާ އަށެއްކަ މަސް ނުވަނީސް ރައްޔިތުންގެ ބަޔަކު ނިކުމެ، އެ ވެރިކަން ވައްޓާލުމެވެ. އަދި ވެރިކަމުގެ ނިޒާމު އަލުން ރަސްކަމަކަށް ބަދަލުކޮށްލުމެވެ.

ރައްޔިތުންގެ އިހުސާސުތަކާއި ޝުއޫރުތައް ދެނެގަނެ، ރައްޔިތުންގެ ބޭނުންތައް ފުއްދުމުގެ ގޮތުން ވަކާލާތުކޮށް، ރައްޔިތުންގެ ހައްގު ދިފާއުކުރަން އިންތިޚާބުކުރެވިފައި އޮންނަ، ރައްޔިތުން ތަމްސީލުކުރާކަމަށް ބުނާ އިއްޒަތްތެރި މެމްބަރުންތަކަކާއި އެ މެމްބަރުންތަކުގެ މައްޗަށް އެކުލެވޭ ގަދަރުވެރި ރައްޔިތުންގެ މަޖުލިހެއް އޭރު ވެސް އޮތެވެ. ނަމަވެސް ފުރަތަމަ ޖުމްހޫރިއްޔާ އުވާލެވުނީ ގާނޫނީ ސިފައެއްގައި މި ނަންގަން ރައްޔިތުން ތަމްސީލުކުރާ ކަމަށް ބުނާ ރައްޔިތުންގެ މަޖުލިހަކުންނޫނެވެ. އެކަން ނިމިގެން ދިޔައީ އާންމުންގެ ބަޔަކު ގުޅަކުޅޭ ފަސްގަނޑަށް ނިކުމެ، އެ ފަސްގަނޑުގައި ނިންމި ނިންމުމަކުންނެވެ. އާދެ، ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމުގެ އިއުލާނު ކުރެވުނީ ގުޅަކުޅޭ ފަސްގަނޑުންނެވެ! މިކަން ހިނގައި ދިޔަ ގޮތުގެ ޚުލާސާއެއް، މިކަމާ ބެހޭ ލިޔުމަކުން ނަކަލުކޮށް، މިތާ ލިޔެލާނަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ދިވެހިރާއްޖެއަށް އައި ހަގީގީ މިނިވަން ދުވަހަކަށް ބެލެވުނީ 11 ޒުލްހައްޖާ 1372ހ. ދުވަހެވެ. އެދުވަހަކީ، އެއިރު އޮތް ސަރުކާރާ ދެކޮޅަށް އާއްމު މީސްތަކުންގެ ބައަކު ނުކުމެ ބަޣާވަތްކޮށް، އެއިރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާއަށް އެމީހުން ހިތަށްއައިހާ އެއްޗެއް ކިޔަންވީއްލި ހުއްދަވެފައިވާކަމަށް ބެލެވުނު ދުވަހެވެ. އެއިރުވެސް ރައްޔިތުންގެ ހައްގުތައް ލިބިދީފައި އޮވެއެވެ. އަދި ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންތަކެއް ވެސް ތިއްބެވިއެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރިވުމަށް އެބޭފުޅުން ތިއްބަވަނީ ހުވައި ވެސް ކުރައްވައިގެންނެވެ. މިކަންމިހެން އޮތުމާއެކުވެސް 11 ޒުލްހައްޖާ 1372ހ. ދުވަހު އެހުރިހާކަމެއްވެސް އުވިގެންދިޔަކަމަށްވީ ގުޅަކުޅޭ ފަސްގަނޑަށް ނުކުތްމީހުންގެ ބަހަށެވެ. އެމީހުން ނުކުމެ، ނުކުންނާޖެހުނު ސަބަބުތައް މިފަދައިން ބަޔާންކޮށްދިނެވެ.”

“އަޅުގަނޑުމެން މިނުކުތީ ގޭގައި ނުތިބެވިގެންނެވެ. ސަބަބަކީ ކާނެ އެއްޗެއްނެތި ފަތްކާންޖެހިފައިވާކަމެވެ. ވޮށު އަލިކުރެވޭނޭ ގޮތެއް ނެތި އަނދިރީގައި ތިބެން ޖެހިގެންނެވެ. ކާންބޯން މަސައްކަތެއް ކުރާނޭ ފުރުސަތެއް ނެތި ރަށްވެހިކަމުގެ ނަމުގައި ކެނޑިނޭޅި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހިފައިވާ ކަމެވެ. އޮރިޔާން ހާލު ބޮޑުވެގެން ގެއިން ބޭރަށް ނުނިކުމެވޭ ދަރަޖައަށް އޮރިޔާންވަމުންދާ ކަމެވެ. އަޅުގަނޑުމެންގެ މާތް އިސްލާން ދީނުގެ އެކިއެކި ކަންތައްތަކަށް ހުރުމަތް ކުޑަވަމުންދާކަމާއި އީސާއީ ދީނުގެ އެކިއެކި ކަންތައްތައް ހިފެމުން އަންނަކަމެވެ. އަދި އެކިބާވަތުގެ އަދަބުތައް ބޮޑުވަމުން ގިނަވަމުން އަންނަކަމެވެ.”

