މިދުވަސް ކޮޅަކީ ޒިނޭގެ ހެކީގެ މައްސަލަ ނެގިގެން އުޅޭ ދުވަސްވަރެކެވެ. މިއާދޭތެރޭ އެއްޗެއް ނުބުނަން ނިންމައިގެން ހުއްޓައި ބައެއް މީސްމީހުންގެ އެދުމުގެ މަތިން ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ލިޔެލަން ގަސްދުކުރީއެވެ. މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޝަރުއީ ނައްސުތަކާ ފުށުއަރާގޮތަށް އެއްޗެއް ބުނުމުގެ އިޚްތިޔާރު އޮތްތޯ ނެތްތޯއާ ގުޅޭ މައްސަލައެކެވެ. އިހުގައި ވެސް މިވާހަކަތައް ދެކެވިފައިވެއެވެ. ޝައިބާނީގެ މުސައްނަފުގައި މި މައްސަލައާ ބެހޭ ބާބެއް އޮވެއެވެ. އައްޠޫފީ ވެސް މި މައްސަލައާ ބެހޭ ގޮތުން ރިސާލާއެއް ލިޔުއްވިއެވެ. ރިސާލަތު އައްތޫފީ ފީ ރިއާޔަތި އަލްމަސްލަހާ، މިރިސާލަތެވެ. އަދި، އިބްނު އަލްގައްޔިމު އޭނާގެ އިއުލާމުގައި ވެސް މިމައްސަލައިގެ މައްޗަށް ބައްލަވާލައްވާފައި ވެއެވެ. މީގެ އިތުރުން މިޒަމާނުގައި ވެސް އެތައް އިލްމުވެރިންނެއް މި މައްސަލަ ބަހުސްކުރައްވާފައިވެއެވެ. ސައްޔިދު އަހުމަދު ޚާނާއި، އައްލާމާ އިގުބާލާއި އަދި ފަޒްލުއްރަހުމާނު ފަދަ އިލްމުވެރިންނެވެ. މި މައްސަލައާ ބެހޭ ގޮތުން މި ނަންގަތް މިޒަމާނުގެ އިލްމުވެރި ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކުގެ ޚުލާސާއަކީ މުޖުތަމަކީ މައްސަލަތަކާ ބެހޭ ހުކުމްތަކުގައި، އެކަމަކަށް ހެކި ލިބެން އޮތް ނަމަ، އިސްކަން ދެވޭނީ އެ މައްސަލަތަކުގެ މަގުސަދުތަކަށްކަމެވެ. އެކަމުގެ ހެކި ލިބިގަނެވޭނީ ކީރިތި ގުރުއާނުގައި އެފަދަ ހުކުމްތައް ބަޔާންކުރެވިފައިވާ ސީޣާއަށާއި، އެފަދަ ހުކުމްތައް ހިންގާލެއްވުމުގައި ކީރިތި ރަސޫލާގެ އަމަލުފުޅުތައް ބަހައްޓަވާފައި ހުރީ ކިހިނެއްކަމާއި އަދި، އަސްހާބު ބޭކަލުން، ޚާއްސަ ގޮތެއްގައި ޚުލަފާއުއް ރާޝިދީންގެ ދުވަސްވަރު ކަންތައްތައްކުރެވިފައި އޮތީ ކިހިނެއްތޯއާއި މިކަންކަމުގެ މައްޗަށް ބެލުމަށްފަހުއެވެ. މީގެ އިތުރުން، ޝަރުއީ ނައްސަތުތަކާ ފުށުއަރާ ގޮތަށް އެއްވެސް މައްސަލައެއް ނުނިންމޭނޭ ކަމަށް ވިދާޅުވާ، އިހާރާއި މިހާރުގެ ވެސް، އެތައް އިލްމުވެރިންނެއް ހިމެނިވަޑައިގަންނަވައެވެ. އެހެންވެ، މި މައްސަލައަކީ ދެތިން ސަފުހާއަކުން ލިޔެ ނިންމާލެވޭނޭ މައްސަލައަކަށް ނުވާތީ އެއްޗެއް ނުބުނަން ހުރީއެވެ. ނަމަވެސް، ބައެއް ރައްޓެހިންގެ އެދުމުގެ މަތިން، ވަރަށް ކުރުކޮށް ނަމަވެސް، އެއްޗެއް ބުނެލަން ގަސްދުކޮށް، މި ލިޔުން ލިޔެލީއެވެ. ފަހަރެއްގައި ވެސް މިއީ މި މައްސަލައާ ބެހޭ ފަހުގެ ބަހެއް ނޫނެވެ. މި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކާއިރު ހަނދާނުގައި ބަހައްޓަން ޖެހޭނޭ ކަމަށް ފެންނަ ބައެއް ކަންކަން ފާހަގަކޮށްލުމުގެ ގޮތުން ބުނެލާ ވާހަކައެކެވެ.