އަދިވެސް އެ ލިޔުމުގައި އޮތެވެ. “އަދި ހަމަ މިޚިޔާލުތަކާއި ވާހަކަތައް ހުށަހެޅުމާއެކު މުހައްމަދު އަމީނުގެ ވެރިކަމާ ނުރުހޭކަމަށާއި އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓުދީ ފާސްކުރިއެވެ. އާދޭހެވެ. ގާނޫނީގޮތުން، ވެރިޔަކު ވެރިކަމުން ދުރުކުރެވޭ ގޮތާއި ރައްޔިތުންގެ ދަތިތަކާއި ހަގީގީ މައްސަލަތައް ހުށަހަޅައި ހެދޭނޭ ގޮތްތައްވެސް ގާނޫނުގައި އޮވެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއްގެ ބޭނުމެއް ނުހިފި، ހުރިހާކަމެއް ނިންމާލެވުނީ ގުޅަކުޅޭ ފަސްގަނޑަށް އެއްވިބޭކަލުންގެ ބަހަށެވެ. …. ވީމާ، އެއިރު ހެދިފައިވާ ގާނޫނަކީ އެއްވެސް ބޭނުމެއް، މާނައެއް، ނެތް ބޭކާރު އެއްޗަކަށްވީއެވެ.”

ކުރިންވެސް ނަންގަތް ފަދައިން، މި ނަކަލުކޮށްލި ލިޔުމުން ހެކި ލިބިގަންނަން ބޭނުންވަނީ 1953ވަނަ އަހަރު ރާއްޖެއަށް އަލަށް ތައާރުފުކުރެވުނު ޖުމްހޫރިއްޔާ ތައާރުފުކުރެވުނީ ރައްޔިތުންގެ ފައިދާއަށްޓަކައި ރައްޔިތުން ބޭނުންވެގެން ނޫންކަމެވެ. ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާލާއިރު، އެއީ އިހުގެ ތާރީޚު ކަމުގައި ވިޔަސް ނުވަތަ ފަހުގެ ތާރީޚު ކަމުގައި ވިޔަސް، ވެރިކަމުގެ ފަރާތުން، އާންމު ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމުގެ ސިޔާސަތުތަކެއް ކަނޑައެޅުން އޮތް ތަން އެއްގޮތަކަށް ވެސް ނުފެނެޔޭ ދެންނުވަމަކީ ގޯހަކަށް ވާނޭ ހެނެއް ހިޔެއްނުވެއެވެ.

ރާއްޖޭގެ މިޒަމާނުގެ ތަރައްގީ 1940ހުގެ އަހަރުތަކުން ފެށިގެން ކުރިއަށް ގެނެދެވުނު ކަމުގައި ވިޔަސް، އެ ތަރައްގީގެ އަމާޒަކަށް ވެފައި އޮތީ ރައްޔިތުންނެއް ނޫނެވެ. ތަރައްގީގެ އަމާޒަކީ އަދާ ޖެހެން ދެން ވެސް ވެރިޔާއެވެ. އަދި ތަރައްގީގެ ނަމުގައި ކުރެވޭ ކަންކަން ދައްކުވައިދެވިފައިވަނީ އެ ވަގުތު ހުންނަވާ ވެރިޔަކު ދަރުމައަށްޓަކައި ކޮށްދެއްވާ ކަންތައްތަކެއްގެ ގޮތުގައެވެ. މިފަދައިން ކަންތައް އޮތް އިރު، އާންމުންނަށް ގަބޫލުކުރެވިފައި އޮންނަނީ ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް، ނުވަތަ ވެރިކަމަކީ ކޮންމެ ކަހަލަ ނިޒާމެއްގެ ވެރިކަމަށް ވިޔަސް، އެއިން އެމީހުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނާނޭ ކަމެވެ. މިހެން ކަންތައް އޮތަސް، 1953ވަނަ އަހަރާ ހަމައަށް އައިރު، އާންމުންނަށް ކުރިމަތިވީ ބޮޑެތި ދަތިތަކެއްގެ ސަބަބުން، ވެރިކަމާ އިދިކޮޅަށް، އާންމުން ތެދުވަން މަޖުބޫރުކުރުވީއެވެ. ގުޅަކުޅޭ ފަސްގަނޑުގައި ކުރެވުނު އިއުލާނުން ސާފުވާ ފަދައިންނެވެ. ކާނޭ ބޯނޭ އެއްޗެއް ނެތި ބަނޑަށް ޖެހުމެވެ. އުނުއޮރިޔާން ނިވާކުރެވޭނޭހާ ވެސް ނެތުމެވެ. ގޭގޭގައި ބައްތި ގަނޑެއް ދިއްލާލާނޭ މިންވަރުވެސް ނެތުމެވެ. މިކަންކަން ފުއްދުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ނެތިގެން ދިޔުމެވެ. އާދެ، މިއީ ގުޅުކުޅޭ ފަސްގަނޑުގައި ގޮވިގޮވުމުގެ ޚުލާސާއެވެ.

ދެން އުފެދޭ ސުއާލެއް އެބަ އޮތެވެ. 1953ގައި ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ އާންމުންގެ އެދުމުގެ މަތިން ކަމުގައި ނުވާނަމަ، އެބަދަލު ގެނެވުނީ ކީއްވެގެން ހެއްޔެވެ؟ މިކަން ދނެ ގަތުމަށްޓަކައި އެނބުރިލަންޖެހެނީ 1939 ވަނަ އަހަރަށެވެ. އެއަހަރަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އަހަރެވެ. ހަނގުރާމައިގެ ޚަބަރު ރާއްޖެއަށް ލިބުމުން، އޭރުގައި އޮތް ރައްޔިތުންގެ މަޖުލީހުގެ ފަރާތުން، ރާއްޖޭގެ ވެރިކަން ހިންގުން އަމީރު ހަސަން ފަރީދާއި އަދި އަމީރު މުހައްމަދު އަމީނާ ރަސްމީކޮށް ހަވާލުކުރިއެވެ. އެ ދެބޭފުޅުންނަކީ އެ ވަގުތު ރާއްޖެ ހިންގުމަށް އެންމެ ގާބިލު ދެބޭފުޅުންކަމުގައި ދެކިގެންނެވެ. ދެން، މިކަމާ ވިދިގެން، ފަހުން، އޭރު ހުންނެވި ރަދުން، ހަސަން ނޫރައްދީނާއި އޭނާގެ ބޮޑު ވަޒީރު ވެސް އިސްތިއުފާ ދެއްވިއެވެ. ބުނެވޭ ގޮތުގައި އެބޭފުޅުން އެކަން ކުރެއްވީ މަޖުބޫރުވެގެންނެވެ. އާދެ، އެކަމާ ރުހި ގަބޫލުފުޅުވެގެންނެއް ނޫނެވެ.

މި ހިސާބުން، މަޑު ޖައްސާލާފައި، މިކަމާ މެދު ވިސްނުމުގެ ނަޒަރެއް ހިންގާލަން ޖެހެއެވެ. އަމީރު ހަސަން ފަރީދާއި އަމީރު މުހައްމަދު އަމީނަކީ ގައުމު ހިންގުމަށް އެންމެ އެކަށީގެންވާ ދެބޭފުޅުން ކަމުގައި ބެލެވުނު އިރު، ރަދުންނާއި ބޮޑުވަޒީރުގެ ކިބައިގައި މިފަދަ ގާބިލުކަމެއް ހަމަ ނެތީ ބާވައެވެ؟ އެހެން ކަމަށް ވަންޏާ، ވެރިކަން ހިންގުމުގެ ގާބިލުކަން ނެތް ބަޔަކު، ވެރިކަމަށް އިސްކުރެވެނީ ކިހިނެއް ބާވައެވެ؟ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ކިބައިގައި ވެރިކަން ކުރުމުގެ ގާބިލިއްޔަތު ނެތް ނަމަ، ރައްޔިތުންގެ މަޖުލިހުން އެބޭފުޅުންނާ ދޭތެރޭ ފިޔަވަޅު އަޅައި ވެރިކަމުން ދުރުނުކުރެވުނީ ކީއްވެ ބާވައެވެ؟

އަޅުގަނޑުމެންގެ ފަހުގެ ތާރީޚާއި އަދި އަދުގެ ހާލަތަށް ބަލައިލުމުން މި ސުއާލުގެ ޖަވާބެއް ލިބޭ ހެން ހީވެއެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އެކަން އެހެން ދިމާވާ ސަބަބަކީ އަޅުގަނޑުމެން ވެރިން އިސްކުރަނީކީ ނޫނެވެ. ނޫނީ ވެރިން ހޮވަނީކީ ނޫނެވެ. ބައެއް ފަހަރު، އެހެން މީހަކު ވެރިކަމަށް އިސްވެދާނެތީ ކޮންމެ ވެސް މީހަކު ވެރިޔަކަށް އިސްކުރަނީއެވެ. އަނެއް ބައިފަހަރު، ވެރިޔަކު ވެރިކަމުން ދުރުކުރަނީއެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއްގެ މައްޗަށް ބަލާލިކަމުގައި ވިޔަސް ފެންނަނީ ގާބިލު ވެރިން އިސްކުރާ ނުވަތަ ހޮވާ ތަނެއް ނޫނެވެ! ހަސަދައާއި ނަފަރުތުގެ އަލިފާނުން އަނދައަނދާއި އޮންނަ ހިތްތަކެއްގެ އެދުމަކަށް ވެފައި އޮންނަނީ ވެރިޔަކު ވެރކަމުން ދުރުކުރުމެވެ. ނުވަތަ ވަކި މީހަކު ވެރިކަމަށް އަޔަ ނުދިނުމެވެ. ވެރިޔަކު އިސްކޮށް ނޫނީ ހޮވަނީއެއް ނޫނެވެ. މިކަން އަޅުގަނޑުމެންގެ ފަހުގެ ތާރީޚުން ވަރަށް ވެސް ސާފުކޮށް ފެނެއެވެ. މިސާލަކަށް، 2008ގައި އަޅުގަނޑުމެންގެ އެދުމަކަށް ވެފައި އޮތީ ރައީސް ނަޝީދު ހޮވުމެއް ނޫނެވެ. ރައީސް މައުމޫނު ވެރިކަމުން ދުރުކޮށް އެމަނިކުފާނުގެ ވެރިކަން ވައްޓާލުމެވެ. ހަމަ އެފަދައިން، 2013 ގައި އަޅުގަނޑުމެން ރައީސް ޔާމީނު ހޮވީކީ ނޫނެވެ. ރައީސް ނަޝީދު ވަރިކަމުން ދުރުކުރީއެވެ. ދެން، 2018ގައި ވެސް އަޅުގަނޑުމެން ކަންތައްކުރީ ހަމަ އަޅުގަނޑުމެންގެ އާދަކާދައިގެ މަތިންނެވެ. ރައީސް ސޯލިހު ހޮވީކީ ނޫނެވެ. ރައީސް ޔާމީނު ވެރިކަމުން ދުރުކުރީއެވެ. އެހެންވީމާ ވެރިކަމަށް އަންނަ މީހަކީ އެކަމަށް އެންމެ ގާބިލު މީހާތޯ ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަކަށް އާންމުން ނުދެކެއެވެ. މިހެން ކަންތައްތައް ވާން ދިމާ މައިގަނޑު ސަބަބަކީ ރައްޔިތުންގެ ޒިހުނީ ހޭލުންތެރިކަން ކުޑަވެ، ސިޔާސީ ގޮތުން ތަސައްރުފު ނުފުދިވުމެވެ. ކޮންމެއަކަސް މިއީ މިކަމުގެ ތަފްސީލަކަށް ދިޔުމުގެ މަގާމެއް ނޫނެވެ. މިވަގުތު ބަލާލަން ޖެހެނީ 1953ގައި ރާއްޖޭގެ ސިޔާސީ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބެވެ.