މިތަނުގައި އެންމެ ފުރަތަމަ ކޮށްލަންޖެހޭ ސުއާލަކީ ހެކީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދެން ކީރިތި ގުރުއާނުގައި ހެކީގެ މައްސަލަ އޮތީ ކިހިނެއްތޯއެވެ؟ ދެން އެއަށް ފަހު ޒިނޭގެ މައްސަލަ ސާބިތުވުމުގައި ހެކި އޮތީ ކިހިނެއްތޯއެވެ؟ ދެން މި މައްސަލައާ ގުޅޭ މުހިއްމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލަން ޖެހެއެވެ.
ހެކީގެ ބޭނުން
ހެކީގެ ބޭނުކަމީ ކަމެއް ސާބިތުކުރުން ނޫނީ ނަފީކުރުމެވެ. ޝައްކެއް ނެތް ގޮތުގައި ކަމަކަށް އިއުތިރާފުވުން އެއީ ކަމެއް ސާބިތުކުރަމަށް ބެލެވިދާނޭ އެންމެ އިސްކަން ދެވޭ އެންމެ ސާބިތުކަން ބޮޑު ގޮތެވެ. އެ އިއުތިރާފުވާ ވުމަކީ ހަމަ ބުއްދީގައި ހުރެ، ތަސައްރުފު ފުދިގެންވާ މީހަކު އެއްވެސް މަޖުބޫރުކަމެއް ނެތިވާ އިއުތިރާފުވެމެއް ކަމަށް ވެއްޖެނަމައެވެ. މީގެ އިތުރުން، އިހުގައި، ދެން އޮންނަނީ ހެކިވެރިންގެ ހެކި ބަހެވެ. ތަސައްރުފު ފުދިވައިވާ، އަދުލުވެރި، އެބަހީ ތެދުވެރި، ހެކިވެރިންގެ ހެކިބަހެވެ.
ކީރިތި ގުރުއާނުގައި ހެކީގެ މައްސަލަ
ކީރިތި ގުރުއާނުގައި އެކި ސިފަ ސިފައިގައި ހެކީގެ މައްސަލަ އައިސްފައިވެއެވެ. އެންމެ ހެއްކަކުން ފުއްދާލެވޭ ފަދަ މައްސަލަތަކެވެ. ދެހެކި ބޭނުންވާ މައްސަލަތަކެވެ. އަދި ބައެއް ފަހަރު ހެކީގެ ޖިންސު ކަނޑައެޅިފައިވާ މައްސަލަ ވެސް އެބަ ހުއްޓެވެ. މި ހުރިހާ މައްސަލަތަކެއްގައި ވެސް މަގުސަދަކީ ހައްގު ރައްކާތެރިކުރުމާއި ހައްގު ހޯދައި ކަނޑައެޅުމެވެ.