ކޮންމެއަކަސް 1939ގައި ރާއްޖެ ހިންގުން އަމީރު ހަސަން ފަރީދާއި އަދި އަމީރު މުހައްމަދު އަމީނާ ހަވާލުކުރެވި، އޭރުގެ ރަދުންނާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެން، ފަހުން، އިސްތިއުފާ ދެއްވިއެވެ. ދެން 1944ގައި، ކަނޑުގައި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގައި، އަމީރު ހަސަން ފަރީދު އަވަހާރަވުމުން ރާއްޖޭގެ ވެރިކަން އަމަލީ ގޮތުން އަމީރު މުހައްމަދު އަމީނުގެ އަތްޕުޅަށް އެރިއެވެ. މިހިސާބަށް ކަންތައްތައް އައިރު، ހަމަ މިހާރެކޭ އެއްފަދައިން، ވެރިކަމަށް ދަހިވެތިވެފައިވާ ބަޔަކު ތިބޭނެތާއެވެ. އާދެ، ވެރިކަމުގެ އާއިލާތަކުގެ ތެރޭގައި ތިއްބެވި ވެރިކަން ކުރެއްވުމުގެ ދަހިވެތިކަން އޮތް ބޭބޭފުޅުންނެވެ. ގާނޫނީ ހަމައަކުން ބަލާއިރު، އަމީރު މުހައްމަދު އަމީނަކީ އޭރު ވެރިޔެއް ނޫނެވެ. އޭރު ގާނޫނީ ރަސްމީ އެއްވެސް ވެރިއެއް ނެތެވެ. ވެރިކަން ކުރަން ތިއްބެވީ ރައްޔިތުންގެ މަޖުލިހުން އެކަމާ ހަވާލުކުރެވިިފައިވާ ބައެކެވެ.

ވެރިއެއް ނެތުމުން އެކަން ފޫބެއްދުމަށްޓަކައި އަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ރަސްކަމަށް އިންތިޚާބުކުރެވުނެވެ. ނަމަވެސް، އޭރުގެ ރަސްކަމަކީ ވިރާސީ ރަސްކަމަކަށް ވެފައި، މިކިލެގެފާނަކީ ވިރާސީ ގޮތުން ރަސްކަމަށް ވަޑައިގެންނެވޭނޭ ބޭފުޅަކަށް ނުވުމުން، ގާނޫނީ ހައިސިއްޔަތުން، ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގެންނެވޭނޭ ގޮތެއް ނުވިއެވެ. މިއީ އެކަމުގެ ފަހު ބަސް އޭރު ބުނަން އޮތް ފަރާތުން ދުށް ގޮތެވެ. އާދެ، އެދުވަސްވަރަކީ ރާއްޖެ އިންގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރެއް ކަމުން، މި ކަމުގެ ފަހު ބަސް ބުނުން އޮތީ އިނގިރޭސިންގެ އަތްމަތީގައެވެ. ދެން، ރަސްކަން އަމީރު މުހައްމަދު އަމީނާ ވެސް ހަވާލުކުރަން މަސައްކަތް ކުރެވުނެވެ. ނަމަވެސް، ހަމަ މިނަންގަތް މައްސަލަކުރިމަތިވާނެކަން އެނގިވަޑައިގެން، އަމީރު މުހައްމަދު އަމީނަށް ވެސް ރަސްކަން ގަބޫލުފުޅުކުރެއްވޭ ގޮތެއް ނުވިއެވެ. ނަމަވެސް، އެމަނިކުފާނުވެސް ރާއްޖޭގެ ވެރިކަން ބޭނުންފުޅުވެވަޑައިގެން، އަދި، އޭރުގެ ރައްޔިތުންގެ މަޖުލީހުގެ ތާއީދު ވެސް އޮތުމާއެކު، ވެރިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްގެންނެވެ. އެހެންވެ، ރަސްކަންއުވާލައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، 1953ގައި ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމުކުރެވިގެން ދިޔައީއެވެ. މި ފިޔަވަޅުން، އެއްކޮޅުން ވެރިކަމަށް ދަހިވެތިވެފައި ތިއްބެވި ބޭފުޅުންނަށް ވެރިކަމަށް ވަޑައިގަތުމުގެ މަގު ބަންދުކޮށްލެވުނެވެ. އަދި، އަމީން ދީދީގެ ވެރިކަމަށް ގާނޫނީ ސިފަ ލިބިގެން ދިޔައެވެ. ކަމުގެ ފަހު ބަސް ބުނަން ތިބި މީހުން ވެސް މިކަމާ ދެކޮޅު ހަދާކަށް ޖާގައެއް ނެތެވެ. ނަމަވެސް، 1953ގައި ގާއިމުކުރެވުނު ޖުމްހޫރިއްޔަތަކީ، އަސާސީ ގޮތެއްގައި، އާންމުންގެ ސިޔާސީ ފިކުރުކުރުމާއި ވިސްނުން ތަރައްގީވެ، ޖުމްހޫރީ ނިޒާމަކީ ރަނގަޅު ނިޒާމެއް ކަމަށް ދެކިގެން ގާއިމު ކުރެވުނު ވެރިކަމެއް ނޫނެވެ. ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކަށް އެ މަގު ބަންދުކޮށް، އަމީރު އަމީން ދީދީގެ ވެރިކަމަށް، އެންމެންގެ ރުހުން ލިބޭ ގޮތެއްގައި ގާނޫނީ ސިފަ ގެނައުމުގެ ގޮތުން ކުރެވުނު ކަމެކެވެ.

ކޮންމެ އަކަސް ވެރިކަމުގެ ނިޒާމު ބަދަލުވުމަކުން އާންމުންގެ ދިރިއުޅުމުގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. މަތީގައި ނަކަލުކުރެވިދިޔަ ގުޅަކުޅޭ ފަސްގަނޑަށް ނިކުތް މީސްތަކުން ގޮވި ގޮވުން އަދި އެއްފަހަރު ހަނދާންކޮށްލާށެވެ. އެ ގޮވުމުގައި އޮތީ މީސްތަކުން ބަނޑަށް ޖެހުނު ވާހަކައެވެ. އޮރިޔާންވީވާހަކައެވެ. ގޭގައި ބައްތި ދިއްލޭނޭ ފަދަ މިންވަރުވެސް ނެތް ވާހަކައެވެ. އަދި، މިކަންކަން ހައްލުކުރުމަށްޓަކައި މަސައްކަތެއްވެސް ކުރެވޭނޭ ފަދަ ވެސް ނެތްވާހަކައެވެ. ވެރިކަމުގެ ނިޒާމު، ކޮންމެ ފަދަ ނަމެއްކީ ނިޒާމަކަށް ބަދަލުވިޔަސް، އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަކަމަށް ވެއްޖިއްޔާ އެ ފަދަ ނިޒާމެއްގެ އެއްވެސް ބޭނުމެއް ނޯންނާނެތާއެވެ. ނަތީޖާއަކަށްވީ 1953ގައި ގާއިމުކުރެވުނު ފުރަތަމަ ޖުމްހޫރިއްޔާއަށް އަށް މަސް ދުވަސްވެސް ނުވަނީސް، އެ ޖުމްހޫރިއްޔާ އުވާލައި އަލުން ރަސްކަން ގާއިމުކުރެވުމެވެ.

ދެން މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާ މަންޒަރުތަކަށް ބަލާލާށެވެ. ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ އެންމެ މުހިއްމު މަގު ފާހަގައަކަށްވާނީ 2008ގައި ގާއިމުވި ގިނަ ސިޔާސީ ޕާޓީތަކުގެ ޑިމޮކުރަސީގެ ވެރިކަމުގެ ނަމުން ނަންދެވުނު ވެރިކަމުގެ ނިޒާމެވެ. 1953ގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެދިޔަ ފަދައިން 2008ގައި ގެނެވުނު މި ބަދަލަކީ ވެސް އާންމުންގެ ހޭލުންތެރިވެ، އަގުތަކަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން ގެނެވުނު ބަދަލެއް ނޫނެވެ. މިހެން ބުނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މި ނިޒާމެއް ގާއިމުވިތާ މިހާރުބަދަލެއް ނުފެންނާތީއެވެ.