ޒިނޭގެ މައްސަލަ ސާބިތުވުމުގައި ހެކި
ޝައްކެއްނެތް ގޮތުގައި ޒިނޭގެ މައްސަލަ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުކުރުމުގައި ކީރިތި ގުރުއާނުގައި ހަތަރު ހެކިންގެ ހެކިބަސް ބޭނުން ޖެހޭނޭ ކަމަށް ކަނޑައެޅިފައި އޮވެއެވެ. ސުއާލަކީ، ހެކީގެ މައްޗަށް ބިނާކޮށް، މިނޫން ގޮތަކަށް ޒިނޭ ސާބިތުކުރެވިދާނެ ހެއްޔެވެ؟
މި ސުއާލުގެ ޖަވާބެއް ހޯދުމުގެ ކުރިން،ބަލާލަން ޖެހޭ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ޝަރީއަތުގައި މިމައްސަލަ ގުޅެނީ ކޮން ބާވަތެއްގެ ހުކުމްތަކާކަމާއި އަދި މިމައްސަލަ ހިމެނޭ ބާވަތް ބިނާވާ އަސްލު މަގުސަދު ކޮބައިކަން ދެނެގަތުމެވެ.
މައްސަލައާ ގުޅޭ މަގުސަދު
ޒިނޭގެ މައްސަލަ، އޭގެ މައްޗަށް އެންމެ ފުޅާ ގޮތެއްގައި ބަލާލާއިރު، ގުޅެނީ މުޖުތަމައީ މައްސަލަތަކާއެވެ. މާނައަކީ މުޖުތަމައުގެ ގުޅުންތައް އިންތިޒާމުކޮށް ހިންގުމާ ބެހޭ މައްސަލަތަކެވެ. މި ބައިގެ ތެރޭގައި މުއާމަލާތުތަކުގެބަޔާއި ކައިވެންޏާއި ވަރީގެބަޔާއި ހުދޫދާއި އަނިޔާއާއި ގިސާސުގެ ބައި ހިމެނެއެވެ. އިސްލާމީ ފިގުހުގައި ޒިނޭގެ މައްސަލަ ހިމެނިފައި އޮންނަނީ ހުދޫދުގެ ބައިގެ ތެރޭގައެވެ.
އިސްލާމީ ޝަރިއަތުގައި މުޖުތަމައީ ހުރިހާ މައްސަލައެއްގެ މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުމެވެ. އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ކަނޑައަޅުއްވާފައިވާ ފަދައިންނެވެ. މާތްރަސްކަލާނގެ ކަލޭމެންނަށް އަމުރުކުރައްވަނީ އަދުލު އިންސާފު ގާއިމުކުރުމަށެވެ. މީގެ މާނައަކީ މުޖުތަމައީ ހުރިހާ ހުކުމްތަކެއްގެ އަމާޒަކީ އަދުލު އިންސާފު ގާއިމުކުރުމެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، އެންމެންގެ މައްޗަށް، ހަމަހަމަ ގޮތެއްގައި، ހުކުމްތައް ހިންގާލުމެވެ. އެހެންވެ، މި މައްސަލައިގައްޔާއި އަދިވެސް މުޖުތަމައީ ހުކުމްތަކާ ބެހޭ އެހެން މައްސަލަތައް ވެސް ބަހުސްކުރާއިރު މި ނުކުތާ ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ މަގުސަދެވެ.
ޒިނޭގެ މައްސަލައާ ބެހޭ ގޮތުން ދެވަނައަށް ފާހަގަކޮށްލަން ޖެހެނީ، ހަތަރު ހެކީގެ މައްޗަށް ބިނާކޮށް، ޒިނޭ ސާބިތުކުރުން ކަނޑައެޅިފައި އޮންނަނީ ވަކި މަގުސަދެއްގައި ކަމެވެ. އެއީ ޒިނޭ ނުކުރާ މީހާގެ އަބުރު ރައްކާތެރި ކުރުމަށެވެ. ނޫރު ސޫރަތުގެ އެކަމާ ބެހޭ އާޔަތުގައި ވެސް އޮންނަނީ އެފަދައިންނެވެ. ‘މުހުސަނާއިންނަށް’ އިއްފަތްތެރި އަންހެނުންނަށް ޒިނޭގެ ދޮގު ތުހުމަތުކޮށް، ހަތަރު ހެކިންގެ ހެކިބަސް ނުދެއްކިއްޖެ ނަމަ، ގަޛުފުގެ ހައްދުޖެހުމަށެވެ. އެއާޔަތުގެ މަގުސަދަކީ، ފަހަރެއްގައި ވެސް، ޒިނޭ ކުރި މީހަކު އެކަމުން ބޯދަމައިގަތުމުގެ މަގު ފަހިކޮށްދީ އޭނާއަށް އެކަންކުރުމަށް އެހީވުމެއް ނޫނެވެ. އެކަމުގެ މަގުސަދަކީ ޒިނޭކުރާ ފިރިހެން މީހާ، ޒިނޭކުރުމަށް ފަހު، ދޮގު ހަދައި، އެކަމުން ރެކިގަނެވޭނޭ ފުރުސަތު ދިނުން ކަމަށް ވެއްޖެ ނަމަ، ޝަރީއަތުގެ ހުކުމްތަކުގެ މުޖުތަމައީ މަގުސަދުކަމުގައިވާ ހަމަހަމަކަމާއި އަދުލުއިންސާފު ގެއްލިގެން ދިޔައީއެވެ.