ގިނަ ސިޔާސި ޕާޓީތައް ބައިވެރިވާ ސިޔާސީ ނިޒާމުގެ ހާލަތު އޮތީ ކޮން ގޮތަކަށް ހެއްޔެވ؟ އާންމު ރައްޔިތުން މަސައްކަތަށް ނެރެވޭނޭ ސިޔާސަތެއް ކަނޑައަޅާލަން ނުކުޅެދިފައެވެ. ތަނުގައި ފެތުރި އަށަގަންފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ސިޔާސަތެއް ކަނޑައަޅާލައި ހިންގާލަން ނުކުޅެދިފައެވެ. އެއާ ޚިލާފަށް ވެރިކަމުގެ ފަރާތުން ގޮވަނީ އެފަދަ ކަންކަން އަދިވެސް ބޮޑަށް އާންމުކުރުމަށެވެ. މަސްތުވާތަކެއްޗާ ގުޅިފައި އޮންނަ ނުރައްކާގެ އެއްވެސް މިންވަރެއް މިކަމަށް ގޮވާ މީހުންނަށާއި އަދި މިފަދަ ގޮވުންތަކަށް ތާއީދުކުރާ މީހުންނަށް ނޭނގޭ ކަހަލައެވެ. އެކަމާ ގުޅިފައި އޮންނަ ސިއްހީ މައްސަލަތަކެވެ. އެކަމާ ގުޅިފައި އޮންނަ ވައްކަމާއި ފޭރުމާއި ބަދުއަޚުލާގީ މައްސަލަތައް ފަދަ އިޖުތިމާއީ މައްސަލަތަކެވެ. މީގެ އިތުރުން ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމުވަނީ އެކި އެކި ބަހަނާތައް ދައްކައި – ތަރައްގީގެ ބަހަނާ، ސަލާމަތީ ފިޔަވަޅެއްގެ ބަހަނާ – ތަނުގައި ބޭރުގެ އަސްކަރީ ބާރުތައް ގާއިމުވެ ދިޔުމަށް މަގުފަހިކޮށްދީފައެވެ. މިކަމުގެ ހަގީގީ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ވަކި ޕާޓީއެއް ވެރިކަމުގެ ދާއިމަށް ދެމި ތިބުމަށް، ބޭރުގެ އަސްކަރިއްޔާއެއްގެ ބޭނުން ޖެހިއްޖެ ނަމަ، އެމީހުންގެ ބޭނުން ހިފުމުވެ. މީގެ އިތުރުން ވެސް އެހެން ކަންތައްތަކެވެ. ތަނުގެ އާންމު ރައްޔިތުންގެ އަދަބު އަޚުލާގުގެ ބޭނުން ކަނޑުވާލައި، ހިތަށް އެރި އެއްޗެއް ހިތަށް އެރި މީހަކާ ދިމާއަށް ގޮވުމުގެ މިނިވަންކަން، ގިނަ ސިޔާސީ ޕާޓީގެ ނިޒާމު ގެނެސްދިނެވެ. އެއްވެސް ހުނަރެއް، ގާބިލުކަމެއް ނެތް މީސްމީހުން، ވޯޓު ގަނެގެން ރައްޔިތުން ތަމްސީލުކުރަން ރައްޔިތުންގެ މަޖުލީހަށް ހޮވޭނޭ ގޮތް މެދުވެރިކުރުވިއެވެ. ބޭރުގެ މަސައްކަތު މީހުންނަށް، ތަނުގައި އިސްކަން ދެވޭ ގޮތަށް ކަންތައްތައް ހަމަޖެހިގެންދާއިރު، އެއިން ކަމެއް ހުއްޓުމުގެ ގާބިލުކަމެއް މި އާ ނިޒާމު ހިންގަން ތިބި ބަޔެއްގައި ނެތް ކަހަލައެވެ. ތަނުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ދާއިރު އެކަން ހުއްޓުވުމުގެ ބޭނުމެއް އޮތް ކަމަކަށް ވެސް އާ ނިޒާމު ހިންގާ މީހުން ނުދެކޭ ކަހަލައެވެ. ރައްޔިތުންގެ ބޯހިޔާވެހިކަން ހޯދައި ދެވޭނޭ ސިޔާސަތެއް ކަނޑައަޅާލުމުގެ އެއްވެސް ގާބިލުކަމެއް ވެރިކަމުގެ އާ ނިޒާމު ހިންގާ ބަޔެއްގެ ކިބައިގައި ހުރިކަން ފެނިގެން ނުދެއެވެ. ތަނުގައި އަށަގެންފައިވާ ވައްކަމާއި ޚިޔާނަތާއި ފަސާދައިގެ އަމަލުތައް ހުއްޓުވުމުގެ ބޭނުމެއް އޮތް ކަމަކަށް ވެސް ވެރިކަމުގެ އާ ނިޒާމުން ދެކޭ ހެނެއް ހިޔެއް ނުވެއެވެ. ފާސިދުވެފައި އޮތް ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ގާބިލުކަމެއް އޮތް ކަމަށް ވެސް ވެރިކަމުގެ އާނިޒާމަކުން ނުފެނެއެވެ. ފެންނަނީ ބޮޑެތި ކުށްވެރިން ދޫކޮށްލެވޭ ތަނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ބަންދުގައި ތިބި ބޮޑެތި ކުށްވެރިންނެވެ. ބޮޑެތި ބޮޑެތި ޚިޔާނާތާއި ވައްކަމުގައި ކުށްވެރިވާ މީހުންގެ ކުށުގެ އަދަބު ލުއިކޮށްދޭ ތަނެވެ.

ދެން، ވެރިކަމުގެ އާ ނިޒާމު ހިންގާ ފަރާތުން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އެކި އެކި ނަންނަމުގައި، ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި ދައުލަތުގެ ޚަޒާނާއަށް އަތް ބޭނުމެވެ. ބަދަލު ދިނުމުގެ ނަމުގައެވެ. ނާގާބިލު މީސް މީހުންނަށް ސިޔާސީ ވަޒީފާތައް ބަހައެވެ. ފާޑު ފާޑުގެ ނަންކިޔާފައި ކޮމިޝަންތައް އުފެއްދުމެވެ. ނަތީޖާއެއް ނުދެއްކެއެވެ. މަރުތައް ބަލަން އުފެއްދި ކޮމިޝަން މަތިން ހަނދާންކޮށްލާށެވެ! ތިމާމެން ނުރުހޭ މީހުން ވަޒީފާތަކުން ވަކިކޮށް ރުހޭ މީހުންނަށް އެވަޒީފާތައް ދީއެވެ. ސިޔާސީ ނުރައްކަލެއް ވެރިކަމަށް ކުރިމަތި ނުކުރާނޭކަމަށް ފެންނަމަ، ބޮޑެތި ބޮޑެތި ޚިޔާނަތުގެ އަމަލުތައް ހިންގި މީހުންގެ ޝަރީއަތް ނަމެއްގައި ހިންގާލައި ލުއި އަދަބަކުން އެފަދަ ކަންކަން އޮއްބާލުމެވެ. ދައުލަތުގެ ފައިސާއަކީ ވެރިކަން ކުރާ ޕާޓީ ބޭނުން ގޮތަކަށް ހޭދަކުރަން އޮތް ފައިސާއެއްކަން ދެކި، ތާކުން ތާކު ނުޖެހޭ ކަންކަމުގައި ދައުލަތުގެ ފައިސާ ޚަރަދުކުރުމެވެ. މީގެ އެންމެ ފަހުގެ މިސާލަކީ އިހުގައި ގާނޫނާ ޚިލާފަށް ކުރެވިފައި ހުރިކަންކަން ބެލުމުގެ މައްސަލައެވެ. އާދެ، އެބުނާ އިހަކީ ކިހާ އިހެއް ހެއްޔެވެ؟ އެކަން މީގެ ހަތްދިހަ އަށްޑިހަ އަހަރު ކުރިއަށް ވެސް ދަމާލެވިދާނެއެވެ. މިއީ ކުރެވިދާނޭ ކަމެއް ހެއްޔެވެ؟ މިކަމާ ބެހޭ ލިޔުންތައް ހުރެދާނެ ހެއްޔެވެ؟ ރާއްޖޭގެ އާދައަކަށް ވެފައި އޮންނަނީ ކަންކަމާ ބެހޭ ރަސްމީ ލިޔުންތައް ނައްތާލުމެވެ. ކަންކަން ފޮރުވުމަށެވެ. މިފަދަ ގޮތަކަށް ކަންތައް ކުރެވިފައިވާ އިރު، އެބުނާ ކހަލަ މައްސަލަތައް ބެލުމުގެ އެކަށޭނަކަން އެބަ އޮތް ހެއްޔެވެ؟ އެހެން ނޫނަސް މައްސަލައެއް ބަލަން ވެއްޖެ ނަމަ، ބަލަންޖެހޭ މައްސަލައަކީ ނުވަތަ މައްސަލަތަކަކީ ކޮބައިކަން ކަނޑައަޅަން ޖެހެއެވެ. އެކަން ކަނޑަނާޅައި އާންމު ސިފައެއްގައި އޮތުމުން އެކަން ކުރެވޭނޭ ހެނެއް ހިޔެއް ނުވެއެވެ. ހީވާ ގޮތުގައި އަނެއްކާވެސް ދައުލަތުގެ އިތުރު ފައސާތަކެއް ބޭކާރުވެގެން ދިޔުމުގެ މަގު ހުޅުވާލެވުނީއެވެ. އާދެ، މިއީ ހައްތަހާ ވެސް ގިނަ ސިޔާސީ ޕާޓީތަކުގެ ޑިމުކުރަސީގެ ނިޒާމު ގެނެސްދިން ކަންކަމެވެ.

ދެން ސަރުކާރުގެ ނުކުޅެދޭކަން ފޫބައްދަން ވެެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެއްބަޔަކު ހުރިހާ ކަމެއް ފޫޅު ކަނޑަނީ ކުރީގެ ސަރުކާރުތަކަށެވެ. އަނެއް ބަޔަކު ހުރިހާ ކަމެއް ފޫޅު ކަނޑަނީ ދީނަށެވެ. އެކެއްގެ އިބާރާތުން ބުނާ ނަމަ، ހުރިހާ ކަމެއް ގޯސްވުމުގެ ސަބަބަކީ ‘ވައްހާބީންނެވެ’. ނަމަވެސް، މަތީގައި ފާހަގަކުރެވުނު މައްސަލަތައް – މަސްތުވާތަކެތި އާންމުވުން، ވަޒީފާތައް ތަނުގެ މީހުންނަށް ނުލިބުން، ބޭރު މީހުންގެ އަތްމައްޗަށް ހުރިހާ މަސައްކަތްތަކެއް ދިޔުން، ބޭރުގެ އަސްކަރީ ބާރުތައް ތަނުގައި ގާއިމުވެ ދިޔުން، ތަނުގެ އާންމު އަޚުލާގީ ފެންވަރު ދަށްވުން -، އާދެ މިކަންކަން ވައްހާބީންނާ ގުޅޭ ގޮތެއް އެމީހަކަށް ބުނެއެއް ނުދެވެއެވެ. ނަމަވެސް، އޭނާ އެކަން އޮޅުން ފިލުވައި ނުދީ އަނގަ ތަންމިނަށް ހުޅުވާފައި ހުރިހާ ކަމެއް ‘ވައްހާބީންނާ’ ގުޅުވާލީއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ވިސްނުން ހިންގައި، މަތީގައި ބަޔާންކުރެވި ދިޔަ ގައުމީ މައްސަލަތައް ދީނާއި ނުވަތަ ވައްހާބީންނާ ގުޅެނީ ކިހިނެއްތޯ އަޅެ ބުނެދީ ބަލާށެވެ!