މި ނަންގަތް ދެ ނުކުތާގެ މައްޗަށް ބަލައި، ޒިނޭ ސާބިތުކުރުމުގައި ހަތަރު ހެކިވެރިންގެ ހެކިބަސް ނޫންގޮތަކަށް ޒިނޭ ސާބިތުކުރިވެދާނޭތޯ ސުއާލުކޮށްލުމުން، ކުރިން ފާހަގަކޮށްލި ސުވާލު މަތިން ހަނދާންކޮށްލަން ޖެހެއެވެ. ޒިނޭ ސާބިތުކުރުމަށްޓަކައި ހެކި ހޯދަން އުޅެނީ ކޮން މަގުސަދެއްގައި ތޯއެވެ؟ އެއްވެސް ކުށެއް ނެތް މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު އިލްޒާމެއް އަޅުވައި އެމީހާގެ އަބުރު ކަތިލުމަށްޓަކައި ހެއްޔެވެ؟ ނޫނީ ޒިނޭކޮށްފައި ދޮގު ހަދައި، އެކަމުން ރެކިގަތުމަށް މަގު ފަހިކޮށްދޭން ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ފުރަތަމަ ހާލަތުގައި އާދެ، ކުށެއް ނެތް މީހެއްގެ ބޮލުގައި ޒިނޭގެ ކުށް އެޅުވޭނޭ ގޮތް ހެދިގެން ނުވާނެއެވެ. އެހެންވެ، އެކަން ސާބިތުކުރުން، އުނދަގޫކުރެވިފައިވެއެވެ. ހަތަރު ހެކިންގެ ހެކިބަސް ދައްކަން ޖެހިފައި އޮތުމުންނެވެ. ނަމަވެސް، ދެވަނަ ހާލަތުގައި، މާނައަކީ ޒިނޭކުރުމަށް ފަހު، އެކަމުން ރެކިގަންނަން އުޅޭކަން ޝަރީއަތުގެ މަޖުލިހަށް ފާހަގަކުރެވިއްޖެ ނަމަ، ހަތަރު ހެކިން ނެތް ނަމަ، އެނޫން އެހެން ގަރީނާތައް ބޭނުންކޮށްގެން ވެސް، ޒިނޭ ސާބިތުކުރުމަކީ ޝަރުއީ ގޮތުން ނެތް ކަމެކޭ ބުނެވޭ ކަށެއް ނެތެވެ. ތިރީގައި ނަންގަނެވޭ ހެކިތަކުގެ މައްޗަށް ރިއާއަތްކުރެވިގެންނެވެ. އަދި، ޒިނޭ ކުރި މީހާއަށް އެފަދަ ހީލަތެއް ބޭނުންކޮށްގެން އޭނާ ކުރިކަމަކުން ރެކިގަނެވޭނޭ މަގުފަހިވެގެން ދިޔަ ނުދިނުމަށްޓަކައިވެސް މެއެވެ.