އާދެ، ދެން ތޯއެވެ؟ 2008ގައި ގާއިމުކުރެވުނު އާސިޔާސީ ނިޒާމު، ގިނަ ސިޔާސީ ޕާޓިތަކުގެ ޑިމޮކުރަސީގެ ނިޒާމު ހިންގަން ތިބި މީހުންނަށް ތަނުގެ މައްސަލަތައް ހައްލުނުކުރެވި ދިޔުމުގެ ނަތީޖާއަކީ ކޮބައިތޯ ސުއާލު އުފެދެއެވެ. ވާނޭ ގޮތް ދެނެވޮޑިގެންވަނީ ހަމަ ހުރިހާ ކަމެއް ވެސް ދެނެވޮޑިގެންވާ މާތްރަސްކަލާނގެއެވެ. އެހެން އެކަން އޮތަސް، މިހާރު ކަންތައް ވަމުން ދާގޮތް ފެނެމުން ތާރީޚު އަލުން އިއާދަ ނުވެ ހިނގައިދާނެބާވައޭ ހަމަ ހިތަށް އަރައެވެ. 1953ގައި ގާއިމުކުރެވުނު ފުރަތަމަ ޖުމްހޫރިއްޔަތުން ގައުމުގެ އާންމުންގެ ދަތިތަކަށް ހައްލު ނުގެނެވުމުން، އެ ޖުމްހޫރިއްޔަތު އުވި ދިޔަފަދައިން، 2008ގައި ގާއިމުކުރެވުނު، ގިނަ ސިޔާސީ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމުވެސް ހުސް ނަމެއްގެ ކަމަކަށްވެ، ގައުމީ މައްސަލަތަކަށް އެއްވެސް ހައްލެއް ނުގެނެވި ތަން ބަނގުރޫޓުވާ ހިސާބަށް ދިޔުމުން، އެ ނިޒާމު ވެސް އުވި ނުދާނޭ ބާވައޭ ހިތަށް އަރައެވެ. ރައްޔިތުންގެ ހައްގުތައް ރައްކާކުރަން ހުވާކޮށްގެން ތިބޭ ރައްޔިތުންގެ މަޖުލިހެއް ކުރިން ވެސް އޮތްފަދައިން، މިހާރު ވެސް، ނަމުގައި، އެފަދަ މަޖުލިހަކާއި، ކަންކަން ގާނޫނީ ގޮތުން ކުރެވެން އޮތް މަގު، ނަމުން، އެބަ އޮތެވެ. ނަމަވެސް، ވެރިކަމުގެ ދަހިވެތިކަމުގައި، ގާނޫނޫތަކުގެ ބާރު ކަނޑާލެވިފައި އޮތުމުންނާއި ގާނޫނުތަކަކީ ވެރިކަމުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި އުނި އިތުރު ކުރާ ކުޅޭކުޅޭ އެއްޗަކަށް ވުމުން، އާ ނިޒާމުގެ ނިމުން ވެސް، އަންނާނީ ފުރަތަމަ ޖުމްހޫރިއްޔަތު ނިމުނު ފަދައިން، ޣައިރު ގާނޫނީ ސިފައެއްގައި ‘ގުޅަކުޅޭ ފަސްގަނޑަކަށް’ ނިކުންނަ އާންމުންގެ ބަޔަކު ގޮވާގޮވުމެއްގެ މައްޗަށް ބިނާވެގެން ބާވައޭ ވެސް ހިތަށް އަރައެވެ. އާދެ، ތާރީޚަކީ ޝައްކެއް ނެތް ގޮތުގައި އިއާދަވާ އެއްޗެކެވެ. ތާރީޚު ދަސްކޮށް އެއިން އިބުރަތް ހާސިލުނުކުރާނަމައެވެ.


ނޯޓު: މަތީގައި އެވާ ފޮޓޯއަކީ ފުރަތަމަ ޖުމްހޫރިއްޔަތުގެ ނިމުން ރަމްޒުކޮށްދޭ ފޮޓޯއެއް ކަމުގައި ބުނެވެއެވެ. ރައީސް އަމީން ދީދީ ވެރިކަމުން ދުރުކޮށް، އެމަނިކުފާނަށް އަނިޔާކުރުމަށް ފަހު، އެއްލާލެވުނީ ފަޅުތެރޭ އެ އޮތް ދޯންޏަށް ކަމުގައި ބުނެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