މިކަމަށް ލިބޭ ޝަރުއީ އެތައް ހެކިތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ އުސާމަތުގެފާނުގެ ބައްޕާފުޅަކީ ޒައިދުގެފާނުކަން ނިންމެވީ ‘ގާއިފެއް’ – އެބަހީ ފައިގެ ނޫނީ އެހެންވެސް ގުނަވަންތަކުގެ އެއްގޮތްކަމުގެ މައްޗަށް ބަލައި ދަރިލެއްވުންކަނޑައަޅާ ތަޖުރިބާކާރު – ކަމުގައިވާ މުޖްޒިރު އަލް-މުދްލަޖިއްޔުގެ ނިންމެވުން ހިމެނެއެވެ. ޒައިދުގެފާނާއި އުސާމަތުގެފާނުގެ ފައިތިލަފުޅު ބެއްލެވުމަށްފަހު މި ނަންގަތް ގާއިފު ވިދާޅުވީ “މި ފައިތަލިފުޅު އައީ ހަމަ އެ ފައިތިލަފުޅުންނެވެ.” (ސުނަނު ބައިޙަޤީ، ދިހަވަނަ ޖިލްދުގެ 262ވަނަ ސަފުހާ.) އުސާމާގެ ބައްޕާފުޅަކީ ޒައިދުކަމާ މެދު ސުއާލު އުފެދުނީ ދެބޭކަލުންގެ ހަމުގެ ކުލަ ވަރަށް ބޮޑަށް ތަފާތުވުމުންނެވެ. އެއްބޭފުޅެއްގެ ހަމުގެ ކުލަ ވަރަށް ކަޅުވެފައި އަނެއް ބޭފުޅެއްގެ ހަމުގެ ކުލަ ވަރަށް ދޮންވުމުންނެވެ. މި ހަދީސް ބުޚާރީގެ ސަހީހުގައްޔާއި (ހަދީސް ނަމްބަރު: 3394) އަދި މުސްލިމުގެ ސަހީހު ހަދީސް ފޮތުގައި (ހަދީސް ނަންބަރު: 2741) ލިޔެވިފައި ވެއެވެ. ބުޚާރީގެ ޖާމިއުގައި ހަދީސްގެ އިބާރާތް އޮތީ މިފަދައިންނެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا مَسْرُورًا، تَبْرُقُ أَسَارِيرُ وَجْهِهِ، فَقَالَ: أَلَمْ تَسْمَعِي مَا قَالَ المُدْلِجِيُّ لِزَيْدٍ، وَأُسَامَةَ، وَرَأَى أَقْدَامَهُمَا: إِنَّ بَعْضَ هَذِهِ الأَقْدَامِ مِنْ بَعْضٍ. (މާތް ރަސްކަލާނގެ ރުއްސުންލެއްވި އާއިޝަތުގެފާނުންގެ ކިބައިން ރިވާކުރެވިގެން ވެއެވެ. ސަލާމާއި ސަލަވާތްލެއްވި މާތްރަސްކަލާނގެ ރަސޫލާ އުފާފުޅުވެވަޑައިގެން ގޮސް، އެކަލޭގެފާނުންގެ ނިތްކުރިފުޅު މަތީގެ ރޫތައް ވިދާބަބުޅާ ހާލު، އެކަމަނާ އަރިހަށް ވެދެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. އަލްމުދްލިޖިއްޔު ޒައިދާއި އުސާމާއަށް ވިދާޅުވި ވާހަކަ ކަމަނާ ނާއްސަވަމުތޯއެވެ. އޭނޭ އެދެބޭކަލުންގެ ފައިތިލަފުޅު ބައްލެވިއެވެ. އަދި ވިދާޅުވިއެވެ. މި ފައިތަލަފުޅަކީ ހަމަ އެ ފައިތިލަފުޅުން އައިސްފައިވާ ފައިތިލަފުޅެކެވެ.” މިހަދީސާއި އަދި މި ކަމަކާ ގުޅޭ ބައެއް އެހެން ހަދީސްތަކުގެ މައްޗަށް ބިނާކޮށް، ނަސަބު ކަނޑައެޅުމުގައި ގިޔާފަތަކީ (ފައިތިލައާއި އަދި އެހެނިހެން ގުނަވަންތަކުގެ އެއްގޮތް ކަމުގެ މައްޗަށް ބެލުން) އިހުގެ ގިނަ ފިގުހު އިލްމުވެރިންގެ ނަޒަރުގައި މުއުތަބަރު ހެއްކެކެވެ. (ވަހްބާ އައްޒުހައިލީގެ އަލްފިގްހު ވައަދިއްލަތުހޫ 7ވަނ ޖިލްދުގެ 680ވަނަ ސަފުހާ.) މީގެ އިތުރުން، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުވެސް، ގިޔާފަތުގެ މައްޗަށް ބިނާކުރައްވައި ނަސަބު ކަނޑައެޅުއްވައި ނަސަބާ ބެހޭ މައްސަލަތައް ނިންމެވިއެވެ. (އައްޒުހައިލީގެ އިސްލާމީގެ އަލްފިގުހު 7ވަނަ ޖިލްދުގެ 680 އަދި 681ވަނަ ސަފުހާ.) އެހެން ކަމަށްވާއިރު މިކަމުގެ މައްޗަށް ގިޔާސްކޮށް، ޑީ.އެން.އޭ. ހެއްކެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތެވެ. ހަމަ ޔަގީންނުންވެސް، ޑި.އެން.އޭ. އިން ލިބޭ ހެކި ގިޔާފަތުން ލިބޭ ހެއްކަށް ވުރެ އިތުބާރު ކުޑައެއް ނުވާނެއެވެ.
ދެން، ހުރި މައްސަލަތަކަކީ، ކަނޑައެޅިގެން ވަކި ގޮތަކަށް ޝަރުއީ ނައްސު އޮއްވައި، ނައްސުގެ ލަފްޒީ މާނައިގެ މައްޗަށް ބިނާކޮށް ހުކުމް ހިންގާލުމުން އަދުލު އިންސާފުން އެއްކިބާވެއްޖެކަމަށް ބެލެވިގެން، އަދުލު އިންސާފުގެ މައްޗަށް ބިނާކޮށް އާ ހުކުމެއް ކުރި މައްސަލަތަކެވެ. މީގެ ދެތިން މިސާލެއް ލިޔަލާނަމެވެ.
އެންމެ ފުރަތަމަ މިސާލަކީ އިސްލާމީ ފިގުހުގައި ‘އުއްމުލް ވަލަދި’ގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައެވެ. އުއްމުލް ވަލަދިގެ މައްސަލައަކީ ތިމާ މީހާގެ އަޅު އަންހެނަކަށް ތިމާއަށް ބަލިވެއިނދެ ކުއްޖަކު ލިބުމަށް ފަހު، އެ އަޅު އަންހެނާ ވިއްކާލުމުގެ މައްސަލައެވެ. މިކަމަކީ ކުރިއްސުރެ ކުރެވެމުން އައި މުއާމަލާތެއް ކަމުގައި ވިޔަސް، ތިމާ މީހާގެ ދަރިފުޅުގެ މަންމަ ވިއްކާލުމަކީ އަދުލު އިންސާފުގެ ހަމައާއި އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފުކަމަކަށް ވުމުން، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު މިކަމާމެދު ފިޔަވަޅު އަޅައި މިކަން މަނާ ކުރެވުނީއެވެ. އަދި، ތިމާ މީހާގެ އަޅު އަންހެނާއަށް ދަރިއަކު ލިބިއްޖެ ނަމަ، އެ އަންހެން މީހާ ސީދާ މިނިވަންވީކަމާއި އަދި، އޭނާގެ މައްޗަށް ދެން ހިނގާނީ މިނިވަނެއްގެ ހުކުންކަމުގައި އުމަރުގެފާނު ކަނޑުއަޅުއްވައި ނިންމެވިއެވެ.
މިފަދަ އަނެއް މައްސަލައަކީ ވާރުތައާ ބެހޭ މައްސަލައެކެވެ. އެދުވަސް ވަރުގެ ކަންތައްތަކަށް ބަލައި އަދުލު އިންސާފުން އެއްކިބާވާ ކަމަށް ފެނުމުން، އިސްލާހު ގެނެވުނު މައްސަލައެކެވެ. އެއް މައްސަލައަކީ ވާރުތަ ވެރިންގެ ގޮތުގައި ފިރިއަކާއި މައިންބަފައިން ތިބި މައްސަލައެކެވެ. ކީރިތި ގުރުއާނުގެ ވާރުތައިގެ ގަވާއިދުތައް، އަކުރުން އަކުރަށް ހިންގާލައިފި ނަމަ، ބައްޕައަށް ލިބޭ މިންވަރު މަދުވުމުން، އެކަން އިސްލާހުކޮށް، ބައްޕައަށް ތިންބައިކޮށްފައި އެއްބައި ލިބޭ ގޮތަށް އުމަރުގެފާނު އިސްލާހުގެންނެވިއެވެ. މީގެ އަނެއް މައްސަލައަކީ ވާރުތަވެރިންގެ ގޮތުގައި އަނތްބަކާއި މައިންބަފައިން ތިބި މައްސަލައެވެ. މި މައްސަލަ ވެސް، ބައްޕައަށް ލިބޭ މިންވަރު އިތުރުވާނޭ ގޮތަށް އުމަރުގެފާނު ނިންމެވިއެވެ. މި ދެ މައްސަލަ މަޝްހޫރުވެފައިވަނީ އުމަރުގެފާނުގެ ދެ މައްސަލައިގެ (އަލްއުމަރިއްޔަތައިނި) ނަމުންނެވެ. މިފަދަ އެހެން މައްސަލަތައް ވެސް އެބަ ހުއްޓެވެ. ކަނޑައެޅިފައި އޮންނަ ނައްސު، އަކުރުން އަކުރަށް ހިންގާލުމުން، އަދުލު އިންސާފު ގާއިމު ނުވާކަމަށް ބެލެވި، އިސްލާހުގެ ގެނެވުނު މައްސަލަތަކެވެ. (ބޭނުން މީހަކަށް މީގެ ތަފްސީލު ކިޔައިދެވިދާނެއެވެ)
މިމައްސަލަތުން، ޚާއްސަ ގޮތެއްގައި ގިޔާފަތު (ފައިތިލައިގެ އެއްގޮތްކަން ބަލައި ބައްޕަ ކަނޑައަޅާލުން) އަންގައި ދެނީ، ޒިނޭގެ މައްސަލަތަކުގައި ވެސް، ހެކީގެ ގޮތުގައި އެހެނިހެން ގަރީނާތައް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމެވެ. އަސަރީ ގަރީނާތަކާއި އަދި ޑީ.އެން.އޭ. ފަދަ ގަރީނާތަކެވެ. ސަބަބަކީ ހެއްކާއި ގަރީނާގެ ބޭނުމަކީ ހައްގާއި ހަމައަށް ވާސިލު ވުމެވެ. ވަކި ގޮތަކަށް ހެކީގެ މައްސަލަ ކަނޑައެޅިފައި އޮތުމަކީ ހައްގާ ހަމައަށް ވާސިލުވެވޭނީ ހަމައެކަނި އެ މަގުން ކަމުގައި ބަޔާންކުރުމެއް ނޫނެވެ. މަތީގައި ނަންގަތް ހަދީސާއި އަސްހާބު ބޭކަލުންގެ ނިންމެވުންތަކުން ވެސް އެނގޭފަދައިންނެވެ. މީގެ މާނައަކީ އަސަރީ ގަރީނާތަކާއި އަދި ޑީ.އެން.އޭ. ފަދަ ގަރީނާތަކަކީ އެކަމުގައި މައްސަލަތައް ނެތް ކަންކަމަށް ބުނުމެއް ނޫނެވެ. ޚުދު ހެކި ބަހަކީ ވެސް މައްސަލަ ނެތް ކަމެއް ނޫނެވެ. އަދުގެ ކަމާ ބެހޭ ބައެއް ދިރާސާތުތައް އަންގައިދެނީ ހެކި ބަހުގައި ވެސް އެތައް މައްސަލަތަކެއް ހުންނަކަމެވެ. ބައެއް ހާލަތްތަކުގައި ތިމަންނާ ދުށީމޭ ބުނެ ބުނާ ވާހަކައަކީ، ހަގީގަތާ އެއްގޮތް ނުވެ، އެބުނާ މީހާގެ ޚިޔާލަށް ފެންނަ އެއްޗަކަށްވެސް ވެފައި ހުރެދާނެއެވެ. އެހެންވެ، ކޮންމެ ފަދަ ހެއްކަކީ ވެސް އެކަމުގައި މައްސަލަ ހުރެދާނެ ކަންކަމެވެ. ހެކީގެ ވަރުގަދަކަން ނުވަތަ ނޫންކަން ބަލާނީ ޝަރުއީ ކޯޓުތަކުން ކަމާ ބެހޭ ތަޖުރިބާކާރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، މީގެ މާނައަކީ އުސޫލެއްގެ ގޮތުން އަސަރީ ހެއްކާއި ޑީ.އެން.އޭ.ގެ އެހީގައި ލިބޭ ހެކިބަސް، ޝަރުއީ ގޮތުން ކަމު ނުގޮސް، ބަލައި ނުގަނެވޭނޭ ވާހަކައެއް ނޫނެވެ.
މިފަދަ މައްސަލަތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުން މުހިއްމެވެ. ކީރިތި ގުރުއާނާއި އަދި އިތުރު އެކަލޭގެފާންގެ ސުންނަތާއި އަދި ޚުލަފާއުއްރާޝިދީންގެ ދުވަސްވަރު މައްސަލަތައް ނިންމާފައި ހުރި ގޮތްތައް ވެސް ބަލައި އެކަމުގެ އަލީގައެވެ. އަދި، އިސްލާމީ ޝަރީއަތުގެ ހުކުމްތަކުގެ މުޖުތަމައީ މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުންކަން ވެސް ހަނދާނުގައި ބަހައްޓައިގެންނެވެ. ޝަރުއީ ހުރިހާ ހުކުމުތަކެއް ވެސް ބަލަން ޖެހޭނީ މި މައި މަގްސަދުގެ އަލީގައެވެ. އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އޮތް ފަދައިން، އެކަލާނގެ އަޅުތަކުންނަށް މާތްރަސްކަލާނގެ އަމުރުކުރައްވަނީ، އަދުލު އިންސާފު ގާއިމުކުރުމަށެވެ. އާދެ، ޝަރީއަތުގެ ހުކުމްތަކުގެ ބޭނުމަކީ މިއެވެ. ނަމެއްގައި އެކަން ހިންގާލުމެއް ނޫނެވެ. އެ ހުކުމްތަކުގެ ބޭނުން ހިފައިގެން، އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި، އަދުލު އިންސާފު ގާއިމުކުރުމެވެ. ކުށެއް ކޮށްފައި، އެކަމުން ބޯ ދަމައިގަތުމުގެ މަގުފަހިކޮށްދިނުމަކީ ކީރިތި ގުރުއާނުގައި ބާރުއަޅާފައި އޮތް ހަމަހަމަކާއި އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ އަދި، ޒިނޭ ފަދަ ކުށެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދަރިއަކު ލިބި، އެކަމުގެ ޒިންމާ އުފުލުމުން ވެސް ރެކިގަތުމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުމަކީ އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ޒިނޭގެ ކުށުގެ ޒިންމާ ހަމައެކަނި އަންހެން މީހާ އުފުލަން ޖެއްސުމަކީ އަދުލު އިންސާފުކަމުގައި ބެލެވިދާނެ ހެއްޔެވެ؟ އަދުލު އިންސާފު ގާއިމުވެދިޔުމަށްޓަކައި އުމަރުގެފާނު ބަދަލުގެންނަވައި އިސްލާހުގެންނެވި މަތީގައި ނަންގަނެވިދިޔަ މައްސަލަތަކުން ސާފުކޮށް ފެނިގެންދަނީ ހަމަހަމަކަމާއި އިންސާފު ގާއިމުވެ ދިޔުމަށްޓަކައި ޝަރުއީ ނައްސުތައް އަލުން މާނަކުރެވި ފިގުހީ ހުކުމްތައް އިސްލާހުކުރުމުގެ ޖާގަ އޮތްކަމެވެ.


